ބަންގްލަދޭޝްއަށް ނިސްބަތްވާ ޝަހާދަތު ހުސެއިން
ބަންގްލަދޭޝްއަށް ނިސްބަތްވާ ޝަހާދަތު ހުސެއިން
ބަންގްލަދޭޝްއަށް ނިސްބަތްވާ ޝަހާދަތު ހުސެއިން، ގަވާއިދާ ހިލާފަށް ރާއްޖެއަށް ބިދޭސީން ގެނައުމުގެ ވިޔަފާރިކޮށް، ޖިނާއީ ކުށްކޮށް ފައިސާ ހޯދައި މަނީ ލޯންޑަރިންގެ އަމަލުތަކެއް ހިންގާފައިވާ މައްސަލާގައި އޭނާ 3 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ.

މި މައްސަލައިގައި ފުލުހުން މީގެކުރިން ބުނެފައިވަނީ، ޝަހާދަތު ވަނީ ސައްހަ ނޫން ވޯކް ޕާމިޓް ހަދައި، ބިދޭސީން ލައްވައި ބަންގްލަދޭޝްގެ އެކައުންޓަކަށް ފައިސާ ޖަމާކުރުވާފައިވާ ކަމަށާއި، އެކަން އޭނާގެ ފޯނުން ހޯދިފައިވާ ކަމަށެވެ. އަދި 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން 2024 ވަނަ އަހަރާ ހަމައަށް އޭނާގެ ބޭންކު އެކައުންޓުތަކަށް 8 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާވެ ދައުރުކޮށްފައިވާ ކަމަށާއި، ބިދޭސީންގެ ވޯކް ވިސާ ފީގެ ގޮތުގައި އެކްސްޕެޓް ޕޯޓަލް މެދުވެރިކޮށް 1.6 މިލިއަން ރުފިޔާ އޭނާގެ އަމިއްލަ އެކައުންޓުން ދައްކާފައިވާ ކަމަށެވެ.

މި މައްސަލައިގައި ދަޢުލަތުން ޝަހާދަތުގެ މައްޗަށް ފަސް ދައުވާއެއް އުފުލިއެވެ. އެއީ މަނީލޯންޑަރިން އާއި ރިޝްވަތު ދިނުމާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާގެއެ އިތުރުން އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ދެ ދައުވާއެކެވެ.

މި ދައުވާތަކަށް ޝަހާދަތު އެއްބަސްވެ، ދައުލަތާ އެކު ވަނީ އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފަ އެވެ. އެހެންކަމުން އޭނާގެ މައްޗަށް އުފުލި، ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާގެ އިތުރުން އެނގި ހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ދެ ދައުވާ ދައުލަތުން ވަނީ އަނބުރާ ގެންގޮސްފައެވެ. އަދި ދެން ހުރި ދައުވާތަކުގެ އަދަބު ލުއިކޮށްފައިވެއެވެ.

އެގޮތުން މަނީލޯންޑަރިންގެ ދައުވާގައި ޝަހާދަތުގެ މައްޗަށް އިއްވީ ދެ އަހަރާއި ހަ މަހަށް ޖަލަށްލުމާއެކު 53،400 ރުފިޔާއިން ޖޫރިމަނާކު ރުމަށެވެ. އަދި ރިޝްވަތު ދިނުމުގެ ދައުވާގައި އިއްވީ ހަ މަހަށް ޖަލަށްލުމާއެކު 21،600 ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ. އަދި ޖޫރިމަނާގެ ފައިސާ ހަ މަސް ދުވަހުން ދައްކައި ހަލާސް ކުރަން ޖެހެއެވެ.

ފުލުހުން މީގެ ކުރިން ޢާއްމު ކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، ޝަހާދަތު ހުސެއިންއަކީ 2014 ވަނަ އަހަރުން ފެށިގެން ހަތަރު ވޯކް ޕާމިޓެއްގައި ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅެމުންދިޔަ މީހެކެވެ. އޭނާ 2019 ވަނަ އަހަރު ބީއެމްއެލްގައި ދިވެހި ރުފިޔާގެ ތިން އެކައުންޓާއި ޑޮލަރުގެ ތިން އެކައުންޓް ހިމެނޭހެން ހަ އެކައުންޓެއް ހުޅުވާފައިވެއެވެ. އޭނާ މާލޭގައި ދިރިއުޅުނީ 18،000 ރުފިޔާއަށް ދެ ކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔަށް ނަގައިގެންނެވެ.

އޭނާގެ އެންމެ ފަހުގެ ވޯކް ޕާމިޓުގައި ވަޒީފާގެ ގޮތުގައި އޮފީސް ބޯއީ ކަމަށް ޖަހާފައިވިޔަސް، އޭނާގެ ވަޒީފާ ހަމަޖެހުނުކަމުގެ ލިއުމުގައާއި އެކްސްޕެޓް ސިސްޓަމުގައި 3،000 ޑޮލަރުގެ މުސާރައެއް އޮތެވެ. އޭނާގެ ވޯކް ޕާމިޓްގެ މުއްދަތު ހަމަވެފައިވަނީ މިދިޔަ އަހަރުގެ ޖުލައި 27 ގައި ފީ ނުދެއްކުމުގެ ސަބަބުންނެވެ.

ފުލުހުން ހާމަކުރި ގޮތުގައި، އޭނާގެ ފޯނާއި ލެޕްޓޮޕުން ހޯދި މައުލޫމާތުން އެނގޭ ގޮތުގައި، ގަވާއިދާ ހިލާފަށް ބިދޭސީން ރާއްޖެ އެތެރެކުރުމުގެ ފުޅާ ދާއިރާއެއްގެ އޮޕަރޭޝަނެއް އޭނާ ހިންގާފައިވެއެވެ. އެގޮތުން، އެކި ކުންފުނިތަކުގެ ރަޖިސްޓްރީއާއި ލޯގޯ ސްޓޭމްޕް، ބިދޭސީންނާއި ދިވެހިން ހިމެނޭހެން އެކި މީހުންގެ ސޮއި، ވޯކް ޕާމިޓް ނެގުމަށް ބޭނުންވާ ޕާސްޕޯޓު ކޮޕީތަކާއި އައިޑީ ކާޑު ކޮޕީތައް އޭނާގެ ފޯނުން ފެނިފައިވެއެވެ. އަދި ވޯކް ޕާމިޓް ސައިޓުތަކަށް ވަދެފައިވާކަމުގެ ވެބް ހިސްޓްރީއާއި، އަމިއްލަ ފަރުދުންގެ ވިޔަފާރިތަކާއި ބޭރުގެ ކުންފުނިތަކާއި ޕްރައިވެޓް ކުންފުނިތަކާއި އަމިއްލަ ފަރުދުންގެ އަދި ޕާޓްނާޝިޕްތަކުގެ ނަމުގައި ޖުމްލަ 500 އަށް ވުރެ ގިނަ ވަގު އައިޑީ އޭނާ ބޭނުންކޮށްފައިވާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު