ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމް
ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމް
މީޑިއާއިން ދުވަނީ "ކުނި" ޚަބަރުތައް ފަހަތުން ކަމަށް ވިދާޅުވެ މީޑިއާތަކަށް ފާޑު ވިދާޅުވި ޓްވީޓް ޕީޖީ ޝަމީމްގެ ޓްވިޓަރ ފީޑުން ގެއްލިއްޖެއެވެ.

ޕީޖީ ޝަމީމް މީޑިއާއަށް ފާޑު ވިދާޅުވެފައިވަނީ، މިނިސްޓްރީ އޮފް ޓޫރިޒަމްގެ ގިނަ ޢަދަދެއްގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކޮށްފައިވާކަމަށް ތުހުމަތުކުރެވުނު ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު ޢަލީ ވަޙީދު ރާއްޖެއިން ފުރާފައިވަނީ ޕީޖީ އޮފީހުން އެދިގެން ކްރިމިނަލް ކޯޓުން ނެރުނު ޕާސްޕޯޓް ދޫކޮށްލުމުގެ އަމުރެއްގެ ބޭނުން ކުރަށްވައިގެން ކަމަށް މީޑިއާ ތަކުން ރިޕޯޓް ކުރުމާގުޅިގެންނެވެ.

އަލީ ވަޙީދު ރާއްޖެ ދޫކޮށް ދިޔަ މައްސަލާގައި ޕީޖީ އޮފީހުން އިހުމާލުވެފައިވާ ކަމުގެ އަޑުތައް ގަދަވުމާއެކު، ޕީޖީ އޮފީހުންވަނީ އެކަމަކީ އެ އޮފީހަށް އެނގިގެން ހިނގައިދިޔަ ކަމެއް ނޫންކަން ސާބިތު ކުރުމަށް ބަޔާނެއްގެ ސިފައިގައި ކުޑަ ވަރެއްގެ ކުރުވާހަކައެއް ނެރެ އާންމުކޮށްފައެވެ. ޕީޖީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އަލީވަހީދުގެ ޕާސްޕޯޓް ކްރިމިނަލް ކޯޓުން ދޫކޮށްލީ އަލީ ވަޙީދު އެދިގެން ކަމަށާއި އެކަމުގައި ޕީޖީ އޮފީހުން އެއްބަސްވެފައި ނުވާ ކަމަށެވެ. އަދި ޕީޖީން އެއްބަސްވީ ޓްރެވަލް ޑޮކިއުމެންޓެއް ދޫކުރުމަށް ކަމަށް އެބަޔާނުގައިވެއެވެ.

ޕީޖީ ޝަމީމްގެ ނިޒާމުން ގެއްލިފައިވާ ޓްވީޓުގައި ވިދާޅުވެފައި ވަނީ، "ބާރު ސްޕީޑްގައި މުއައްސަސާތަކުގެ ހިންގުން ގެންގޮސް އެންމެންގެވެސް ވަގުތު ސަލާމަތް ކުރަން ބާރު އަޅާފައި ބެލިއިރު، ބައެއް ނޫސްވެރިން ތިބީ "ކުނި" ވެފައިހުރި އިއްޔެ މެންދުރުގެ ވާހަކައިން ޚަބަރު ހަދައިގެން" ކަމަށެވެ.

"ބައެއް ކަންކަމުގައި އަވަސްވެ ގަތުމަކީ ސައިތޯނާގެ ކަމެކެވެ." ޝަމީމް ވިދާޅުވެފައިވެއެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ މައްސަލަތަކުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި ދައުވާކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. އަލީ ވަޙީދުގެ މައްޗަށް 7 ދަޢުވާއެއް ކޮށްފައިވެއެވެ. އަދި މިމަސައްލައިގެ އެންމެ ފަހުގެ އަަޑުއެހުމުގައި އަލީ ވަޙީދުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ނެރުނު އަމުރު މުރާޖަޢާކޮށް، ޕާސްޕޯޓް ހިފަހައްޓަން ކޯޓުން ނެރުނު އަމުރު ބާތިލްކޮށް ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށް ދިއުމަށްޓަކައި އަލީ ވަހީދުގެ ޕާސްޕޯޓް ކޯޓުން ވަނީ ދޫކޮށްލާފައެވެ.

ޢަލީ ވަޙީދުގެ ޕާސްޕޯޓް ދޫކޮށްލި މައްސަލަ ޕީޖީ އޮފީހުން އިއްޔެ ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. އެހެން ނަމަވެސް ޕީޖީ ޝަމީމް ވަނީ ޢަލީ ވަޙީދުގެ ޕާސްޕޯޓް ދޫކޮށްލުމަށް ކޯޓުން އަމުރުނެރުމާއި، ޖާމިންވީ ލިޔުމުގައި އޮތް ތާރީޚް ދިމާނުވާކަމަށް ވިދާޅުވެ ބަހަނާ ތަކެއް ދައްކަވާފައެވެ. އަދި އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން އަމުރުކުރި ގާޟީގެ މައްސަލަ ޕީޖީ އޮފީހުން މިހާރުވަނީ ޖޭއެސްސީއަށް ހުށައަޅާފައިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

އަލީ ވަޙީދުގެ ޕާސްޕޯޓް ދޫކޮށްލާފައިވާތީ ރައްޔިތުންގެ މަޖިލީހުގެ އަންހެން މެމްބަރުން މަޖިލީހަށް ހުށައެޅި މައްސަލަ މިއަދުގެ ޖަލްސާއަށް ހުށައަޅައި އެ މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ. ނަމަވެސް އެ މަރުޙަލާގައިވެސް ފާހަގަ ކުރެވުނު އެންމެ މުހިންމު އެއް ކަމަކީ މައްސަލަ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވުމުގެ ގޮތުން މަޖިލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ޢަލީ ވަހީދުގެ ނަންވެސް ވިދާޅުވެފައި ނުވުމެވެ.

ކްރިމިނަލް ކޯޓުން ބުނެފައިވަނީ ޢަލީ ވަޙީދުގެ ޕާސްޕޯޓް ދޫކޮށްލީ އޭނާއަށް ޖާމިނުވާނެ ފަރާތެއް ހުށަހެޅުމުން ކަމަށެވެ. ޒިންމާވާނެ ފަރާތެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަސްހަދު އަލީ (އަޑުބަރޭ)އެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ ޖިންސީ ކުށުގެ ގާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދައުވާ އާއި، ޖިންސީ ކުށުގެ ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 132 ވަނަ މާއްދާގެ ދަށުން ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ އާއި، ޖިންސީ ކުށުގެ ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އާއި، ޖިންސީ ކުށުގެ ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 412 ވަނަ މާއްދާ އާއި އެ ގާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން