އިދިކޮޅު ޕީއެންސީގެ ލީޑަރ އަބްދުއް ރަޙީމް ޢަބްދުﷲ (އަދުރޭ) ވ. އާއި ޝުޖާއު
އިދިކޮޅު ޕީއެންސީގެ ލީޑަރ އަބްދުއް ރަޙީމް ޢަބްދުﷲ (އަދުރޭ) ވ. އާއި ޝުޖާއު
އިދިކޮޅު ފަރާތްތަކުން އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފަށް ކުރިއަށްގެންދާ މަގުމަތީގެ ސީދާ ޙަރަކާތުން އިއްޔެ ހައްޔަރުކުރި ޕީއެންސީގެ ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި ޕީޕީއެމްގެ ނައިބް ރައީސް އިބްރާހިމް ޝުޖާއު ޝަރުތުތަކަކާއެކު މިއަދު ދޫކޮށްލައިފިއެވެ.

އަދުރޭ އާއި ޝުޖާއު އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މަދު ބަޔަކު މާލޭގައި ހުންނަ ހެލްތު މިނިސްޓްރީގެ މައި އޮފީސް ކުރިމަތީގައި އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ ވެކްސިން ނުޖަހާނެ ކަމަށާއި، ސިއްހީ ހިދުމަތްތެރިން ލައްވައި ސިޔާސީ މަންފާއެއް ހާސިލް ކުރުމަށް ހެލްތު މިނިސްްޓްރީން ކުރަމުން ދާ މަސައްކަތް ވަގުތުން ވަގުތައް ހުއްޓާލުމަށް ގޮވާލާ ކުރި މުޒާހަރާގެ ތެރެއިންނެވެ.

އެއަށް ފަހު ރޭ ދޫނިދޫ ބަންދުގައި ބޭތިއްބުމަށް ފަހު މިއަދު ބަންދުގެ މުއްދަތު ޖަހަން ކްރިމިނަލް ކޯޓުން ގެންދިޔުމުން އެ ކޯޓުން ވަނީ ޝަރުތުތަކަކާއި އެކު ދެ ބޭފުޅުން ދޫކޮށްލަން އަމުރުކޮށްފައެވެ. އެގޮތުން މާލެ ސަރަހައްދުން ބޭރަށްދާނަމަ ފުލުހުންގެ ހުއްދަ ލިޔުމަކުން ހޯދުމަށާއި، ތަހުގީގަށް އެއްބާރުލުން ދިނުމަށާއި، ފުލުހުން އަންގާ ގަޑިއާ ތާރީހަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމުގެ އިތުރުން މިހާރު ގެންގުޅޭ ނަންބަރާއި އެޑްރެސް ބަދަލުވެއްޖެނަމަ ފުލުހުންނަށް އެންގުމަށް ވަނީ ޝަރުތު ކޮށްފައެވެ. އަދި މި ޝަރުތުތައް 30 ދުވަހަށް ދެމިގެންދާނެކަމަށްވެސް ކޯޓުން ކަނޑައަޅާފައިވެއެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުން އަވަސް ކުރުމަށް ގޮވާލައި މިމަހު 24 ގައި ބޭއްވި މުޒާހަރާ ތެރެއިން ވެސް އަދުރޭ އާއި ޝުޖާއު ވަނީ ހައްޔަރުކޮށްފައެވެ. އެމީހުން ދޫކޮށްލާފައިވަނީ އެރޭގެ ވަގުތެއްގައެވެ. މިސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް އަޑު އުފުލުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަންނަ ހުކުރު ދުވަހު ބޮޑު މުޒާހަރާއެއް ބޭއްވުމަށް އިދިކޮޅު ކޯލިޝަނުން ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން