ލ.ކައްދޫ
ލ.ކައްދޫ
ލ. ކައްދޫގައި ހިނގި ސައިކަލް އެކްސިޑެންޓެއްގައި މީހަކު ނިޔާވި މައްސަލައިގައި ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ޙުކުމް އިއްވައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް 15 ވަނަ ދުވަހުގެ ރޭ ލާމު ލިންކް ރޯޑުގައެވެ. ބާރު ސްޕީޑުގައި ސައިކަލް ދުއްވައިގެން މީހަކު މަރުވެ އަނެކަކަށް އަނިޔާވި މި ޙާދިސާގައި ލ. ފޮނަދޫ / ހޯރަވިލާ، މުޙައްމަދު ނައުސާންގެ މައްޗަށް ދެ ދަޢުވާ ސާބިތުވެ ޖަލު ޙުކުމް ވަނީ އިއްވާފައެވެ. އެގޮތުން، ކައްފާރާއެއްގެ ގޮތުގައި 60 ދުވަހު ރޯދަ ހިފުމަށާއި، މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދައްކަން ކޯޓުން ވަނީ ޙުކުމްކޮށްފައެވެ.

މި ޙާދިސާގައި ނައުސާން ބާރު ދުވެލީގައި ސައިކަލް ދުއްވާފައި ދަނިކޮށް، ކައްދޫ އިސްކަންދަރު އެއާބޭސްގެ ޓާމިނަލް މަގާއި ލިންކް ރޯޑު ގުޅޭ ހަތަރުއަނގޮޅީގެ ކަފިހުރަހުން މަގު ހުރަސްކުރި ދެ މީހެއްގެ ގައިގައި ސައިކަލުން ޖެހި އެކްސިޑެންޓުވެފައިވެއެވެ. ފުލުހުން ބުނީ މި އެކްސިޑެންޓްގެ ރިޕޯޓު ލިބިފައިވަނީ އެދުވަހުގެ ރޭ 19:18 ހާއިރު، ލ. ފޮނަދޫން ގަމަށް ދަތުރު ކުރި ސައިކަލެއް ކައްދޫ އެއާޕޯޓަށް ދާން މަގު ހުރަސް ކުރި ދެ މީހެއްގެ ގައިގައި ޖެހިގެން ކަމަށެވެ.

މި އެކްސިޑެންޓުގައި ލިބުނު ބޮޑެތި އަނިޔާތަކަށް ލ. ގަން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް، ޒިބްރާ ކްރޮސް މަތިން މަގު ހުރަސްކުރި 64 އަހަރުގެ ލ. މާވަށް/ އެތުމާ، މަރްޔަމް މޫސާ ނިޔާވެފައިވެއެވެ. އަދި މަގު ހުރަސްކުރި އއ. ހިމަންދޫ / ގަލްފް، ޢަބްދުއްސަލާމް ޙުސައިންއަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ. ސައިކަލުގައި ތިބި ދެ މީހުންނަށް ވެސް މި އެކްސިޑެންޓްގައި އަނިޔާވެފައިވެއެވެ.

މަރްޔަމް މޫސާ މަރުވި މައްސަލައިގައި، މީހަކު މަރުވެދިއުމުގެ ފަރުވާކުޑަ ޢަމަލެއް ކުރުމުގެ ކުށުގެ ދަޢުވާއަށް ނައުސާން ޝަރީޢަތުގައި އިޢުތިރާފުވެފައިވާތީ، ޕީޖީ އޮފީހާއެކު ވެފައިވާ އިޢުތިރާފުގެ އެއްބަސްވުމުގެ ދަށުން ކޯޓުން ވަނީ ތިން އަހަރުގެ ޖަލު އަދަބެއް ކަނޑައަޅާފައެވެ. ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ މި ދަޢުވާއިން ތަންފީޛުކުރަން ޖެހެނީ އެއް އަހަރާއި ނުވަ މަހާއި 20 ދުވަހުގެ ޖަލު އަދަބެކެވެ. މީގެ އިތުރުން ކައްފާރާއެއްގެ ގޮތުން ޖެހިޖެހިގެން 60 ދުވަހު ރޯދަ ހިފުމަށާއި، ވާރިޘުން މަރުގެ ދިޔަ ބޭނުންވާތީ މުޚައްފަފު މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ 36 މަސް ދުވަހުގެ ތެރޭގައި ކޯޓަށް ދެއްކުމަށް ވެސް ވަނީ އަމުރުކޮށްފައެވެ.

ޢަބްދުއްސަލާމް ޙުސައިންއަށް އަނިޔާވި މައްސަލައިގައި އުފުލި އަނިޔާއެއް ދިނުމުގެ ކުށުގެ ދަޢުވާއަށް ވެސް ނައުސާން އިޢުތިރާފުވެފައިވާތީ، އެއްބަސްވުމަށް ރިޢާޔަތްކޮށް އޭނާގެ މައްޗަށް ވަނީ ނުވަ މަހާއި 18 ދުވަހުގެ ޖަލު ޙުކުމެއް އިއްވާފައެވެ. މި ދެ މައްސަލަ ބައްލަވައި ވަކިވަކިން ޙުކުމް އިއްވެވީ ލ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ޢަލީ ޝަރީފެވެ.



ކިޔުންތެރިންގެ ހިޔާލު