ޝަބްނަމް އަދި އޭނާގެ ލޯބިވެރިޔާ.
ޝަބްނަމް އަދި އޭނާގެ ލޯބިވެރިޔާ.
އިންޑިޔާގައި 66 އަހަރުފަހުން ފުރަތަމަ ފަހަރަށް އަންހެނެއްގެ މަރުގެ ހުކުމެއް ތަންފީޒުކުރަން ނިންމައިފިއެވެ.

އާއިލާގެ ހަތް މީހަކު މަރާލި ކަމަށް ތުހުމަތުކޮށް ހުކުމް ކޮށްފައިވާ އަންހެނެއްގެ ހުކުމް ތަންފީޒު ކުރުމަށް ތައްޔާރުވަމުންދާކަމަށް އިންޑިޔާގެ ފުލުހުން ވަނީ ހާމަކޮށްފައެވެ. މިއަންހެން މީހާގެ ހުކުމް ތަންފީޒުކޮށްފިނަމަ، މި ހުކުމް ވެގެންދާނީ އިންޑިޔާގައި 66 އަހަރު ފަހުން މީހަކު ދަންޖައްސާނެ ފުރަތަމަ ހުކުމަށެވެ.

އުމުރުން 38 އަހަރުގެ، ޝަބްނަމް އަލީގެ މައްޗަށް ހަތް މީހަކު މެރުމުގެ ކުށް ސާބިތުވެފައި ވަނީ 2008 ވަނަ އަހަރުއެވެ. ކުށް ސާބިތުވުމުން އޭނާ މެރުމަށް ހުކުމްކުރި ނަމަވެސް ހުކުން ތަންފީޒު ނުކޮށް 11 އަހަރު އޭނާ ޖަލުގައި ހޭދަކުރިއެވެ. އަދި އޭނާގެ 12 އަހަރުގެ ދަރިފުޅު ވަނީ ޝަބްނަމްގެ ހުކުން ލުއިކޮށްދިނުމަށް ކޯޓުގައި އެކިފަހަރު މަތިން އާދޭސްކޮށްފައެވެ. ނަމަވެސް ޝަބްނަމާއި ދެކޮޅަށް ހަތް މީހަކު މެރިކަމުގެ ހެކި ހުރުމާއެކު ކޯޓުންވަނީ އޭނާގެ ހުކުން ލުއިކުރުމާއިމެދު ދެކޮޅު ހަދާފައެވެ.

ޝަބްނަމް އަދި އޭނާގެ ލޯބިވެރިޔާ ކައިވެނި ކުރުމަށް އާއިލާއިން ރުހުން ނުދިނުމުން، ޝަބްނަމް ވަނީ އޭނާގެ މަންމަ، ބައްޕަ، ދެބޭބެ އަދި އެމީހުންގެ އަންހެނުންނާއި، ޝަބްނަމް އަށް ބޮޑުދައިތަ ކިޔާ 10 މަހުގެ ތުއްތު ކުއްޖަކު މަރާލައިފައެވެ. މިމީހުން މަރައިލުމަށް ފުރަތަމަ މަސްތުވާ ތަކެތި ދީ ހޭނައްތާލުމަށްފަހު ކަތިވަޅިއެއް ބޭނުންކޮށްގެން އެމީހުން މަރާލީއެވެ. އަދި ޝަބްނަމް އަށް ބޮޑުދައިތަ ކިޔާ 10 މަހުގެ ތުއްތު ކުއްޖާ މަރާލީ ދަންޖައްސައިގެން ކަމަށްވެއެވެ.

މިހާދިސާއަށްފަހު ޝަބްނަމް އާއެކު އޭނާގެ ލޯބިވެރިޔާވެސް ވަނީ ހައްޔަރުކޮށް މީހަކު މެރުމުގެ ކުށުގެ ހުކުމް އިއްވާފައެވެ. މިދެމީހުން ހައްޔަރު ކުރިއިރު ޝަބްނަމް އިނީ ބަލިވެއެވެ. އޭނާ ވިހައިފައިވަނީ ޖަލުގައި ހުއްޓައެވެ. އަދި އިންޑިޔާގެ ޖަލުތަކުގެ ގަވާއިދުގައި ބުނާ ގޮތުންނަމަ ޖަލުގައި ހުންނަ މީހަކު ވިހާ ދަރިއެއްގެ އުމުރުން 6 އަހަރުވަންދެން މައިމީހާ ކައިރީގައި ޖަލުގައި ހުރެވޭނެ ކަމަށްވާތީ ޝަބްނަމްގެ ދަރިފުޅަށްވެސް ހަ އަހަރު ވަންދެން ހުރީ ޝަބްނަމްގެ ގާތުގައެވެ.

ޝަބްނަމްގެ މަރުގެ ހުކުން ތަންފީޒުކޮށްފިނަމަ، 1947 ވަނަ އަހަރަށްފަހު އިންޑިޔާގައި މިފަދަ ހުކުމެއް ތަންފީޒު ކުރެވުނު ދެވަނަ އަންހެނަކަށް ޝަބްނަމް ވެގެން ދާނެ ކަމަށްވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން