ސްޕެއިންގެ ވަކި ވެރިކަމެއްްގެ ދަށުގައި އޮންނަ ގަލީސިޔާގައި ވެކްސިން ނުޖަހާ މީހުންނާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް މަޝްވަރާތައް ކުރެވި ޖޫރިމަނާ ކުރެވޭ ގޮތަށް ގާނޫނު ބަދަލު ކޮށްފިއެވެ.

ގަލީސިޔާގެ ސިއްހަތާއި ބެހޭ ގާނޫނަށް ބަދަލު ގެނެސް ރީފޯމް ކުރުމަށް ގަލީސިޔާގެ ގާނޫނުހަދާ މަޖިލީހުން ނިންމުމާއިއެކު، މިގާނޫނުގެ ދަށުން މަގުބޫލު ސަބަބެއް ނެތި ވެކްސިން ޖަހަން ދެކޮޅު ހަދައިފިނަމަ ޖޫރިމަނާ ކުރެވެނޭއެވެ. އަދި ޖޫރިމަނާ ފީއެއްގެ ގޮތުގައި އެންމެ ބޮޑުވެގެން 60،000 ޔޫރޯ ދައްކަން ޖެހިދާނެކަމަށްވެއެވެ.

މިއީ ކޮވިޑުން ރައްކާތެރިވުމަށް ގަލީސިޔާގައި ކުރެވެމުންދާ މަސައްކަތުގެ ދަށުން ވެކްސިން ޖެހުމަށް އެއްބާރުލުންް ނުދޭ މީހުން އިތުރުވާ ކަމުގެ ޝަކުވާ އާއެކު ގާނޫނަށް ގެނެވުނު ބަދަލެކެވެ.

"ގާނޫނަށް ގެނެވުނު ބަދަލާއި އެކު ވެކްސިން ޖަހަން އެދުމުން އެއްވެސް ސަބަބަކާ ނުލައި އުޒުރުވެރިވާ ފަރާތްތައް ޖޫރިމަނާ ކުރުވޭނެ. އެހެންނަމަވެސް މިއީ ވެކްސިން ޖެހުން މަޖުބޫރު ކުރުވުމެއްނޫން." ގަލީސިޔާގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރި ގާނޫނު ތަފްސީލު ކޮށްދިން، ވިކްޓޯ ސޮރިއާނޯ ނަމަކަށް ކިޔުނު ވަކީލަކު ބުންޏެވެ.

ވެކްސިން ޖެހުން މަޖުބޫރު ނުކުރާނެ ކަމަށް ގަލީސިޔާގެ ހެލްތު މިނިސްޓްރީއިން ވަނީ މީގެ ކުރިންވެސް ހާމަކޮށްފައެވެ.

ގަލީސިޔާގައި ވެކްސިން ޖެހުމަށް ސަބަބަކާއި ނުލައި އުޒުރުވެރިވާ ފަރާތްތައް ޖޫރީމަނާ ކުރެވޭ ގާނޫނެއް ފާސް ކުރެވުނު އިރު، ސްޕެއިންގެ ސަރުކާރުން ވަނީ ވެކްސިން ޖެހުމަށް ދެކޮޅުހަދާ ފަރާތްތައް ދެނެގަތުމަށް ލިސްޓެއް އެކުލަވާލާނެ ކަމަށް މިދިޔަ އަހަރު އިއުލާންކޮށްފައެވެ.

ގަލީސިޔާއަކީ ސްޕެއިންގެ އުތުރު-ހުޅަނގުން ވަކި ވެރިކަމެއް ނުވަތަ އޮޓޮނޮމަސްކޮށް ޖަމާއަތެއް ދިރިއުޅޭ ސަރަހައްދެކެވެ. އާބާދީގައި ދެމިލިއަނަށްވުރެ ގިނަމީހުން ހިމެނޭ ގަލީސިޔާގައި ކޮވިޑު ޖެހިގެން 100،000 އަށް ވުރެއް ގިނަ ކޭސް ރިޕޯޓުކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން