އައްޑޫ މަރަދޫ ދާއިރާގެ ކައުންސިލަރ ފައިސަލް އިބްރާހިމް (ކ) ރައީސް މުޙައްމަދު ނަޝީދުގެ އަރިހުގައި
އައްޑޫ މަރަދޫ ދާއިރާގެ ކައުންސިލަރ ފައިސަލް އިބްރާހިމް (ކ) ރައީސް މުޙައްމަދު ނަޝީދުގެ އަރިހުގައި
މި ސަރުކާރުން ކުޅިވަރުގެ ދާއިރާގައި އައްޑޫ މަރަދޫ ވަނީ ބާކީކޮށްފައި ކަމަށް އައްޑޫ ސިޓީ ކައުންސިލްގެ އައްޑޫ މަރަދޫ ދާއިރާގެ ކައުންސިލަރ ފައިސަލް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީސް މި އަހަރަށް ހުޅުވުމުގެ ޖަލްސާގައި އިއްޔެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ މިދިޔަ އަހަރު ކުރިމަތިވި ކޯވިޑް-19ގެ ދަތި ހާލަތުގެ ތެރޭގައި ފުރަބަންދުގައި ތިބިއިރު ވެސް ކުޅިވަރު ތަރައްގީކުރުމާއި ދުޅަހެޔޮ، ހަށިހެޔޮ ދިރިއުޅުމެއް ހޯދައިދިނުމުގެ ސިޔާސަތުގެ ދަށުން މުހިއްމު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އަދި ސަރުކާރުން ކުޅިވަރުގެ ވަސީލަތްތައް ތަރައްގީކުރުމަށް ފަށާފައިވާ މަސައްކަތްތައް ނިމޭއިރު ރާއްޖޭގެ ތާރީހުގައި ނުދެކޭ ފަދަ ތަރައްގީ ކުޅިވަރުގެ ދާއިރާ އަށް އަންނާނެ ކަމަށް ރައީސް އިއްޔެ ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅާ ގުޅިގެން މަރަދޫ ދާއިރާގެ ކައުންސިލަރު ފައިސަލް އިބްރާހިމް ވިދާޅުވީ މި ވެރިކަމުގައި ކުޅިވަރުގެ ދާއިރާއިން އެއްވެސް ކުރިއެރުމެއް ނުލިބޭ ހަމައެކަނި ރަށަކީ އައްޑޫ މަރަދޫ ކަމަށެވެ. އެގޮތުން މުޅި ރާއްޖޭގައި ހުރިހާ ރަށެއްގައި ޓާފް އަޅައިދީފައިވާއިރު މަރަދޫ ދަނޑުގައި ޓާފް އަޅައި ދިނުމަށް އެދިއެދި އެކަން ނުވިކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ކުރިން ފައިސަލް ވަނީ މަރަދޫއަށް ޕާކް ހެދުމަށް ބޭނުންވާ ސާމާނާއި، އައުޓްޑޯރ ޖިމް ސެޓް ލިބިފައި ނުވާތީ އެކަމުގެ ޝަކުވާވެސް ކުރަށްވާފައެވެ.



"ވަކި ރަށެއްވީމަ ކަންކަން ހަލުވި ސްޕީޑްގައި ކުރިޔަށް ގެންގޮސްފަ، އައްޑޫގެ ކަންކަން ފިނިހަކަ ސްޕީޑްގައި ދާ ސަބަބަކީ ކޮބާތޯ؟ ބަޖެޓް އޮތަސް ނެތަސް ޔޫތު މިނިސްޓްރީން ކަންކޮށްދޭން ބޭނުންވާ ރަށަކަށް ކަންކަންވޭ. ވަކި ރަށެއް ވީމާ ތަފާތު ކުރުން އޮންނަކަން ފާހަގަވޭ." ފައިސަލް ވިދާޅުވެފައިވެއެވެ.

ފައިސަލް އިތުރަށް ވިދާޅުވެފައިވަނީ، މިހާރު ޤާއިމުކޮށްފައި ވަނީ އާދޭސް ކުރުމުގެ ނިޒާމެއް ކަމަށެވެ. އަދި ބޮޑު ގޮނޑީގައި އިށީނދެވުމާއެކު މަގުމަތީގައި ޙައްޤުހޯދަން އުޅުނު ދުވަސްތަކުގެ މަތިން މިއަދު ހަނދާންވެސް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރުން ކޮންމެ ކަމެއްގައި އާދޭސް ކުރުވުން ސަނާ ދެންނެވުމަކީ މިހާރުގެ ގޮތް ކަމަށާއި އެގޮތްވެސް "ސަޅި" ކަމަށް އޭނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން