ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސަ
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސަ
ކޯވިޑް-19 ގެ މި ނުރައްކާތެރި ޙާލަތުގައި މުޒާހަރާއަށް ނުކުންނަ މެމްބަރުންގެ ގަޔަށް ވެކްސިންގެ ދެޑޯޒް އެއްފަހަރާ ޖަހައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ގޮވާލައްވައިފިއެވެ.

މާލޭ ސަރަޙައްދުގައި އެޗްޕީއޭ އިން ހަރުކަށި ފިޔަވަޅު އަޅައި އެއްވުން މަނާކޮށްފައި ވަނިކޮށް ޕީޕީއެމްގެ ލީޑަރޝިޕްގެ ގިނަ ބޭފުޅުން ބައިވެރިވެ މާލޭގައި ދަނީ މުޒާހަރާ ކުރަމުންނެވެ. އެގޮތުން ރޭވެސް ޕީޕީއެމްގެ އޮފީސް ކުރިމަތީގައި އިދިކޮޅު ކޯލިޝަނުން ވަނީ މުޒާހަރާ ކުރުމަށް މަސައްކަތް ކޮށްފައެވެ. މި އެއްވުންތަކުގައި ގައިދުރުކަމެއް ނެތި އެޗްޕީއޭގެ އުސޫލުތަކާ ޚިލާފަށް މުޒާހަރާގެ ބައިވެރިން ދަނީ ތަކުރާރުކޮށް ޢަމަލު ކުރަމުންނެވެ.

އެކަމާ ގުޅިގެން ރީކޯ މޫސަ ވަނީ، ޤާނޫނު އަސާސީން ލިބިދޭ ޙައްޤުތައް ތައްމިނަށް ހޯދުމަށް ބޭނުންވާ މެމްބަރުންކުރެ ޢާއްމު ރައްޔިތުންނާ ފޮށި ހުތުރުބަހުން މުޢާމަލާތްކުރާ މެމްބަރުން އެކަމަށް މަގުތަކަށް ނުކުތުމުގެ ކުރިން އެހެންމީހުންގެ ފުރާނައަށްޓަކާ އެ މެމްބަރުންގެ ގަޔަށް ވެކްސިންގެ ދެޑޯޒް އެއްފަހަރާ ޖެހޭނެގޮތެއް އޮތްނަމަ ދެޑޯޒް އެއްފަހަރާ ޖެހުމަށް އެޗްޕީއޭ އަށް ގޮވާލާފައެވެ.

އަދި ރައްޔިތުންގެ މަޖިލީހުގައި މަސައްކަތްކުރާ މުވައްޒަފުންގެ ސަލާމަތަށްޓަކާ މުޒާހަރާތަކަށް ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހަށް ވަޑައިގަތުމުގެ ކުރިން ކޯވިޑް-19 ނެގެޓިވް ޓެސްޓެއް ހައްދަވާ ނެގެޓިވް ރިޕޯޓާއި އެކު މަޖިލީހުގެ އިދާރާއަށް ވެއްދުން މުހިންމުކަމަށް މޫސާ ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ދަންނަވާފައެވެ.



ރީކޯ މޫސަގެ ވާހަކަތަކަށް ރައްދު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު (މޮސްޓާ) ވިދާޅުވީ، ރީކޯ މޫސަ ދުބާއީގައި އުޅުއްވުމަށްފަހު ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ދެދުވަހެއް ކުރިން މާލެ ވަޑައިގެންނެވުމަށްފަހު ރިޔާސީ ބަޔާން އިއްވާ ޖަލްސާއަށް ވަޑައިގެންނެވިއިރު މުއައްޒަފުންނާއި މެމްބަރުންގެ ހައްގުތައް މޫސައަށް އެނގިވަޑައި ނުގެންނެވި ކަމަށެވެ. އަދި މޫސައަކީ ދެބޯގެރި ދުއްވާ ބޭފުޅެއް ކަމަށް މޮސްޓާ ވަނީ ވިދާޅުވެފައެވެ.



ކޯވިޑް-19 ގެ ޙާލަތު ރާއްޖޭގައި ވަރަށްބޮޑަށް ގޯސްވެފައިވާއިރު ރާއްޖޭގެ ރަށްރަށުގައި މާސްކް އެޅުން މަޖުބޫރުކޮށް އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރު އެއްމަސް ދުވަހަށް ވަނީ ދަންމާލާފައެވެ. އަދި މާލޭ ސަރަޙައްދުގައި ހަވީރު ހަޔަކުން ފެށިގެން ހެނދުނު ހަޔަކަށް އެއްގަމު އުޅަނދު ފަހަރު ދުއްވުން އެޗްޕީއޭ އިން ވަނީ މަނާކޮށްފަ އެވެ. އަދި މާލެ ސަރަހައްދުގައި އެއްފަހަރާ އެންމެ ގިނަ ވެގެން އެއްވެ އުޅެވޭނީ 10 މީހުންނަށް ކަމަށްވެސް ވަނީ ކަނޑައަޅާފަ އެވެ. ނަމަވެސް އިދިކޮޅު ޕީޕީއެމުން ދަނީ މާލޭ ސަރަޙައްދުގައި މުޒާހަރާކޮށް އެޗްޕީއޭގެ ގައިޑް ލައިނާ ޚިލާފު ޢަމަލުތައް ތަކުރާރު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ކަލީމުއްލާ

18-Feb-2021

ރީކޯ ގަޔަށް ޖަހަންވީ ނަފްސާނީ ބަލިމަށުކަމަށްޖަހާ އިންޖެކްޝަންގެ އެއް އަހަރު ދވަހުގެ ޑޯޒް އެއްފަހަރާ



ޓްރެންޑިން