ޖޮންސަން އެންޑް ޖޮންސަން ކުންފުނިން ކޮވިޑުން ރައްކާތެރިވުމަށް އުފައްދާފައިވާ ވެކްސިން ބޭނުން ކުރުމަށް ކެނެޑާގައި ހުއްދަދީފިއެވެ.

މިއީ އެގައުމުގައި ކޮވިޑުން ރައްކާތެރިވުމަށް ބޭނުންކުރުމަށް ހުއްދަ ދެވުނު ހަތަރުވަނަ ވެކްސިނެވެ. މީގެ ކުރިން އެސްޓްރަޒެނެކާ، ފައިޒަރ އަދި މޮޑަރނަރ ކުންފުނީގެ ވެކްސިން ބޭނުން ކުރުމަށް ކެނެޑާގައި ވަނީ ހުއްދަދީފައެވެ.

ކެނެޑާގައި ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ދޭން ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުއެވެ. މިވެކްސިން ދިނުމުގެ ޕްރޮގްރާމްގެ ދަށުން ފުރަތަމަ އިސްކަން ދީފައިވަނީ ދުވަސްވީ މީހުންނާއި، އިސްސަފުގައި މަސައްކަތްކުރާ ސިއްހީ އެހީތެރިންނަށް ވެކްސިން ދިނުމަށެވެ. މިވެކްސިން ދިނުމުގެ ޕްރޮގްރާމްގެ ދަށުން އުމުރުން 60 އަހަރުން މަތީގެ ހުރިހާ އެންމެންނަށް މިއަހަރު ޖޫންމަހުގެ ނިޔަލަށް ވެކްސިނުގެ ފުރަތަމަ ޑޯޒު ދީ ނިންމާލެވޭނެކަމަށް އެގައުމުގެ ސަރުކާރުން ވަނީ އުންމީދުކޮށްފައެވެ.

ކެނެޑާގެ ވެކްސިން ދިނުމުގެ ޕްރޮގްރާމްގައި ބޭނުންކުރުމަށް ޖޮންސަން އެންޑް ޖޮންސަން ކުންފުނީގެ ވެކްސިނުގެ 10 މިލިއަން ޑޯޒު ހޯދުމަށް އެދިފައިވެއެވެ. މިވެކްސިނުގެ އިތުރު 28 މިލިއަން ޑޯޒު އޯޑަރު ކުރާނޭ ކަމަށް ކެނެޑާގެ ސަރުކާރުން ހާމަކޮށްފައިވެއެވެ.

އެހެން ވެކްސިންތަކާއި ތަފާތުކޮށް، ޖޮންސަން އެންޑް ޖޮންސަން ކުންފުނިން ކޮވިޑުން ރައްކާތެރިވުމަށް އުފައްދާފައިވާ ވެކްސިނުގެ ދެޑޯޒު ދޭކަށް ނުޖެހެއެވެ. މިވެކްސިނަކީ އެންމެ ޑޯޒަކުން ދެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ވެކްސިނެކެވެ. މިވެކްސިނަކީ 66 އިންސައްތަ ރައްކާތެރި ވެކްސިނެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން