ޑރ. މުޙައްމަދު ޖަމީލް އަޙްމަދު (ކ) އާއި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން
ޑރ. މުޙައްމަދު ޖަމީލް އަޙްމަދު (ކ) އާއި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން
އިދިކޮޅު ފަރާތްތަކުން އިންޑިއާ އައުޓް ކެމްޕޭން ކުރިއަށް ގެންދަނިކޮށް ރައީސް ޔާމީން މިނިވަން ކުރުމަށް އިންޑިއާގެ އެހީތެރިކަމަށް ކުރީގެ ނައިބުރައީސް އަދި ޕީޕީއެމްގެ އެޑްވައިޒަރު ޑރ. މުޙައްމަދު ޖަމީލް އަޙްމަދު އެދިވަޑައިގެންފިއެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން 5 އަހަރަށް ޖަލަށް ލުމަށާއި، 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ވަނީ ޙުކުމް ކޮށްފައެވެ. އަދި އެ ޙުކުމް ހައިކޯޓުގައި ރައީސް ޔާމީން އިސްތިއުނާފް ކުރެއްވުމުން ހައިކޯޓުންވެސް ވަނީ ދަށުކޯޓުގެ ޙުކުމަށް ތާޢީދު ކޮށްފައެވެ. އެހެން ކަމުން ރައީސް ޔާމީން މިވަގުތު ގެންދަވަނީ މާފުށީ ޖަލުގައި އެ ޙުކުމް ތަންފީޛު ކުރަށްވަމުންނެވެ. މި މައްސަލަތަކުގައި ރައީސް ޔާމީންގެ ދިފާޢީ ވަކީލުންގެ ޓީމްގެ އިސް ވަކީލަކީ ޑރ. ޖަމީލެވެ.

ރައީސް ޔާމީންގެ ޖަލު ޙުކުމާ ގުޅިގެން ރައީސް ޔާމީންގެ ފުރަތަމަ ނާއިބު ރައީސް، އަދި ފަހުން އިތުބާރު ނެތްކަމަށް ފާސްކޮށް ނައިބުރައީސްކަމުން ވަކިކުރެއްވި ޑރ. ޖަމީލް ވަނީ، އިންޑިއާ ކަނޑުގެ ހަމަޖެހުމަށްޓަކައި ރައީސް ޔާމީން ދޫކޮށްލުމަށް ދިވެހި ސަރުކާރަށް ބާރު އަޅުއްވައި ދެއްވުމަށް ސަރަޙައްދީ ޤައުމުތަކުގެ ލީޑަރުންނަށް ގޮވާލައްވާފައެވެ. އެގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި، ސްރީލަންކާގެ ރައީސް ރާޖަޕަކްސަ އާއި، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާނަށް ޑރ. ޖަމީލް ގެ މި ގޮވާލެއްވުން އަމާޒު ކުރަށްވާފައިވެއެވެ.

ޑރ. ޖަމީލް ވިދާޅުވެފައި ވަނީ ރައީސް ޔާމީންގެ އިތުރުން އިދިކޮޅު ސިޔާސީ ލީޑަރުންތަކެއްވެސް މިވަގުތު ޖަލުގައި ހައްޔަރުކޮށްފައިވާކަމަށެވެ. އަދި ރާއްޖޭގެ ހަމަޖެހުމަކީ އިންޑިއާކަނޑުގެ ހަމަޖެހުން ކަމަށް ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމަށް މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުންނާއެކު އިނގިރޭސިވިލާތުން ސިޔާސީ ޙިމާޔަތް ހޯއްދައިގެން ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. ޖަމީލް ވިދާޅުވީ ރައީސް ޔާމީން ޖަލަށް ލާފައިވަނީ ޖޭއެސްސީ އިސްވެއޮވެ ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވައިގެން އުފައްދާފައިވާ އަސްލެއްނެތް ސިޔާސީ ދަޢުވާތަކެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.



ޑރ. ޖަމީލް މީގެ ކުރިން ވިދާޅުވެފައިވަނީ، ރައީސް ޔާމީންގެ ވެރިކަމުގެ ފުރަތަމަ ހާފް ނިމިގެން ގޮސްފައިވަނީ ޤައުމު ނުދެކޭފަދަ ކޮރަޕްޝަން އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގައިގެން ކަމަށެވެ. އަދި އެއީ އިކޮނޮމިކް ކައުންސިލްގެ ބެލުމުގެ ދަށުން ހިންގާ ތަނެއް ކަމަށާއި، އިކޮނޮމިކް ކައުންސިލްގެ ރައީސް އަކީ ރައީސް ޔާމީން ކަމަށް ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ. އަދި މި ޚިޔާނާތުގެ ސީދާ ޒިންމާ ރައީސް ޔާމީން އުފުއްލަވަން ޖެހޭކަމަށް ޑރ. ޖަމީލް އޭރު ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ރައީސް ޔާމީންގެ ދިފާޢީ ވަކީލުކަން ލިބިވަޑައިގެންނެވުމަށްފަހު ޑރ. ޖަމީލް ވިދާޅުވަމުން ގެންދަވަނީ ރައީސް ޔާމީނަކީ މައުސޫމް ބޭފުޅެއްކަމަށާއި، ރައީސް ޔާމީންގެ މައްޗަށް ޚިޔާނާތާ ގުޅިގެން ކޮށްފައިވަނީ ސިޔާސީ ޙުކުމެއް ކަމަށެވެ. އަދި ޚިޔާނާތުގެ ހުރިހާ ޒިންމާއެއް އުފުއްލަވަން ޖެހޭނީ ޑރ. ޖަމީލަށް ފަހު ރައީސް ޔާމީންގެ ނައިބުރައީސްކަމަށް އައްޔަން ކުރެއްވި އަޙްމަދު އަދީބުކަމަށް ޖަމީލް ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން