މަބްރޫޫކްާއި ޑރ. އަފްޒަލް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
މަބްރޫޫކްާއި ޑރ. އަފްޒަލް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ކޯވިޑް-19 ގެ ނުރައްކާތެރިކަން ދުނިޔޭގެ ޤައުމުތައް ފަހަނަ އަޅައި ރާއްޖޭގެ ވެރިރަށް މާލެއަށް ފޯރީ މި މަހުގެ 15 ވަނަ ދުވަހުއެވެ. މާލެއިން ގިނަ ޢަދަދެއްގެ ބަޔަކު ބައްޔަށް ޕޮޒިޓިވް ވުމަށްފަހު، މިހާރު މި ބަލި މިވަނީ ރާއްޖޭގެ އަތޮޅުތަކަށް މިސްރާބު ޖަހާފައެވެ.

މިގޮތުން މިއަދު ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހުންގެ ތެރޭގައި ށ.ނަރުދޫ މީހަކު ވަނީ ހިމެނިފައެވެ. އޭނާ ބައްޔަށް ޕޮޒިޓިވް ވެފައި ވަނީ 98 މީހުން ގޮވައިގެން ނ އަތޮޅާއި ށ އަތޮޅަށް މާލެއިން ދަތުރުކޮށްފައި ދިޔަ ފަހުންނެވެ.

އެޗްޕީއޭ އިން މިރޭ ވަނީ މިއަދު ރާއްޖެއިން ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހުންގެ ތަފްސީލްތަކެއް ހާމަކޮށްފައެވެ.

ތިރީގައި މިވަނީ މިއަދު ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތަފްސީލެވެ.

130 ވަނަ މީހާ އަކީ އުމުރުން 50 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއީ 72 ވަނަ ބަލިމީހާ އާއި ގުޅޭ ފަރާތެކެވެ.

131 ވަނަ އަށް ޕޮޒިޓިވް ވެފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނެކެވެ. މީނާ އާއި 132 ވަނަ އަށް ޕޮޒިޓިވްވީ މީހާ އަކީ އެއް ގެއެއްގައި އުޅޭ ދެ މީހުންނެވެ. މިދެމީހުންނާއި އެހެން ބަޔަކާއި ގުޅުމެއްވާކަން ފެނިފައެއް ނުވެއެވެ.

133 ވަނަ މީހާއަކީ 49 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއީ ށ. ނަރުދޫ އިން ޕޮޒިޓިވް ވެފައިވާ މީހެކެވެ. މީނާ އަކީ "އަމާޒު" ބޯޓުގެ ކެޕްޓަނެވެ. މީނާއާއި ގުޅުންހުރި އިތުރު ކްލާސްޓާ ފެނުމުގެ ފުރުސަތު ބޮޑު ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ. "އަމާޒު" ބޯޓު އެންމެ ފަހުން ކުރި ދަތުރުގައި 98 މީހުން ދަތުރުކުރި ކަމަށް މައުލޫމާތު ލިބިފައިވާއިރު، މި ބޯޓު 15 ވަނަ ދުވަހު މާލޭން ފުރައިގެން 16 ވަނަ ދުވަހު ވެސް ށ އަތޮޅާއި ނ އަތޮޅުގެ ރަށްތަކަށް ދަތުރުކޮށްފައިވެއެވެ. މީނާ އާއި ގުޅުންހުރި 50 މީހަކު މިހާތަނަށް ފެނިފައިވާއިރު އޭގެ ތެރެއިން ފަސް މީހެއްގެ ގައިން ވަނީ އަލާމާތް ފެނިފައެވެ.

134 ވަނަ ކޭސްއަކީ 46 އަހަރުގެ އަންހެނެއް ކަމަށާއި، މިއީ 85 ވަނަ ކޭސްއާ ގުޅިފައިވާ ކޭސްއެއް ކަމަށް ޑރ. އަފްސަލް ވިދާޅުވިއެވެ.

ކޭސް 135 އާއި 136 އަކީ ވެސް ކޭސް 85 އާ ގުޅިފައިވާ ދެ މީހުންނެވެ. މިއީ ދިވެހި އަންހެނަކާއި ފިރިހެނެކެވެ.

137 އަކީ ކޭސް ނަމްބަރު 120އާ ގުޅިފައިވާ ކޭސްއެކެވެ.

138 އަކީ ސްރީލަންކާގެ އަންހެނެއް ކަމަށާއި، މިއީ ކޭސް ނަމްބަރު 112 އާ ގުޅިފައިވާ ކޭހެއް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ކޭސް ނަމްބަރު 139 އަކީ ކޭސް ނަމްބަރު 118 އާ ގުޅިފައިވާ ކޭހެކެވެ. ކޭސް ނަމްބަރު 140 އާއި 141 އަކީ އިންޑިއާ ދެމީހުން ކަމަށާއި، މިއީ ވެސް ކުރިން ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހަކާއި ގުޅުން ހުރި ބައެއް ކަމަށް ޑރ. އަފްސަލް ވިދާޅުވިއެވެ.

މާލެ ފިޔަވައި އެހެން ރަށެއް އަދި މިޙާތަނަށް ލޮކްޑައުން ކޮށްފައެއް ނުވެއެވެ. އެޗްޕީއޭއިން ބުނީ ރަށެއް ލޮކްޑައުން ކުރާނީ އެރަށެއްގެ އާބާދީގެ ތެރޭގައި ބަލި ފެތުރޭކަން ފާހަގަ ކުރެވުމުންނެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް-19 އަށް 141 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. މިހާތަނަށް 5704 ސާމްޕަލެއް ނަގާފައި ވާއިރު، މިހާތަނަށް ވަނީ ކޮންޓެކްޓް ޓްރޭސިންގެ ދަށުން 1943 މީހުން ފަހާގަކުރެވި، 281 ތަނެއް ވަނީ މޮނިޓަރިން އަށް ގެނެސްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން