ޞާދިރު ޢަލީދީދީ   15 ފެބްރުއަރީ 2021 - 13:52
ވޭނީކަރުނަ
ވޭނީކަރުނަ
47 ވަނަ ބައި

..................

[ކުރީގައިވެސް ރަމްލާއަކީ ތައްބައްދައިގެން އިންނަ އަންހެނެކެވެ. އަހަރެންގެ ގާތުގައި މާގިނަ ވާހަކަ ދެއްކުމަކީ ރަމްލާގެ އާދައެއްނޫނެވެ. އެކަމަކު މިފަހަރު މަންމަގެ ގެއިން އައިފަހުން އަހަންނާ ވަރަށްބޮޑަށް ގައިގޯޅިވެގެން އެބަ އުޅެމުއެވެ. ފުރަތަމަކޮޅުގައި ރަމްލާގެ ސިކުނޑި ރަމްލާއާ އެއްބައިނުވަނީއެވެ. މިހާރު މުޅިހަށިގަނޑުވެސް ރަމްލާއާ އެއްބައިނުވަނީއެވެ.] ރަމްލާ ތެޅިގެންފައި ދިގުދަމާ ލައިފިއެވެ. އަދި އޭނާގެ ބާރަށް ވިންދު ޖަހަމުންދާ ހިތުގައި އަތް ބާއްވާލިއެވެ. އޭނާއަކީ އެހާފިނޑި އަންހެނެއް ހެއްޔެވެ؟... ދައްކާލާ ކުޑަ ވާހައަކާމެދު ކޮންޓްރޯލުން ނައްޓާލާފަދަ އަންހެނެއް ހެއްޔެވެ؟

[މުޢާޒުވެސް ބައެއް ފަހަރަށް ވަރަށް ތަފާތު ވާހަކަތައް ދައްކަމުއެވެ؟] ރަމްލާ ހިނިތުންވާގޮތް ދައްކަމުން ބުންޏެވެ.

[ރަމްލާވެސް ބައެއް ފަހަރަށް ވަރަށް އަޖައިބު ކުރުވަނިވި ގޮތްތަކެއް ދައްކަމުއެވެ. އަހަންނަށް ހީވަނީ އަހަންނަށް ރަމްލާއާ ހަމައަށް މިއާދެވުނީ ޝައުޤުވެރިކަމުގެ އިންތިހާއަށް ދެވުމަށްފަހުގައި ހެންނެވެ. އަދި ރަމްލާ ގަނޑުފެނުގެ ތަނބެއް ފަދައިން ހުރިތަނުން ގުޑާވެސް ނުލާހުރީއެވެ.] ރަމްލާ އާދައިގެ މަތިން މުޢާޒާ ދިމާއަށް އެނބުރިލިއެވެ. އެކަމަކު އެކައްޗެކޭވެސް ނުބުނެއެވެ. އަތުގެ ބޮޑުވާ އިނގިލީގެ ނިޔަފަތީގައި ދަތުން ހިފަހައްޓާ ލައިގެން އޮތީއެވެ.

ރަމްލާ އާދައިގެ މަތިން މުޢާޒާ ދިމާއަށް އެނބުރިލިއެވެ. އެކަމަކު އެކައްޗެކޭވެސް ނުބުނެއެވެ. އަތުގެ ބޮޑުވާ އިނގިލީގެ ނިޔަފަތީގައި ދަތުން ހިފަހައްޓާ ލައިގެން އޮތީއެވެ.

[މިދެއްކުނީ ގޯސްވާހަކައެއް ހެއްޔެވެ؟] އިރުކޮޅަކު އޮވެލާފައި މުޢާޒު އަހާލިއެވެ.

[ނޫނެކެވެ..... ދައްކަވާ އެއްވެސް ވާހަކައަކާ އަޅުގަނޑު ނުރުހުމެއް ނުވާނަމެވެ.]

[ނުރުހެނީ ހަމައެކަނި އަހަރެންގެ ހަށިގަނޑާ ދޯއެވެ.] މުޢާޒު ހޭން ފަށައިފިއެވެ.

ރަމްލާއަށް ކުއްލިއަކަށް ހަވީރުގެ މަންޒަރު ހަނދާން ކުރެވިއްޖެއެވެ. ޔާދިރާއި ބައްދަލުވި ވަގުތު އޭނާހުރީ ވަރަށް ފަރުވާތެރި ވެގެންނެވެ. އޭނާއާ އެއްވެސް ވާހައެއް ނުދައްކައެވެ. ހުރިހާވަގުތެއް ހޭދަކުރީ ޖައްޔިދާއާ އެކުގައެވެ. މުޢާޒު މިފާޑަށް ވާހަކަދައްކަނީ ކީއްވެގެން ކަމެއް ނޭގެއެވެ.

[ރަމޫއެވެ. އެއްވެސް މީހަކާއިމެދު އަހަރެން ނުބައި ހިއެއް ނުކުރާނަމޭ މިހެން ބުނެފިނަމަ އޭގެ ދެމާނައެއް އެބަ އެކުލެވެއެވެ. އެއްމާނައަކީ އަހަރެން އިންތިހާ ދަރަޖައަށް ނުރުހުންވަމެވެ. އަނެއް މާނައަކީ މިދުނިޔެއާމެދު އަހަރެން އިންތިހާ ދަރަޖައަށް އިޙްތިރާމް ކުރަމެވެ. މިއެވެ.

[އެހެންވެއްޖިއްޔާ އަޅުގަނޑު މުޢާޒާމެދު އިންތިހާ ދަރަޖައަށް އިޙްތިރާމް ކުރަމެވެ. މިގޮތަށް ހީކޮށްލައްވާށެވެ.]

[ދެމަފިރިންގެ ދެމެދުގައި ހަމައެކަނި އިޙްތިރާމަކުން ނުފުދޭނެއެވެ...........] އޭނާ ބުންޏެވެ. [މިގުޅުމަކީ އަރާރުންވުމުގެ ގުޅުމެއްނޫނެވެ. ޢިޝްޤީ ގުޅުމެކެވެ. ގުޅުމުގައި ލޯބި އެކުލެވެން ވާނެއެވެ. މީގައި މަސްތުވެސް އެކުލެވިފައި ވެއެވެ. ކުށްހީއާއި އަދޮޅު ޚިޔާލުވެސްމެއެވެ. ލޯބީގައި ކުށްހީކުރުމަކީ އަދި މާމަޖާ ކަމެކެވެ. ލޯބީގައި ބައެއްފަހަރު ކުށްކުރުމަށް ފިރިހެނުން އެދެއެވެ......... އަނބިމީހާ ރުޅިކުރުވަން އެދެއެވެ........ ފިރިހެނުންނަކީ އަޖައިބެއްފަދަ ބަޔަކެވެ.....] މުޢާޒުވެސް ރަމްލާއާއި ދިމާއަށް އެނބުރިލިއެވެ.... [ފިރިހެނުން ހުރިހާކަމެއްގެ ހަމަޖެހުން ފޭރިގަނެއެވެ. އެކަމަކު ބައެއް ފަހަރުއެވެ..... އަނބިމީހާ ރުޅި އައިސްގެން އަރާރުން ފަށައިފިއްޔާ އެމީހުންނަށް ހަމަޖެހުން ލިބެއެވެ.... ރަމްލާއަށް އަހަރެންގެ ވާހަކަ އެބަވިސްނޭ ދޯއެވެ.]

ރަމްލާ އަނެއްކާވެސް ނިޔަފަތި ކާން ފަށައިފިއެވެ.

[ނިދީ ހެއްޔެވެ؟]

[ނޫނެކެވެ.] ރަމްލާ ބުންޏެވެ.

[ތިޔަކުރަނީ ކީއްހެއްޔެވެ.] މުޢާޒު ރަމްލާގެ އަތުގައި ހިފެހެއްޓިއެވެ. [ނިޔަފަތި ކެއުމަކީ އަހަންނަށް ވަރަށް ހުތުރު ކަމެކެވެ.]

ރަމްލާ ފުރަތަމަ ފަހަރަށް މިރޭ މުޢާޒުގެ އަތަށް ބަލާލިއެވެ. ދޮން އަތެއްގައި ހިފަހައްޓައިގެން ހުރި ކަޅުއަތެކެވެ. އެކަމަކު ކުޑަވެސް އަޖައިބުކަމެއް ނެތެވެ. ކޮންމެ އަނދިރި ރެއަކަށްފަހު އަލިކަންގަދަ ދުވާލެއް އާދެއެވެ. ދޮން މޫނުގާ ކަޅު އިސްތަށި ހުރެއެވެ..... ރަމްލާ ފަރުވާތެރި ކަމާއިއެކު އެއަތަށް ބަލަމުން ގެންދިޔައެވެ..... އެކަމަކު ކުރިއެކޭ އެއްފަދައިން އަތް ފޮޅުވާލާކަށް ނޫޅެއެވެ... ކުއްލިއަކަށް އޭނާއަށް ޔާދިރުގެ އަތުގެ މަތިން ހަނދާންކުރެވުނެވެ.... ޔާދިރުގެ އަތް ވަރަށް ރީއްޗެވެ. ހޯލި އިނގިލި ތަކެކެވެ. ވިދުންއަރާ ނިޔަފަތި ތަކެކެވެ. އެއަތުން ސުއްޓާގައި ހިފަހައްޓާ ލައިގެން އިންނައިރު ވަރަށް ރީއްޗެވެ. އަދި ސުއްޓާގެ ދުންތައް ޖައްވުގެ ތެރެއަށް ދޫކޮށްލާ ހިނދު އެއަށްވުރެވެސް ރީއްޗެވެ.... ރަމްލާ އުޑާއި ބިމާދެމެދު ތާށި ވެއްޖެއެވެ. އެއް ފަރާތެއްގައި ވަނީ މާތަކުން ފުރިފައިވާ މަގެކެވެ. އެކަމަކު ވަނުންމަނާ ޖަހާފައެވެ. އަނެއް ފަރާތުގައި ކަށި ޖަންގައްޔެކެވެ. އެމަގުން ބޭނުން ދިމާއަކަށް ދިއުމުގެ ހުއްދަ ލިބިފައިވެއެވެ. އެއްފަރާތުގައި ހިތުގެ އުފަލެވެ. އަނެއް ފަރާތުގައި ފަރްޟުގެ ބަރު ހިލައެވެ. ދިރިއުޅުމުގެ ކޮންމެ ކަމެއްގައި ދެމަގެއް މިފެންނަނީ ކީއްވެގެން ހެއްޔެވެ؟ އޭނާ ޔާދިރާއި ބައްދަލުވުމުގެ ކުރީގައި އުޅުނީ އުފަލުން ހެއްޔެވެ؟.... އަދި މިއަދު.... ޔާދިރާއި ބައްދަލުވުމަށް ފަހުގައި......؟

އާދެ އޭނާވަނީހުވަފެނީ ޢާލަމެއްގައެވެ. މިހުވަފެން ލޮލުގައި ޒީނަތްތެރި ކޮށްގެން މުޢާޒާއި އެކުގައި އުޅެވިދާނެ ހެއްޔެވެ. މިއީ ކެހިވެރި ކަމަކަށް ނުވާނެ ހެއްޔެވެ؟

އެކަމަކު މިއަނދިރި ހޮހަޅައިގެ ތެރޭގައި އަލިކަމަކާނުލާ ނުހިނގޭނެއެވެ....] މުޢާޒު އަދިވެސް އޮތީ ރަމްލާގެ އަތުގައި ހިފަހައްޓައި ގެންނެވެ.

މިއަދު މުޢާޒުގެ ވާހަކަހުރިގޮތުން ރަމްލާއޮތީ ވަރަށްބިރުގެންފައެވެ. އަދި ލޯތްބަކީ އިންސާނާ ކެހިވެރިއަކަށްވެސް ހަދާލާ އެއްޗެކެވެ.

ރަމްލާގެ އެތެރެހަށީގައި ކުށްވެރިކަމުގެ އިޙްސާސް ހޭލައިގަތެވެ. އޭނާގެ ވިސްނުމުގެ ތަޚްތުގައި ކޮންމެވެސް މީހަކާއެކު އައިސް އިށީދެއްޖެއެވެ. އޭނާ ހިނގި މަގުގެ އެންމެފަހު މަންޒިލްގައި ވަނީ ފާފައެވެ.

މިފާފައާ ސަވާބަކީ ކޮން އެއްޗެއް ހެއްޔެވެ؟ އޭނާ އެއްވެސްކަމެއް ނުކުރެއެވެ.

ފިރިމީހާގެ އަތް އަތުތެރޭގައި ބާއްވައިގެން އެހެން ހިޔަންޏެއްގެ ކައިރިން ހިނގުމަކީ ގޯސްކަމެކެވެ..... މި ފިރިހެނުންނަކީވެސް އެތައްވައްތަރެއްގެ ބައެކެވެ. އެތައްފާޑެއްގެ ބައެކެވެ. ގޯސްބައެކެވެ. އޮފީހުން ގެއަށް އަންނަ މަގުމަތީގައި ކިތައް އަންހެންކުދިންނާ ދިމާއަށް ބަލާނެ ހެއްޔެވެ. ކިތައް ލޮލު ފާފަކުރާނެ ހެއްޔެވެ.

މޮޔަޔާއެވެ. އަންހެނުންނާ ފިރިހެނުންގެ ތަފާތަކީ މިއީއެވެ.

މުޢާޒުގެ އަތު ތެރޭގައި އޮތް ރަމްލާގެ މަޑުއަތް ތުރުތުރުއަޅަން ފަށައިފިއެވެ..... ހަމަ އެނުބައި ގަޑި އޭނާގެ ބޯލާކޮޅާ ދިމާއަށް އައިސް ހުއްޓިއްޖެއެވެ.

އަދި މުޢާޒުގެ ސާފުލޮލުގައި ޝައްކުގެ ހިޔަނި ހޫރެން ފަށައިފިއެވެ...... ނިކަން ދެކެ ބަލާށެވެ.

ކުރީގައިވެސް އޮތީ މިގަޑި އަތުވެދާނެކަމުގެ ބިރު ހީވެފައެވެ. ކުރީގައި އެއްވެސް ބިރެއްނެތެވެ. އެކަމަކު މިހާރު ބިރު ގަނެފައެވެ.....

މުޢާޒު ހިތްހަމަޖައްސާ ދިނުމަކީވެސް ބޭނުންކަމެކެވެ... ރަމްލާ ވިސްނުމުގެ ކިޑިކީ ހުޅުވާލިއެވެ. އަދި ބުންޏެވެ. ޔާދިރުއެވެ! ޔާދިރުގެ އެހީއާނުލާ މިއުދަނގޫ މަޤާމުން އަހަންނަށް ދުރަކަށް ނުދެވޭނެއެވެ. ރަމްލާ އެއްވެސް ޖެހިލުމަކާއިނުލާ ޔާދިރުގެ ޚިޔާލުތައް ސިކުނޑިއަށް ގެނައުމަށް މަގުތަނަވަސް ކޮށްދިނެވެ. އަދި ކީއްތޯއެވެ. މުޅި ކޮޓަރި ޔާދިރުގެ ވުޖޫދުން ފުރިބާރު ވެއްޖެއެވެ.

މިއީ ގޯހެކެވެ.... ބޮޑު ގޯހެކެވެ.... އޭނާގެ ޟަމީރު ކަންފަތްދޮށުގައި ވައި އަޑުން ބުނެލިއެވެ. އެކަމަކު މިގޯސް ނުހަދާ މިއަދު މުޢާޒުގެ ހިތް ހަމަޖައްސާ ދެވޭކަށްނެތެވެ.

[ރަމްލާއެވެ. ފޯނެއް އަތުވެއްޖެއެވެ.]

މައިދައިތަ އައިސް އޭނާ ސިއްސުވާލިއެވެ. އެވަގުތު އޭނާހުރީ މަޢޫޒުގެ ފޮތިތައް އިސްތިރި ކުރާށެވެ. އޭނާ އިސްތިރިން ކަރަންޓް ކަނޑާލިއެވެ. ދެން ބުންޏެވެ.

[މަންމާއެވެ. ކާކުތޯއެވެ.]

[އެދުވަހު އައި ރަޙްމަތްތެރިޔާހެން މަންމައަށް ވަރަށް ހީވެއެވެ. ވަރަށް ރީތިނަމެއް ކިޔާ ކުއްޖެކެވެ. ހަނދާން ވެއްޖެއެވެ..... ޖައްޔިދާ ދޯއެވެ.]

ރަމްލާގެ ހިތް ތެޅިގަތެވެ.

އެދުވަހު ބައްދަލުވީ ފަހުން އަދި އޭނާއަކާ ބައްދަލެއް ނުވެއެވެ. ފޯނެއްވެސް ނުކުރެއެވެ..... އަދި ރަމްލާ އެކަމަށް މަސައްކަތެއްވެސް ނުކުރެއެވެ.

މުޢާޒުގެ ލޯބި އަނެއްކާވެސް އެއްފަހަރު ރަމްލާގެ މަގު ބައްދުކޮށްފިއެވެ. އަދި އެރެއަށްފަހު އޭނާއޮތީ ހިތުން ހުވާކޮށްފައެވެ.... މިހާރަނގަޅު ފިރިއަކަށް ކެހި ނުދިނުމަށެވެ..... އަނެއްދުވަހުގެ ހެނދުނު މުޢާޒު އުފާވެފައި ހުރިވަރުން ޚުދު ރަމްލާވެސް ލަދުގަތެވެ. އޭނާގެ ހިތަށް ވަންނަ އަނދޮޅު ޚިޔާލުތައް ފޮހެލާފައި، އެޖާގައަށް މަޢޫޒާއި މުޢާޒުގެ ޚިޔާލުތައް ޢައްޔަން ކުރިއެވެ. އެކަމުގައި އޭނާއަށް ކާމިޔާބުވިއެވެ.

އެކަމަކު މިއަދު ހަމަކުއްލިއަކަށް އަނެއްކާވެސް ޖައްޔިދާގެ ފޯނެއް އައީއެވެ.

މިހާރު ޖައްޔިދާގެ ނަންއިވިފައި އޭނާބިރުގަންނަނީ ކީއްވެގެން ކަމެއް ނޭގެއެވެ.

ރަމްލާ ފޯނު އަތްގަނޑު ނަގާ ކަންފަތުގައި ޖައްސާލުމުން އެއީ ޖައްޔިދާކަން ޔަޤީން ކުރެވިއްޖެއެވެ.

[ބޭވަފާ ތެރިޔާއެވެ. ރަމްލާވެސް ފޯނު ކޮށްލަންވާނެ ނޫން ހެއްޔެވެ.] ޖައްޔިދާ ބުންޏެވެ.

[ޖައްޔިދާއެވެ. ކުޑަކުދިން ގޮވައިގެން އުޅޭއިރު އުޅެންޖެހޭނެ ގޮތް ޖައްޔިދާއަށް އެނގޭނެއެވެ.]

[އާއެކެވެ. އެންމެ ކުއްޖެއް ލިބިގެން އުޅެންޖެހިފައިވާ ގޮތް ތިހިރީއެވެ. އަދި ތިން ހަތަރު ކުއްޖަކު ލިބިއްޖިއްޔާ ހަތަރު އުދަރެސް ފެނުޖެހިދާނެ ނޫން ހެއްޔެވެ؟]

ރަމްލާ ހޭން ފަށައިފިއެވެ.

[ތިޔައިގެ ޖަވާބުގައި އަހަންނަށް ބުނެވޭނީ އެންމެ އެއްޗެކެވެ. މާތްރަސްކަލާނގެ ޖައްޔިދާއަށް އަވަސް ފުރުޞަތެއްގައި ދަރިއަކު ދެއްވާށިއެވެ. އަދި އޭގެ ސަބަބުން ޖައްޔިދާއަށް ހުރިހާ ޖަވާބެއް ލިބުމަށް އަހަރެން އެދެމެވެ.]

[ތިޔަ ކަހަލަ އެކަށީގެންނުވާ ދުޢާކުރާކަށް ނުވާނެއެވެ.] ޖައްޔިދާ ދިގު ނޭވާއެއް ދޫކޮށްލަމުން ބުންޏެވެ.

[ޖައްޔިދާ މިގެއަށް އައިދުވަހު އަހަރެންގެ މައިދައިތަ ބުނީ ކީކޭ ހެއްޔެވެ. ހިތްމަރުވާ ފާޑުގެ ވާހަކަތައް ދުލުން ބޭރުނުކުރާށޭ ބުންޏެއް ނޫން ހެއްޔެވެ؟] މިހެން ބުނަމުން ބޭއިޚްތިޔާރުގައި ރަމްލާ އެނބުރިލާފައި ފަހަތަށް ބަލާލިއެވެ. މަންމަ ހަމަކައިރީގައި ޖައްސާފައި ހުއްޓެވެ.

[ޙަޤީޤަތުގައިވެސް ރަމްލާގެ މައިދައިތައަކީ، ވަރަށް ރަނގަޅު އަންހެނެކެވެ. އެދުވަހު އޭނާއާ ބައްދަލުވުމުން އަހަރެން ވަރަށްބޮޑަށް އުފާވިއެވެ.]

[މަންމަވެސް ޖައްޔިދާގެ މަތިން ވަރަށް ހަނދާން ކުރެއެވެ. އެކަމަކު ޖައްޔިދާ ހަނދާނެއް ނުކުރެއެވެ.]

ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ *********************** ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން