ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ
ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ
ކަރަންޓީނު ފެސިލިޓީތަކުގެ ކެއިން ބުއިމުގެ ކަންކަން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމުގައި ދިފާޢީ ވަޒީރު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ މިހެން ވިދާޅުވެފައިމިވަނީ ބައެއް ކަރަންޓީނު ފެސިލިޓީތަކުގެ ކެއިން ބުއިމުގެ ކަންކަން ހުންނަގޮތާއި ފެންވަރާއިމެދު ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

އުސްތާޒާ މާރިޔާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކަރަންޓީނު އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި ދޭ ހިދުމަތްތައް، ވަކިން ހާއްސަ ގޮތެއްގައި ކެއިން ބުއިމުގެ ކަންކަން ރައީސް ޞާލިޙް ވަރަށް ގާތުން ބައްލަވާ ކަމަށެވެ. އަދި އެ ތަންތަނުގައި ތިބޭ މީހުންގެ ޝަކުވާތަައް އަޑުއައްސަވައި ކަންބޮޑުވުންތައް ހައްލުކުރުމަށް ވެސް އަންގަވަމުން ގެންދަވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުވެސް ވަނީ ސަރުކާރުން ކަރަންޓީން ފެސިލިޓީ ތަކުގައި ތިބި މީހުންގެ ކެއިންބުއިމުގެ ކަންތައްތައް ވަރަށް ފުރިހަމައަށް ހަމަޖައްސަވަމުން ގެންދަވާ ކަމުގައި ވިދާޅުވެފައެވެ.

"މިހާތަނަށް ކަރަންޓީން ފެސިލިޓީޒް ތަކަށް 595 މިލިއަން ރުފިޔާ ޚަރަދުވެއްޖެ. ކަރަންޓީން ފެސިލިޓީތަކުގައި ރޯދަ ވީއްލުމުގެ ކަންތައް ރަނގަޅަށް ކުރިއަށް ގެންދިއުމުގެ ހުރިހާ މަސައްކަތެއް އެބޭފުޅުން ކުރަށްވާނެ. ހުރިހާ ވަޒީރުން އެކަމުގައި ވަރަށް އަވަދިނެތި އުޅުއްވާ. އަދި ތިބޭފުޅުންނަށް އިތުރު ހިތްހަމަޖެހުމެއް ލިބިވަޑައިގަންނަވާނަމަ، ކަމާގުޅޭ ވަޒީރު ބޭފުޅާ ރޯދަ ވީއްލަވަނީ، ހަމަ ސީދާ ކަރަންޓީން ފެސިލިޓީގައި އެހުރި ތަކެތިން." ރައީސް ނަޝީދު ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓަރ މަރިޔާ ދީދީއާއި ރައީސް ނަޝީދު މިފަދައިން ވާހަކަ ދައްކަވާފައި ވީނަމަވެސް ބައެއް ފެސިޓީތަކުގައި ކެއުމުގެ ފެންވަރު ދަށްކަމަށްބުނެ ކާންދޭ ބާވްތަތަކުގެ ފޮޓޯއާއެކު ބައެއް މީހުން މީސް މީޑިއާގައި ޝަކުވާ ކުރަމުންދާކަން ވަނީ ފާހަގަ ކުރެވިފައެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް-19 އަށް 191 މީހުން ޕޮޒިޓިވް ވެފައިވާއިރު މިއަދުގެ މިހާތަނަށް 50 މީހުން ބައްޔަށް ވަނީ ޕޮޒިޓިވް ވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން