ވެކްސިނުގެ ފުރަތަމަ ޑޯޒުންވެސް ކޮވިޑު ބަލީގައި ބޮޑުވަރުވުން ކޮންޓްރޯލް ކޮށްދޭކަމަށް ސްކޮޓްލޭންޑް އަދި އިނގިރޭސިވިލާތުގައި ކުރެވުނު ދެދިރާސާ އަކުން ދައްކައިފިއެވެ.

މިދިރާސާއިން ބުނާގޮތުގައި ވެކްސިނުގެ ފުރަތަމަ ޑޯޒުންވެސް ކޮވިޑު ބަލިން ބޮޑުވަރުވުން ކޮންޓްރޯލް ކޮށްދީ ބަލި ބޮޑުވަރުވެ ހޮސްޕިޓަލުގައި އެޑްމިޓް ކުރުމާއި މިބަލީގައި މަރުވާ މީހުންގެ އަދަދު މަދުކުރެވޭނެއެވެ. އަދި ވެކްސިނުގެ ފުރަތަމަ ޑޯޒު ޖެހުމަށްފަހު އެމީހެއްގެ ފަރާތުން ބަލި ފެތުރޭ މިންވަރުވެސް ދައްވެގެންދާކަމަށް މިދެދިރާސާ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އިނގިރޭސިވިލާތުގެ ދިރާސާގައި ބޭނުންކޮށްފައިވާ ފައިޒަރ ކުންފުނީގެ ވެކްސިނުގެ ފުރަތަމަ ޑޯޒު ޖެހުމާއެކު ކޮވިޑު ބަލި ޖެހުމުގެ ފުރުސަތު 70 އިންސައްތައާއި ހަމައަށް ދައްކޮށްދޭކަމަށްވެއެވެ. އަދި މިވެކްސިނުގެ ދެވަނަ ޑޯޒާއެކު މިބަލީގެ ނުރައްކާތެރިކަން 85 އިންސައްތަ ދަށަށްދާކަމަށް ފާހަގަކޮށްފައިވެއެވެ.

ސްކޮޓްލޭންޑުގެ ދިރާސާގައި ފައިޒަރ ކުންފުނީގެ ވެކްސިނުގެ އިތުރުން އޮކްސްފޯޑު އަދި އެސްޓްރަރޒެނެކާގެ ވެކްސިން ބޭނުންކޮށްފައިވެއެވެ. މިދިރާސާއިން ދައްކާގޮތުގައި ފައިޒަރގެ ވެކްސިނުގެ ފުރަތަމަ ޑޯޒުންވެސް ކޮވިޑު ބަލި ބޮޑުވަރުވެ ހޮސްޕިޓަލުގައި އެޑްމިޓްކުރެވޭ މިންވަރު 85 އިންސައްތަ ދަށަށްދާކަމަށް ފާހަގަކޮށްފައިވެއެވެ. އަދި އެސްޓްރަރޒެނެކާގެ ވެކްސިނުގެ ފުރަތަމަ ޑޯޒުން ކޮވިޑު ބަލީގެ ނުރައްކާތެރިކަން 94 އިންސައްތަ ދަށަށްދާކަމަށް ފާހަގަކޮށްފައިވެއެވެ.

މިއާއެކު ވެކްސިން މެދުވެރިކޮށް ކޮވިޑުބަލިން ރައްކާތެރިވާނެކަމުގެ ބޮޑު ޔަގީންކަމެއް ލިބިގެން ދިޔަކަމަށް މިދިރާސާ އާންމުކޮށްދެއްވަމުން އިނގިރޭސިވިލާތުގެ ޕަބްލިކް ހެލްތުގެ ސްޓްރެޓެޖިކް ރެސްޕޮންސް ޑިރެކްޓަރ ސޫޒަން ހޮޕްކިންސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން