46 ވަނަ ބައި
..................
ބައެއް ފަހަރު، އެކަނިވާނެ ނަމައޭ އޭނާގެ ހިތަށް އަރައެވެ........ ކައިރީގާ އެއްވެސް މީހަކު ނޫޅޭނެނަމައޭ ހިތް ބުނެއެވެ. ބޭނުން އިރެއްވަންދެން މުޅި ދުނިޔެއަށް ސިއްރުން ރޮވިދާނެއެވެ. މިއީ ކޮންކަހަލަ ދުނިޔެއެއް ހެއްޔެވެ. އޭނާ ވިސްނާލިއެވެ. ރޯނެ ވަގުތެއް ނުލިބޭތާގައި ދިރިއުޅުމުގައި ހަމަޖެހުމެއްވެސް ލިބެނީއެއްނޫނެވެ.
ޙަޤީޤަތުގައި ކުއްޖަކު ލިބުނު ފަހުން އޭނާ މުޅި ދުނިޔެދެކެވެސް ފޫހިވެއްޖެއެވެ. ކޮންމެހެން ކުރަންޖެހޭ ކަންތައްތައްވެސް ކުރަނީ ގަދަކަމުން ކަހަލަ ގޮތަކަށެވެ.
ކައިނިމިގެން އޭނާ ކޮޓަރިއަށް އައިއިރު މުޢާޒު ފޮތެއްކިޔަން އޮތެވެ. އޭނާ މަޑުމަޑުންގޮސް އެނދުގައި އޮށޯވެއްޖެއެވެ. އަދި އާދައިގެ މަތިން ނިތްކުރި މަތީގައި އަތް ބާއްވާލިއެވެ.
[މަޢޫޒު ދިނީ ހެއްޔެވެ؟] މުޢާޒު ސުވާލުކުރިއެވެ.
[ލައްބައެވެ......]
[މަޢޫޒު މަންމައާ ވަރަށް އޮޅުވެއްޖެދޯއެވެ؟]
[ލައްބައެވެ....[ ރަމްލާ ހަމަ އެރާގުގައި ބުންޏެވެ.
މުޢާޒު ފޮތް ލައްޕާލާފައި ބޭއްވިއެވެ. އަދި ރަމްލާއާއި ދިމާއަށް ބަލާލިއެވެ.
[އަޅުގަނޑު މަންމަގެ ކޮޓަރިއަށް ދަންތޯއެވެ؟] ކުއްލިއަކަށް ނިކްތުރި މަތިން އަތްނަގަމުން ރަމްލާ ބުންޏެވެ.
[ކީއްކުރަން ހެއްޔެވެ؟] މުޢާޒު ފުންނަޒަރަކުން ރަމްލާއަށް ބަލާލިއެވެ.
[ފަހަރެއްގައި.... ފަހަރެއްގައި މަޢޫޒު ރޮއިފާނެއޭ ހީވާތީއެވެ.]
[ތިޔަ ޚިޔާލު އައީ މިހާފަހުން ހެއްޔެވެ. މިހާރު މަންމަގެ ކޮޓަރީގައި އޭނާ ނިންދަވާތާ ކިހާ ދުވަހެއްވެއްޖެ ހެއްޔެވެ.] މުޢާޒު ހޭންފަށައިފިއެވެ.
[ކޮންމެރެޔަކުވެސް މިޚިޔާލު އާދެއެވެ.]
[އެހެންވިއްޔާ އެހެން ރޭރެއެކޭވެސް އެއްގޮތަށް ހިމޭނުން ނިދާލާށެވެ.]
ރަމްލާ އަނެއްކާވެސް ނިތްކުރި މަތީގައި އަތް ބާއްވާލިއެވެ.
[ރަމޫއެވެ. މަންމަ ބުނުއްވީ ކީކޭކަމެއް އެނގޭ ހެއްޔެވެ؟]
[ކީކޭތޯއެވެ؟]
[މަޢޫޒު މަންމައަށް ދޭންވީޔޯއެވެ. އަދިކަލޭމެން ކުދިންދެކެ އެހާބޮޑަށް ލޯބިވާ ކަމުގައިވަންޏާ އެހެން ކުއްޖަކު ހޯދާށޭވެސް ބުނުއްވިއެވެ.]
[ނޫނެކެވެ....] ރަމްލާ ލަދުން ބޮނޑިވެގަތެވެ.
މުޢާޒު ހޭންފަށައިފިއެވެ.
[ދަރިންނަކީ ބިރުވެރި ތަޖްރިބާއަކީ ހެއްޔެވެ؟]
[ނޫނެކެވެ.....] ރަމްލާ ބިރުވެރި ރާގަކަށް ބުންޏެވެ....] އެއްކަލަ ދުވަހު..... މުޢާޒު..... ހަސްފަތާލުގައި....... ވަޢުދުވެލެއްވީމެއް ނޫންތޯއެވެ؟ އަޅުގަނޑު ހުއްދަ ނުދޭހާ ހިނދަކު.... މުޢާޒު....]
[އާއެކެވެ.....] މުޢާޒު ބުންޏެވެ. އަހަރެންކުރި ވަޢުދު ހަނދާން އެބަހުއްޓެވެ. އަހަރެންގެ ވަޢުދަކީ ވަގުތީ އެއްޗެއްނޫނެވެ. އެއީ އަދި ރަމްލާގެ ހިތްހަމަޖައްސާ ދިނުމުގެ ގޮތުން އަހަރެން ކުރި ވަޢުދެއްވެސް ނޫނެވެ.
[އަދި މަޢޫޒަށްވެސް މިއޮތީ ދެމަހަށެވެ.]
[ރަމްލާ ބޭނުންވަނީ ކިހާ މުއްދަތެއް ހެއްޔެވެ؟]
[އެންމެ މަދުވެގެން ފަސް އަހަރެވެ.....]
ފަސް އަހަރު.... މުޢާޒު ދެއަތުގެ އިނގިލިތައް މަހާލައިގެން ބޯމަތީގައި ބާއްވާލިއެވެ. ދެން ކޮޓަރީގެ ސީލިންގާ ދިމާއަށް ބަލާލިއެވެ. ފަސް އަހަރު ދުވަހަކީ، ހާދަހާ ދިގު މުއްދަތެކެވެ.
[ފަސްއަހަރަކީ ވަރަށްދިގު މުއްދަތެކެވެ. ރަމްލާއެވެ. ފުރަތަމަ ކުއްޖާއާއި ދެވަނަ ކުއްޖާއާއި ދެމެދު މިހާ ދިގުމުއްދަތެއް ކަޑައްތު ކޮށްލުން އެއްގޮތަކަށްވެސް ރަނގަޅެއް ނޫނެވެ. އެކަމުން ފުރަތަމަ ކުއްޖާއަށް ލިބޭނީ ގެއްލުމެވެ. އެންމެންވެސް ލޯބިން ގެންގުޅޭނީ އެންމެ ކުއްޖެކެވެ. ފުރަތަމަ ކުއްޖާއާއި ދެވަނަ ކުއްޖާއާއި ދެމެދު ނަގާލަންވާނީ ދެއަހަރު ދުވަހެވެ......]
[ނޫނެކެވެ......] ރަމްލާ އަނެއްކާވެސް ބޮނޑިވެގަތެވެ.
[ދެކުދިން ގެންގުޅުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެއެވެ..... މިހާރު.... މިހާރު މުޢާޒު.....]
[ނޫނެކެވެ. އަހަރެން ރަމްލާގެ ރުހުމާ ޚިލާފަށް އެއްކަމެއްވެސް ނުކުރާނަމެވެ.] މުޢާޒު ވަރަށް ލޯތްބާއެކު ބުންޏެވެ. [ރަމްލާއެވެ. ރަމްލާގެ ރުހުމާ ޚިލާފަށް އެއްކަމެއްވެސް ނުކުރާކަން ރަނގަޅަށް އެނގޭނެއެވެ. އެނގޭދޯއެވެ!]
[ލައްބައެވެ.]
[އެހެންވީއިރު ތިޔަގޮތަށް ބިރުން ސިހިސިހި ބޮނޑިވެގަނެގެން އިންނަނީ ކީއްވެގެން ހެއްޔެވެ؟]
ރަމްލާ އިސް އުފުލާލިއެވެ. ދެން ދޮރާ ދިމާއަށް ބަލާލާފައި ބުންޏެވެ.
[މަޢޫޒު ރޮނީ ކަންނޭގެއެވެ.]
ދެމީހުން އިރުކޮޅަކު ހިމޭނުން ތިއްބެވެ. އެއްވެސް އަޑެއް ނުއިވުމުން މުޢާޒު ބުންޏެވެ.
[އެއީ ރަމްލާއަށް ހީވިގޮތެކެވެ. އެސޮރު ރޯނަމަ މަންމަ ގޮވީހެވެ.]
ރަމްލާ ބާލީހުގައި ރަނގަޅަށް ބޯއަޅާލިއެވެ.
[ރޭގަނޑު އަޅުގަނޑުގެ ނިދުން މަންމަގެ ކޮޓަރިއަށް ބަދަލުކުރުމަށް އެދި ކިތަންމެ ފަހަރަކު މަންމައަށް އަޅުގަނޑު ނަންގަނެފީމެވެ. އެކަމަކު އެގޮތެއް، މަންމައެއް ޤަބޫލެއް ނުކުރެއްވިއެވެ.] ރަމްލާ ހަމަގަސްދުގައި ދެވަނަ ފަހަރަށް މި މައުޟޫޢަށް ވާހަކަ ދައްކަން ފެށީއެވެ. އެހެނީ މީގެ ކުޑައިރުކޮޅެއްގެ ކުރިން މުޢާޒު ދައްކަންފެށި ވާހަކައެއްގެ ސަބަބުން ރަމްލާ އޮތީ ކަންބޮޑުވެ ހާސްވެފައެވެ.
[މަންމަގެ ކޮޓަރިއަށް ދިއުމުގެ ބަދަލުގައި މަޢޫޒު މިކޮޓަރިއަށް ގެންނަން ވާހަކަނުދެއްކީ ކީއްވެގެން ހެއްޔެވެ؟]
[މުޢާޒަށް އެއަޑު ފަށްގަނޑަށް ކެތްކުރެވި ދާނެތޯއެވެ؟]
[ކޮން އަޑުފަށްގަނޑެއް ހެއްޔެވެ؟]
[ދަރިން ރޭގަނޑު ދަންވަރު ހޭލާނެއެވެ.... ރޯނެއެވެ.... މިކަމުން މުޢާޒަށް އުނދަގުލެއް ނުލިބޭނެތޯއެވެ.]
[ތިޔައީ ރަމްލާ ގާތުގައި ކާކުދެއްކި ވާހަކައެއް ހެއްޔެވެ؟] މުޢާޒު ރަމްލާއާއި ހަތަރުކަޅި ހަމަކޮށްލަމުން ބުންޏެވެ......] ތިމާގެ ދަރިފުޅުގެ ރުއިމުން އެއްވެސް ފިރިހެނަކަށް އުނދަގުލެއް ނުލިބޭނެއެވެ.]
[އެކަމަކު ބައެއް ފިރިހެނުން ކުދިން ރޯއަޑުއިވުމުން ނުޤަބޫލުވާ ވާހަކަ އަޅުގަނޑު އަހަމެވެ. އެމީހުން ވަކި ކޮޓަރިއެއްގައި ނިދަންޖެހެނީ އެހެންވެގެންނެވެ.] ކުއްލިއަކަށް ހަމަ ކުއްލިއަކަށް ރަމްލާއަށް ޝާންބޭބެ މަތިން ހަނދާން ކޮށްލެވުނެވެ.....
[އެއީ ވަރަށް ނަސީބުދެރަ ބަޔެކެވެ. ކުދިންގެ އުނދަގުލާހެދި އެހެންކޮޓަރިއަކަށް ނިދުން ބަދަލުކުރަނީ އަހަރެން ދެކޭގޮތުގައި ވަރަށް ދަށް ބަޔެކެވެ. ފިރިހެނުންނަކީ ވަރަށްބޮޑަށް ނިންޖަށް ބޭނުންވާ ބައެކެވެ. މިއާ ޚިލާފަށް އަންހެނުން ތިމާގެ ދަރީންނަށްޓަކާ ރެއާދުވާލުގެ ހަމަޖެހުން ބަރުބާދު ކޮށްލައެވެ. ސުވަރުގެ އޮތީ މައިމީހާގެ ފައިތިލައިގެ ދަށުގައޭ ބުނެއުޅެނީ އެހެންވެގެންނެވެ. ރަނގަޅު ވަފާތެރި އަނބިން ތިމާގެ ފިރިމީހާގެ ނުބައި ޢަމަލުތައް އޮއްބަން މަސައްކަތްކުރެއެވެ. ހަމައެފަދައިން އަނބިންދެކެ ލޯބިވާ ފިރިން ތިމާގެ ދަރިން ބަލާ ބޮޑުކުރުމުގައި އަނބިމީހާއާއި އެއްބައިވާން ޖެހޭނެއެވެ. މިފަދައިން ޢަމަލުކުރުމުން އަންހެނުންގެ ޢުމުރު ދިގުވެއެވެ.]
ރަމްލާ ތެޅިގެންފައި މުޢާޒަށް ބަލާލިއެވެ. މިގޮތަށް ފުރިހަމަ ލޮލަކުން އޭނާ މުޢާޒާ ދިމާއަށް ބަލާލި މިއީ ފުރަތަމަ ފަހަރެވެ. މުޢާޒުވެސް ހިނިތުންވެލާފައި އޭނާގެ ލޮލަށް ބަލާލިއެވެ.... މުޢާޒުގެ ލޯވަރަށް ކުޑައެވެ. އެކަމަކު ވަރަށް ސާފެވެ. އޮފް އަރައެވެ.... މިހާ ސާފުލޮލެއް މީގެކުރިއަކުން ރަމްލާއެއް ނުދެކެވެ. ލޭނާރުހިއްލިފައި ހުންނަ ލޮލަކީ އޭނާ ވަރަށް ފޫހިވާ ފާޑުގެ ލޮލެކެވެ.... މުޢާޒު އެސްފިޔަވެސް ޖަހާނުލާ އޭނާއާ ދިމާއަށް ބަލަހައްޓައިގެން އޮތެވެ. އޭނާ ބަލަމުން ދާގޮތުން ހީވަނީ ހިތުގައި އެއްވެސް ޝަކުވާއެއްނެތް ހެންނެވެ....
[ތިޔަގޮތަށް ޙައިރާންވެފައި ތިޔަބަލަނީ ކީއްވެގެން ހެއްޔެވެ؟] މުޢާޒުގެ ނޭވާގެ ތެރެއިން ހޫނު އެހެނަސް މީރުވަސްދުވާ އާތްވެއް ނުކުތެވެ. [އަހަންނަށް އަޖައިބު ކުރުވަނިވި ވާހަކައެއް ބުނެވުނީ ހެއްޔެވެ؟] މުޢާޒުގެ އަޑު ލޯބީގެ މީރުވަހުން އެއްވަސްވާން ފަށައިފިއެވެ.
[އަހަންނަކީ އެހާރީތި މީހެއްނޫނެވެ.... ތިޔަގޮތަށް އަހަންނާ ދިމާއަށް ނުބަލާށެވެ.... އަހަންނަށް ގޯހެއް ހެދިދާނެއެވެ.]
ރަމްލާ ސިހިއްޖެއެވެ. އޭނާ ގަސްތަކާނުލާ އަނެއް ފަރާތަށް މޫނު އަނބުރާލިއެވެ.
[ރަމޫއެވެ!....] އިރުކޮޅަކު ހިމޭނުން އޮތުމަށްފަހު މުޢާޒު ބުންޏެވެ.... [މަޢޫޒު ލިބުނުފަހުން ރަމްލާގެ ފަރާތުން ވަރަށްބޮޑެތި ބަދަލުތައް އަހަންނަށް ފެންނަމުން އެބަދެއެވެ....] ރަމްލާގެ ހިތް ކުދިކުދިވާން ފަށައިފިއެވެ.
[ކުރީގައިވެސް ރަމްލާއަކީ ތައްބައްދައިގެން އިންނަ އަންހެނެކެވެ. އަހަރެންގެ ގާތުގައި މާގިނަ ވާހަކަ ދެއްކުމަކީ ރަމްލާގެ އާދައެއްނޫނެވެ. އެކަމަކު މިފަހަރު މަންމަގެ ގެއިން އައިފަހުން އަހަންނާ ވަރަށްބޮޑަށް ގައިގޯޅިވެގެން އެބަ އުޅެމުއެވެ. ފުރަތަމަކޮޅުގައި ރަމްލާގެ ސިކުނޑި ރަމްލާއާ އެއްބައިނުވަނީއެވެ. މިހާރު މުޅިހަށިގަނޑުވެސް ރަމްލާއާ އެއްބައިނުވަނީއެވެ.]
ރަމްލާ ތެޅިގެންފައި ދިގުދަމާ ލައިފިއެވެ. އަދި އޭނާގެ ބާރަށް ވިންދު ޖަހަމުންދާ ހިތުގައި އަތް ބާއްވާލިއެވެ. އޭނާއަކީ އެހާފިނޑި އަންހެނެއް ހެއްޔެވެ؟... ދައްކާލާ ކުޑަ ވާހައަކާމެދު ކޮންޓްރޯލުން ނައްޓާލާފަދަ އަންހެނެއް ހެއްޔެވެ؟
[މުޢާޒުވެސް ބައެއް ފަހަރަށް ވަރަށް ތަފާތު ވާހަކަތައް ދައްކަމުއެވެ؟] ރަމްލާ ހިނިތުންވާގޮތް ދައްކަމުން ބުންޏެވެ.
[ރަމްލާވެސް ބައެއް ފަހަރަށް ވަރަށް އަޖައިބު ކުރުވަނިވި ގޮތްތަކެއް ދައްކަމުއެވެ. އަހަންނަށް ހީވަނީ އަހަންނަށް ރަމްލާއާ ހަމައަށް މިއާދެވުނީ ޝައުޤުވެރިކަމުގެ އިންތިހާއަށް ދެވުމަށްފަހުގައި ހެންނެވެ. އަދި ރަމްލާ ގަނޑުފެނުގެ ތަނބެއް ފަދައިން ހުރިތަނުން ގުޑާވެސް ނުލާހުރީއެވެ.]
ރަމްލާ އާދައިގެ މަތިން މުޢާޒާ ދިމާއަށް އެނބުރިލިއެވެ. އެކަމަކު އެކައްޗެކޭވެސް ނުބުނެއެވެ. އަތުގެ ބޮޑުވާ އިނގިލީގެ ނިޔަފަތީގައި ދަތުން ހިފަހައްޓާ ލައިގެން އޮތީއެވެ.
ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ *********************** ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު