ޞާދިރު ޢަލީދީދީ   3 ފެބްރުއަރީ 2021 - 12:25
ވޭނީކަރުނަ
ވޭނީކަރުނަ
41 ވަނަ ބައި

..................

މިއަދު ދަރިފުޅު މާބޮޑަށް ލަސްކޮށްލައި ފީމުއެވެ. ކުޑައިރުކޮޅަކަށް ދިޔަމީހާ ތިޔައައީ ބަރާބަރު ދެގަޑިއިރު ކޮށްފައެވެ.] ދެގަޑިއިރު ވީއެވެ. ދޭނެ ޖަވާބެއް ރަމްލާއަކަށް ނުވިސްނުނެވެ. ހަމަ އެވަގުތު ފޯނުގެ ރަނގަބީލު ވެއްޖެއެވެ. އޭނާ ރިސީވަރު ނަގައިފިއެވެ. އަނެއްކޮޅުން ވާހަކަ ދައްކަނީ މުޢާޒެވެ.

ހަމަ އެއަޑެވެ. ލޯބިން ފުރިފައިވާ އަޑެވެ. މަޑުމައިތިރި އަޑެވެ.

މިއަދު ހަވީރު ނާދެވޭނެ ކަމުގައި އޭނާ ބުންޏެވެ. ދެން އާދެވޭނީ މާދަމާނޫން އަނެއްދުވަހު ހަވީރުއެވެ. އޭނާ މަޢޫޒުގެ ޙާލު އޮޅުން ފިލުވުމަށްފަހު ފޯން ކަނޑާލައިފިއެވެ.

މާދަމާނޫން އަނެއްދުވަހު ހެއްޔެވެ. ނުވަތަ އެއްގަރުނު ފަހުން ހެއްޔެވެ؟ ރަމްލާ ފިނިނޭވާއެއް ދޫކޮށްލިއެވެ. އޭނާ މުޢާޒުއާއި ވަރަށް ދުރަށް އަތުވެއްޖެއެވެ.

ހަވީރު ބުއްބޮއިގެން މަޢޫޒު ނިދައެވެ. އެއީ އޭނާގެ އާދައެވެ. އެއަށްފަހު ރަމްލާ ފޮތް ކިޔައެވެ. ރަނގަޅު ޕްރޮގްރާމެއް ޓީވީގައި އޮތިއްޔާ ބަލާލައެވެ. ނުވަތަ މަޢޫޒުގެ ކޮންމެވެސް އެއްޗެއް ފަހާލައެވެ. އެހެން ނަމަވެސް މިއަދު މަޢޫޒު ނިންދެވުމަށްފަހު އެއްވެސްކަމެއް އޭނާ ނުކުރެއެވެ. ފާޑެއްގެ މޮޔަކަމެއް އޭނާގެ ހިތުގެ މައްޗަށްވަނީ ސަވާރުވެފައެވެ.

އަދި ދަތުރުކުރަންވީ މަގު އެމޮޔަކަން ދެކެފިއެވެ.

ހިތް ބުނަނީއެވެ..... ދާށެވެ. ދާށެވެ. ލޯބިވެރިޔާގެ ގާތަށް ދާށެވެ.

އޭނާ އަމިއްލަ ހިތާދިމާއަށް އަޑުލިއެވެ. މަލާމާތް ކުރިއެވެ. އެއްޗެތި ގޮވިއެވެ. އަމިއްލަ ޙައިޘިއްޔަތާއިމެދު ވިސްނާދިނެވެ. އެކަމަކު އޭނާގެ ފަސްބައިގައި ޖެހުނު އަލިފާންކަނި ގަވައިދުން ދިލަ އުފައްދަމުން ގެންދިޔައެވެ.

ކުރީގައި އޭނާއަށް އެއްވެސްމަގެއް ފެނިފައެއް ނުވެއެވެ. އެހެންކަމުން ކެތްތެރިކަމުގެ ސިލް މޭގާ ޖަހައިގެން އިނީއެވެ. އެކަމަކު މިހާރު ކުރިމަތީގައިވަނީ އާރޯ ފެހިގަސްތަކާއި މާތަކުން ފުރިފައިވާ މަގެކެވެ. ކުރީގެ މަގުގައިވަނީ ވަނުންމަނާ ބޯޑު ހަރުކޮށްފައެވެ. އެހެން ނަމަވެސް މިހާރު ފެންނަން މިއޮތް މަގުގައި ޓްރެފިކްގެ އެއްވެސް ބިރެއްނެތެވެ. ކޮންމެ މީހަކުވެސް އެމީހަކު ދާނެކޮޅަކަށް ރާސްލާފައި ހިނގައިދެއެވެ. އާއެކެވެ. ބައެއް ފަހަރަށް ބިރުވެރި ޙާދިޘާތަކާވެސް ކުރިމަތި ވެދެއެވެ.

ޙާދިޘާ..... މަންމަ..... ބައްޕަ..... މައިދައިތައާއި މުޢާޒު...... ހުރިހާ މީހުން މިޙާދިޘާގެ އަސްލަކަށް ވެދާނެއެވެ.

ނޫނެކެވެ..... ނޫނެކެވެ..... އޭނާ އަމިއްލަ ޟަމީރުގެ މައްޗަށް ބާރު ހިންގުމާއެކު ކޮންމެވެސް މަސައްކަތެއް ކުރުމުގައި މަޝްޣޫލު ވެއްޖެއެވެ. ދެން އަނެއްކާވެސް ހިތުތެރޭގައި ފާޑު ފާޑުގެ ޚިޔާލުތައް އާވެގަތެވެ. އެންމެފަހުން ރަމްލާއަށް ކެތްނުކުރެވިގެން މަންމަގާތުގައި ބުންޏެވެ.

[މަންމާއެވެ. އަޅުގަނޑު ޖައްޔިދާ ކައިރިއަށް ގޮސްލާނަމެވެ.]

[މިވަގުތު ހެއްޔެވެ؟.....] މަންމަ ބުންޏެވެ.

[ލައްބައެވެ. ހެނދުނުވެސް އަޅުގަނޑު ދިޔައީ އޭނާގެ އަތުން ފޮތެއް ބަލައެވެ. ކުއްލިއަކަށް މަންމަ އަންނަން އެންގުމުން އަޅުގަނޑު އައީ ފޮތްވެސް ނުލައެވެ.]

މަންމަ އިސްދަށަށް ޖަހާލިއެވެ.

[މަޢޫޒު ނިދައިފި ހެއްޔެވެ؟]

[ލައްބައެވެ..... އޭނާ ދެން ހޭލާނީ ވަރަށް ލަހުންނެވެ.]

[އެކަމަކު ދަރިފުޅު އަވަހަށް އަންނަން ވާނެއެވެ.]

[ވަރަށް އަވަހަށް އަންނާނަމެވެ.]

މިހެން ބުނެފައި ރަމްލާ އަވަސް އަވަހަށް ބޭރަށް ނުކުމެއްޖެއެވެ. ދިޔަ މަގުމަތީގައި، އޭނާ ވިސްނިއެވެ. އޭނާ މިދަނީ ކީއްވެގެން ހެއްޔެވެ؟ މިހާ އަވަހަށް ކީއްކުރަން ހެއްޔެވެ.... އޭނާއަށްވުރެ ކުރިން އޭނާގެ ހިތްއުދުހިފައި އެދަނީ ކީއްވެގެން ހެއްޔެވެ؟

އޭނާ ގޭގެ ރަނގަބީލުގައި އަތްލުމާއިއެކު ވަށައިގެންވާ ހުރިހާ އެއްޗެއްގެ މަތިން ހަނދާން ނެތިއްޖެއެވެ. އެއާއެކު ޖައްޔިދާ އައިސް ދޮރުހުޅުވާލައިފިއެވެ.

[ރަމްލާ އައީ ހެއްޔެވެ؟..... ވަރަށް ރަނގަޅެވެ.]

[އަހަރެން އަންނާނެ ވާހަކަ ހެނދުނުވެސް ބުނީމެއްނޫން ހެއްޔެވެ؟]

[އަންނާށެވެ....] ޖައްޔިދާ ދޮރުލައްޕާލަމުން ބުންޏެވެ. [މިއަދު އަހަރެމެން ބެޑްރޫމްގައި ތިބެގެން ލަވަ އަޑު އަހަނީއެވެ.]

ރަމްލާ ކުޑަކޮށް ޖެހިލުން ވެއްޖެއެވެ. އޭނާ ކުޑައިރު މަންމަ ބުނެފައިވެއެވެ. ދަރިފުޅާދެވެ. އެނގިއެނގިހުރެ އެއްވެސް މީހެއްގެ ނިދާކޮޓަރިއަށް ދިއުމަކީ ރަނގަޅުކަމެއް ނޫނެވެ.

[އަންނާށެވެ.....] ރަމްލާ މަޑުޖެހިލިތަން ފެނިފައި ޖައްޔިދާ ބުންޏެވެ.

[ކާކު ހެއްޔެވެ؟] ޔާދިރު ނޫންކަމަށް ހަދާލާފައި އަހާލިގޮތުން ހީވަނީ އޭނާއަށް އެކައްޗެއްވެސް ނޭނގޭ ހެންނެވެ. [ރީތި އިންސާނެއް ކަމުގައިވަންޏާ ޚުދު އަހަރެން ބަލާ ހިނގައި ދާނަމެވެ.]

ޔާދިރުގެ އަޑުއިވުމުން ރަމްލާގެ ފައި ތުރުތުރު އަޅައިގަތެވެ. އެއާއެކު މަޑުމަޑުން އެތެރެއަށް ވަދެއްޖެއެވެ.

ޔާދިރު އެނދުގައި އޮތެވެ. ރަމްލާ ފެނުމާއެކު ތެދުވެ އިށީދެއްޖެއެވެ.

[ކޮންމެވެސް ވަސްމީރު ޝަޚްޞިއްޔަތެކޭ އަހަރެންގެ ހަވަނަޙިއްސު ބުންޏެވެ. މިހާ މީރުވަސްދުވާ ވައިރޯޅިތައް އެތެރެއަށް ވަންނަނީ އެހެންވެގެންނެވެ.]

ކެސެޓް ޕްލޭޔަރުން ލަވައެއް އިވިއިވި ހުއްޓެވެ.

ޖައްޔިދާ އައިސް ތަންކޮޅެއް އަޑު މަޑުކޮށްލިއެވެ. ރަމްލާ މަޑުމައިތިރި ކަމާއެކު ގޮޑިއެއްގާ އިށީދެއްޖެއެވެ.

[މިކޮޅަށް އައިސް ރަނގަޅަށް އެނދުގައި އިށީނދެ ބަލާށެވެ.] ޖައްޔިދާ ރަމްލާގެ އަތުގައި ހިފާފައި ބުންޏެވެ. [ތިޔަ އިންނަގޮތުން ހީވަނީ ހަމަދެންމެ ދެންމެ ދުއްވައިގެންފާނެ ހެންނެވެ.]

[ނޫނެކެވެ. މިތަން ރަނގަޅެވެ.] ރަމްލާ އެމީހުންގެ ޑަބަލް އެދަށް ބަލާލިއެވެ.

ރަޖާގަނޑު އޮތީ ގުޅައަކަށެވެ. ބާލީސްތައް ހުރީ ފަށްފަށް ޖެހިފައެވެ. އެމީހުން ހެދުނުއްސުރެން އެތިބީ އެނދުގައެވެ. ރަމްލާގެ ހިތުގައި ރިހުމެއް އުފެދުނެވެ. މިމީހުން ޗުއްޓީ ދުވަސް ކިހާލޯތްބާ އުފާވެރި ކަމުގައި ވޭތުކޮށްލާ ހެއްޔެވެ؟....

ކުއްލިއަކަށް ރަމްލާގެ ހިތުގައި ޖައްޔިދާއާމެދު ޙަސަދަވެރިކަން އުފެދިއްޖެއެވެ.

[ލަވައިން މީރުކަން ލިބޭނީ އެނދުގައި ޖައްސާލީމައެވެ.] ޖައްޔިދާ ބުންޏެވެ. [އޮފީސް ގޮނޑީގާ އިނދެގެން މިޔުޒިކްގެ އަރާމެއް ނުލިބޭނެއެވެ. ނިކަން ދެކެބަލާށެވެ. މިއީ ކިހާ ކުޑަކުޑަ ކޮޓަރިއެއް ހެއްޔެވެ. ސޯފާއެއްވެސް މިތާކުނެތެވެ. ޙަގީޤަތުގައި ޔާދިރު....] އޭނާ ޔާދިރުއާއި ދިމާއަށް ބަލާލިއެވެ. [މެހްމާނަކު އަތުވެއްޖިއްޔާ ބެޑްރޫމްގައި ބައިންދާނީ ކޮން ތަނެއްގައި ހެއްޔެވެ؟]

[ބެޑްރޫމަކަށް ދުރުހިލޭ މީހަކު ނާންނާނެއެވެ.] ޔާދިރު މަސްތުން ފުރިފައިވާ އަޑަކުން ބުންޏެވެ. [މެހްމާނަކު ބެޑްރޫމަށް އަތުވެއްޖިއްޔާ އެމީހަކަށް ހިތުން ޖާގަދިނުން ކޮންމެހެން ބޭނުމެވެ.]

ޖައްޔިދާ ބާރަށް ހޭންފަށައިފިއެވެ. ރަމްލާ ހިނިތުންވެލާފައި ޔާދިރާއި ދިމާއަށް ބަލާލިއެވެ. މިހާރު އޭނާ ކުރިއަށްވުރެވެސް ރީއްޗެވެ.

[އަވަހަށް ބުނާށެވެ. ބޯނީ ކޮން އެއްޗެއް ހެއްޔެވެ؟]

[ނޫނެކެވެ......] ރަމްލާ ކުއްލިއަކަށް ބުންޏެވެ. އަހަރެން މިއައީ ކައިގެންނެވެ. މިހާރު އެއްވެސް އެއްޗެއް ބޭނުމެއް ނޫނެވެ.]

[އެއްވެސް އެއްޗެއް އޭނާ ބޭނުމެއް ނުވާނެއެވެ. ޔާދިރު އޭނާގެ މަސްތުކުރުވަނިވި ގޮތުގައި ސުއްޓާ ދަމާލަމުން ބުންޏެވެ.....] އަހަރެމެން ވަރަށްގިނަ އެއްޗިއްސަށް ބޭނުމެވެ. އަހަރެމެންނަކީ ބޭނުންވެފައިވާ މީހުންނެވެ. އަހަރެމެންނަކީ މާތްބައެއް ނޫނެވެ. އޭނާ ފަދައިން ދުނިޔޭގެ އެދުންތައް ދޫކޮށްލާފައިވާ ބައެއް ނޫނީމެވެ. ހިމޭކަމުގެ ރޯދަހިފައިގެން ތިބި ބައެއް ނޫނީމެވެ. އަދި ހިތުގެ ކިޑިކީތައް ލައްޕާލައިގެން، އަހަރެމެން އެއްވެސް އެއްޗެއް ބޭނުމެއްނުވެއޭ ބުނާކަހަލަ ބައެއް ނޫނީމެވެ.]

ރަމްލާގެ ހިތް ތެޅިގަތެވެ. އޭނާގެ ހިތުގައިވާ ހުރިހާ އެއްޗެއް އޭނާގެ މޫނުމަތީގައި ލިޔެވިފައިވަނީ ހެއްޔެވެ؟ ރަމްލާ ވިސްނާލިއެވެ. މިއީ ކިހާ ހުޝިޔާރު މީހެއް ހެއްޔެވެ؟ ކިހާ ބުއްދިވެރި މީހެއް ހެއްޔެވެ؟

[ދާށެވެ..... ފެހި ކޮފީ ތައްޔާރުކޮށްގެން ގެންނާށެވެ. ފެހިކުލައިގެ ޕަރީއެއް ބެޑްރޫމަށް އަތުވެއްޖިއްޔާ ބޯންވާނީ ފެހިކޮފީއެވެ.

ރަމްލާ ބޭއިޚްތިޔާރުގައި އޭނާގެ ފެހިކުލައިގެ ހެދުމަށް ބަލާލިއެވެ. ބޮޑެތި މާޖަހާފައިވާ ދޯޕައްޓާއަށް ބަލާލިއެވެ.

ޖައްޔިދާ ބޭރަށް ނުކުމެއްޖެއެވެ. ދެން އަނެއްކާވެސް ޔާދިރު އޮށޯވެއްޖެއެވެ. އޭނާގެ ގައިދަށުގައި ފަށްފަށް ޖެހިފައިވާ އެތަކެއް ބާލީހެއް ހުއްޓެވެ. އޭނާ އޮތީ ސީދާ އުޑުތިލަ މަތިންނެވެ.

[ޔާދިރު ވަރަށްރީއްޗަށް ވާހަކަ ހައްދަވާ ލައްވަމުއެވެ.] ރަމްލާ ދެދަތްޕިލާ ޖައްސައިގެން އިނދެ މިހެންބުނުމުން ޔާދިރު ބުންޏެވެ.

[ހެނދުނުއްސުރެ މިއޮންނަނީ އެނދުގައެވެ. އަހަންނަށް އެނގުމަކާވެސް ނުލާ ހެނދުނު ހިގައްޖައިމެއް ނޫން ހެއްޔެވެ؟]..... އެއްވެސްކަމެއް ކުރާހިތެއް ނުވެއެވެ. ތަނަކަށް ދާހިތެއް ނުވެއެވެ. ބޭއިޚްތިޔާރުގައި ރަމްލާދެކެ ރުޅިވެސް އާދެއެވެ. ބައެއް ފަހަރަށް ރަމްލާގެ ރީތި، ދިގު ކަނދުރާ އަނބުރާލަ ފާނަމޭވެސް ހިތަށް އަރައެވެ. އޭރުން ދެން އިރުއިރުކޮޅާ އަހަރެންގެ ހިތުގައި މިފުމޭ ޝެހެނާއި އެއް ނުފުމޭނެއެވެ.

އިންތިހާ ދަރަޖައަށް މަޑުމައިތިރި ކަމާއެކުގައިވެސް އޭނާގެ މިވާހައަކަށް ރަމްލާ ގާތަށް ހިނި އަތުވެއްޖެއެވެ. ރީތި މީހުން މިހާ ހިތްގަދައީ ކީއްވެގެން ހެއްޔެވެ.

ޔާދިރު ސުއްޓާ ދަމާލަމުން ބުންޏެވެ.

[ރަމްލާގެ ރީތިކަން ފަދައިން އަހަރެން މިއޮންނަނީ އެއްވެސް ހިއްސެއް ނެތިފައެވެ.]

ރަމްލާއަކަށް ކެތެއް ނުކުރެވުނެވެ.

އަހަންނާމެދު ތިޔަފާޑަށް ވާހަކަ ދެއްކުމުގައި، އޮތީ ކޮންޙައްޤެއް ހެއްޔެވެ. ނޫނީ ތިޔަފަދަ ޙައްޤެއް ޔާދިރަށް ދިނީ ކާކު ހެއްޔެވެ. އަދި އަހަރެން އަންނަންވީ ކީއްކުރަން ހެއްޔެވެ.... ކީއްކުރަން ހެއްޔެވެ.... އަހަންނަކީ ޔާދިރުގެ އަސީރެއް ހެއްޔެވެ.... ޔާދިރަށް ސަލާންޖަހާ މީހެއް ހެއްޔެވެ. ތިމާގެ އަމިއްލަ ނަފްސާމެދު ހީކުރަނީ ކީކޭ ހެއްޔެވެ؟

ބަލާ ބަލާށެވެ.... ރަމްލާއެވެ.... ކުރިމަތީ އޮތީ ކައްސާ ތަނެކެވެ. އެންމެފިޔަވަޅެއްވެސް ކުރިޔަށް ނާޅާށެވެ.

ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ *********************** ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން