މެދު ހެންވޭރު ދާއިރާގެ މެމްބަރު ޢަލީ އާޒިމް (ކ) އާއި މިނިސްޓަރ މަލީޙް (ވ)
މެދު ހެންވޭރު ދާއިރާގެ މެމްބަރު ޢަލީ އާޒިމް (ކ) އާއި މިނިސްޓަރ މަލީޙް (ވ)
ޓެލެކޮމިއުނިކޭޝަން ޤާނޫނުގެ ދަށުން ހަދަންޖެހޭ ޤަވާއިދުތައް ހެއްދެވި ކަމަށް ވިދާޅުވެ މިނިސްޓަރ މަލީޙް ހައްދަވަނީ އިތުރުފުޅެއް ކަމަށާއި، ރައްޔިތުންނަށް އޮޅުވާނުލެވޭނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަލީ އާޒިމް މިނިސްޓަރ މަލީޙަށް ރައްދު ދެއްވައިފިއެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރ ޢަލީ އާޒިމް އިއްޔެ ވަނީ މި ސަރުކާރުގެ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހްގެ އިތުބާރުނެތް ކަމަށް ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފައެވެ. އެކަމާ ގުޅިގެން މަލީހް ވިދާޅުވީ އެމްޑީޕީއަށް ޙަޖަމް ނުވެގެން އުޅެނީ އޭނާ ބަރުލަމާނީ ނިޒާމަށް ތާޢީދު ނުކުރާތީ ކަމަށެވެ. އަދި ހަކުރާގޭ ފެންޑާގައި އެކޮޅުކޮޅުން އެލުވިޔަސް ޚިޔާލުފާޅުކުރުމުގެ ބޭނުން ހިފާނެ ކަމަށް މަލީޙް ވިދާޅުވިއެވެ. އަދި އޭނާގެ މިނިސްޓްރީން ހަދަންޖެހޭ ޤަވާއިދުތައް ހަދާފައިވާކަމަށް މަލީހް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ޢާޒިމް ވިދާޅުވެފައި ވަނީ، މަލީޙް ހައްދަވަނީ އިތުރުފުޅެއް ކަމަށެވެ. އަދި މަލީޙް އުޅުއްވަނީ ރައްޔިތުންނަށް އޮޅުވާލުމަށް ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ކޮމިއުނިކޭޝަން މިނިސްޓްރީގެ ޤާނޫނާ ގުޅިގެން ހަދަންޖެހޭ ޤަވާޢިދުތައް ހެދީ މަލީޙްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ޕީޖީ ގްރޫޕުން ފާސްކުރި ފަހުންކަމަށް އާޒިމް ވިދާޅުވިއެވެ.

"އެއްވެސް މީހަކު ޤާނޫނަށްވުރެ މަތީ ހުރެގެން ނުވާނެ." އާޒިމް ވިދާޅުވެފައިވެއެވެ.



މަލީޙް ވިދާޅުވީ އެމްޑީޕީން ކުރާ މަސައްކަތަކީ ސަރުކާރު ބަލިކަށި ކުރުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން ފަހަރަކު ވަޒީރަކާ ދިމާކުރަމުންދަނީ ސަރުކާރު ބަލިކަށި ކުރުމަށް ކަމަށާއި، އެކަމުން ލިބޭނެ މޮޅެއް ނޯންނާނެ ކަމަށް މަލީޙް ވިދާޅުވިއެވެ.

"ތިކަމުން ލިބޭނެ މޮޅެއް ނޯންނާނެ. ބޮޑާ ނުވެ ހުންނަވާ." މިނިސްޓަރ މަލީޙް ވިދާޅުވެފައިވެއެވެ.

މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތު އޮތް އެމްޑީޕީން މަލީހް މަގާމުން ވަކި ކުރަން ފެންނަ ކަމަށް ނިންމައި، އެމްޑީޕީގެ ޕީޖީއަށް މައްސަލަ ހުށަހެޅުއްވީ އެ ޕާޓީގެ 10 މެމްބަރަކު ސޮއި ކުރަށްވައެވެ. މައްސަލަ ހުށައެޅުމުން، މިދިޔަ އަހަރުގެ ފަހުކޮޅު އެމްޑީޕީގެ ޕީޖީއިން ފާސްކުރީ މިނިސްޓަރު މަލީހްގެ އިތުބާރު ނެތް ކަމަށް ސީދާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ދެންނެވުމަށެވެ. ނަމަވެސް އެކަމުގައި ރައީސް ވަކި ގޮތެއް ނުނިންމެވުމުން އާޒިމް އިސްކޮށް ހުންނަވައި މަލީޙްގެ އިތުބާރު ނެތްކަމުގެ މައްސަލަ މިހާރު ވަނީ މަޖިލީހަށް ހުށައަޅާފައެވެ.

އިންޓަނެޓް އަގު ތިރި ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ރިޔާސީ ވައުދުފުޅެކެވެ. އެކަން ކުރެވެން އަންނަނީ މަލީހް ހުންނެވި މިނިސްޓްރީގެ ތެރެއިންނެވެ. ނަމަވެސް ސަރުކާރަށް ދެ އަހަރު ފުރި ތިން ވަނަ އަހަރަށް އެޅި އިރުގައިވެސް އެކަން ނުވެ އޮތުމުން ސަރުކާރަށް ގިނަ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. މަލީހް ވިދާޅުވެފައި ވަނީ އެކަމާ ގުޅިގެން މިނިސްޓްރީން ކުރަންޖެހޭ މަސަައްކަތް ނިންމައި ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން