ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ޚުދުމުހުތާރު ވެރިއަކު ބަދަލުވުމަކީ ޚުދުމުހުތާރު ނިޒާމެއް ބަދަލުކުރެވުމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ ވެރިކަން ފުރޮޅިގެންދިޔަ 7 ފެބްރުއަރީއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، 2008 ވަނަ އަހަރު ޤާނޫނު އަސާސީއަށް ގެނެވެނު ބަދަލާ އެކީގައި ދިވެހި ރާއްޖޭގެ ވަރަށް ގިނަ ކަންކަމަށް ވަރަށް ބޮޑެތި ބަދަލުތައް އައި ކަމަށެވެ. އަދި އެ ބަދަލުތަކުގެ ސަބަބުން ބައެއް ބޭފުޅުންނަށް އެ ބޭފުޅުން ކުރިން ކަންތައްތައް ކުރަށްވަމުން އައި ގޮތާއި، ލިބިވަޑައިގެންނެވި ތަކެއްޗާއި، އިމްތިޔާޒްތަކާއި، ބައެއް ފަސޭހަތައް ހުއްޓި ނެތިގެން ދިޔަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

7 ފެބްރުއަރީ 2012 ގައި އެމަނިކުފާނުގެ ވެރިކަން ބަދަލުވެގެންދިޔައީ ބަޣާވާތެއްގެ ސަބަބުންކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ރައީސް ނަޝީދު މިއަހަރުގެ ހަތެއް ފެބްރުއަރީގައިވެސް ވަނީ އެ މޭރުމުން އެވާހަކަ ދައްކަވާފައެވެ. އަދި އެ ދުވަހު އެ ޢަމަލު ހިންގީ ސަލާމަތީ ޚިދުމަތްތައް އިސްވެ ތިބެގެން ކަމަށް އެމަނިކުފާނު ތުހުމަތު ކުރައްވައެވެ. އަދި އެކަން އެގޮތަށް މެދުވެރިވީ ރާއްޖޭގައި އޮތް ޒަމާންވީ ނިޒާމުގެ ސަބަބުން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

"2008 ގެ އެމްޑީޕީ ސަރުކާރު އަޅުގަނޑުގެ ރައީސްކަމުގައި އުފެދިގެން އައުމާ ގުޅިގެން ރާއްޖޭގެ ވަރަށް ގިނަ ކަންތައްތައް ބަދަލުވެގެން ދިޔައީ. އަޅުގަނޑު އަބަދުވެސް ދަންނަވަން ޚުދު މުހުތާރު ވެރިއަކު ބަދަލު ވިޔަސް އެއީ އަދި ޚުދުމުހުތާރު ނިޒާމެއް އެކީގައި ބަދަލު ކުރެވުނީ ކަމަށް ދެކުމަކީ ކުށެކޭ. އެއީ އޮޅުމެކޭ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މިއަދުވެސް މުއައްސަސާތައް އިސްލާޙު ކުރަން ޖެހޭ ކަމަށާއި، ޚާއްސަކޮށް ފުލުހުންގެ ތެރޭގައި ޤާނޫނާ ޚިލާފަށް ވެރިކަން ބަދަލު ކުރުމުގައި އެހީތެރިވެދިން މީހުންނާ ގުޅޭގޮތުން ތަހުޤީޤު ހިންގައި އޭގެ އިންސާފު ހޯދަން ޖެހޭ ކަމަށެވެ.

އަދި ސަލާމަތީ ޚިދުމަތެއްގެ ތެރޭގައި މިއުޓިނީ އަށް ބާރުދިން ބަޔަކު ބޭތިއްބުމަކީ ރަނގަޅުކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެއީ ނިޒާމުގެ ތެރެއިން ހިންގާ ނުރަނގަޅު ކަންތައްތައް ތަކުރާރު ވުމަށް އަނެއްކާވެސް އޮތް އެންމެ ފަހި މަގުކަމަށް ވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވީ، ފެބްރުއަރީ ހަތެއްގެ މައްސަލަ ބަލާ ތަޙުޤީޤު ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން