ކޮވިޑް ޓެސްޓް ހަދަން ފުރަގަސް ފަރާތުން ސާމްޕަލް ނެގުމަށް އެމެރިކާގެ ޑިޕްލޮމެޓުންގެ ކިބައިން އެދުނު ކަމަށް ބުނެ ކުރަމުންދާ ތުހުމަތުތައް ޗައިނާއިން ދޮގުކޮށްފިއެވެ.

އެމެރިކާގެ ބައެއް ޑިޕްލޮމެޓުންނާ ހަވާލާދީ އެމެރިކާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވަނީ ޗައިނާއިން ކޮވިޑް ޓެސްޓު ހެދުމަށް ފުރަގަސް ފަރާތުން ސާމްޕަލް ނެގުމަށް އެމެރިކާގެ ޑިޕްލޮމެޓުންގެ ކިބައިން އެދުނު ކަމަށެވެ. އަދި މިކަން ދޮގުކުރައްވާ ޗައިނާގެ ފޮރިން މިނިސްްޓްރީގެ ތަރުޖަމާނު ވިދާޅުވީ އެމެރިކާގެ އެއްވެސް ޑިޕްލޮމެޓަކު ކޮވިޑު ޓެސްޓު ހެދުމަށް ނަގަން ޖެހޭ ސާމްޕަލް ނެގުމުގައި ފުރަގަސް ފަރާތް ބޭނުން ކުރުމަށް އެދިފައިނުވާނެކަމަށެވެ.

ޗައިނާގައި ކޮވިޑު ޓެސްޓު ކުރުމަށް ބޭނުންވާ ސާމްޕަލް ނެގުމުގައި ފުރަގަސްފަރާތް ބޭނުންކުރާ ވާހަކަ އަކީ އާވާހަަކައެއްނޫނެވެ. މިގޮތުން ނޭފަތުންނާއި ކަރުތެރެއިން ނެގޭ ސާމްޕަލް ތަކަށް ވުރެ ފުރަގަސްފަރާތުން ނެގޭ ސާމްޕަލުން ހެދޭ ކޮވިޑު ޓެސްޓުގެ ނަތީޖާ އިތުބާރުބޮޑުކަމަށް ދައްކާކަމަށް އެގައުމުގެ ސިއްހީ ވުޒާރާތަކުން ހާމަކުރެއެވެ.

ނަމަވެސް ކޮވިޑް ޓެސްޓު ހެދުމަށް ސާމްޕަލް ނެގުމުގައި ފުރަގަސްފަރާތް ބޭނުން ކުރުމަކީ މަޖުބޫރު ކަމެއް ނޫން ކަމަށާއި ދެވޭ އިޚުތިޔާރެއް ކަމަށް އެގައުމުގެ ސިއްހީ ވުޒާރާތަކުން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.

ޗައިނާގައި ކޮވިޑުގެ އިތުރު ކޭސްއެއް ރިޕޯޓް ނުކުރާތާ ހަފްތާއެއްވެފައި ވިނަމަވެސް، ޗައިނާއަށް އެތެރެވާ މީހުން ކޮވިޑަށް ޓެސްޓުކުރުމަށް އަދިވެސް މަޖުބޫރުކޮށްފައިވެއެވެ. އެހެން ގައުމުތަކެކޭ އެއްފަދައިން ޗައިނާއަށް ދަތުރުކުރުމުގައި ހަރުކަށި ގަވާއިދުތަކެއް ހެދިފައިވިނަމަވެސް، އެކި ގައުމުތަކުން ޑިޕްލޮމެޓުން ގެގޮތުގައި ދަތުރުކުރާ ފަރާތްތައް ޗައިނާއަށް އެތެރެވުމަށް ލުއިތަކެއް ދީފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން