ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޢަލީ ނިޒާރު
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޢަލީ ނިޒާރު
އަންހެނުންގެ ކޮމިޓީތަކުގެ މެމްބަރުންނަށް އެކަށީގެންވާ އުޖޫރައެއް ދިނުމަށް އައްޑޫ ސިޓީގެ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރަށްވާ ޢަލީ ނިޒާރު ގޮވާލައްވައިފިއެވެ.

އަންނަ އޭޕްރިލް މަހުގެ ދިހަ ވަނަ ދުވަހު ބާއްވާ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި، ޖުމްލަ 930 މެމްބަރުން އިންތިހާބު ކުރަން ޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ވަނީ ބުނެފައެވެ. އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް 1،817 ކެންޑިޑޭޓުން ކުރިމަތިލާފައިވާ ކަމަށެވެ.

އަލަށް އިންތިޚާބުކުރާ އަންހެނުންގެ ކޮމިޓީތަކުގެ މެމްބަރުންނަށް މާލީ ޢިނާޔަތެއް ދިނުމާ ގުޅޭ ގޮތުން ޢަލީ ނިޒާރު ވިދާޅުވީ، އަންހެނުންގެ ކޮމިޓީތަކަކީ ކައުންސިލްގެ އިޖްތިމާޢީ ފަށަލަ ކަމަށެވެ. އަދި އެ ކޮމިޓީ ތަކަކީ އަންހެނުން ސިޔާސީ ދާއިރާއަށް ނެރެ ބާރުވެރި ކުރެވޭ ވަސީލަތެއް ކަމަށް ޢަލީ ނިޒާރު ވިދާޅުވިއެވެ. އެހެންކަމުން އެ ކޮމިޓީތަކުގެ މެމްބަރުންނަށް އުޖޫރައެއް ލިބެން ޖެހޭކަން ޢަލީ ނިޒާރު ފާހަގަކުރެއްވިއެވެ.

"އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ހިލޭ ސާބަހަށް މަސައްކަތް ކުރަން ޖެހުމަކީ ކަމުގެ މަޤްޞަދު ޙާސިލު ނުވެދާނެ ކަމެއް. އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންނަށް އެކަށީގެންވާ އުޖޫރައެއް ލިބެންޖެހޭ." ޢަލީ ނިޒާރު ވިދާޅުވެފައި ވެއެވެ.



ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި، ރަށު ކައުންސިލުގެ މެންބަރުންގެ ގޮތުގައި 923 ކެންޑިޑޭޓަކު އިންތިޚާބުކުރާއިރު، ސިޓީ ކައުންސިލަރުންގެ ގޮތުގައި އިންތިޚާބުކުރަން ނިންމާފައިވަނީ، 39 ކެންޑިޑޭޓެކެވެ. މީގެ އިތުރުން، ރަށު ކައުންސިލު މެންބަރުކަމަށް 372 އަންހެނުން އިންތިޚާބުކުރަން ނިންމާފައިވާއިރު، ސިޓީ ކައުންސިލުތަކަށް އިންތިޚާބުކުރަން ނިންމާފައިވަނީ 12 އަންހެނުންނެނެވެ.

އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު ވެސް ބާއްވަނީ ލޯކަލް ކައުންސިލް ތަކުގެ އިންތިހާބުވެސް ބާއްވާ ދުވަހެވެ. މިއީ ދެ އިންތިހާބެއް އެއް ދުވަހަކު ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން