މަބްރޫކް އަޒީޒް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
މަބްރޫކް އަޒީޒް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ކޯވިޑް-19 އަށް ރާއްޖޭގައި ޓެސްޓް ކުރި ސާމްޕަލް ތަކުގެ ތެރެއިން ނަތީޖާ ނުލިބިހުރި ސާމްޕަލްގެ ޢަދަދު ބޮޑުތަނުން ދަށަށް ގޮސްފިއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯވިޑް ޓާސްކްފޯސްގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، މިހާތަނަށް ރާއްޖޭގައި ނަތީޖާ ނުލިބި ވަނީ 58 މީހެއްގެ ސާމްޕަލް ކަމަށެވެ. ރެއާއި ހަމައަށް އެ ޢަދަދު ހުރީ 242 ގައެވެ.

މީގެ ކުރިން ރާއްޖޭގައި ކޯވިޑް-19 އަށް ޓެސްޓު ކުރަމުންދިޔައީ އައިޖީއެމްއެޗުގެ ލެބޯޓަރީގައި ހުންނަ މެޝިނުން އެކަންޏެވެ. އެކަމާ ގުޅިގެން ޓެސްޓިންގެ ބެކްލޮގް ވަރަށް ބޮޑަށް އިތުރުވެގެން ދިއުމާގުޅިގެން އެޗްޕީއޭއިން ވަނީ ފުލުހުންގެ ފޮރެންސިކް ލެބޯޓަރީގައި ހުންނަ ޕީސީއާރު މެޝިންވެސް ކޯވިޑް-19 އަށް ޓެސްޓު ކުރަން ބޭނުން ކުރަން ފަށާފައެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމާ ހަމައަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު އުޅެނީ 191 ގައެވެ. އޭގެ ތެރެއިން 50 މީހުން ޕޮޒިޓިވް ވެފައިވަނީ މިއަދު އެވެ.

ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ހިމެނެނީ ދިވެހި 78 މީހުންނާއި، 113 ބިދޭސީންނެވެ. ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން 17 މީހުން ވަނީ ރަނގަޅުވެފައެވެ. 172 މީހަކަށް ފަރުވާ ދެމުން އަންނައިރު ދެމީހުން ވަނީ ރާއްޖެއިން ބޭރުގައެވެ. މިރޭ 8:30 އާ ހަމައަށް 2003 މީހުން ކޮންޓެކްޓް ޓްރޭސިން ތެރެއިން ވަނީ ފާހަގަކުރެވިފައިވާ ކަމަށް އެޗްޕީއޭ އިން ހާމަކޮށްފައިވެއެވެ.

ރާއްޖޭގައި މިވަގުތު އައިސޮލޭޝަން ފެސިލިޓީގައި 116 މީހުން އެބަތިއްބެވެ. އަދި ކަރަންޓީނުގައި ތިބީ 1089 މީހުންނެވެ.

މީގެ އިތުރުން ދ. ކުޑަހުވަދޫ އާއި މޯލްޑިވިއާނާ ސަފާރީގެ މޮނިޓަރިންގެ ޙާލަތު ވަނީ ނިމުމަކަށް ގެނެސްފައެވެ.

ހއ. ދިއްދޫ، ހއ. އުތީމު، ށ. މާއުނގުދޫ، ށ. ފުނަދޫ ، ހދ. ކުޅުދުއްފުށި، ނ. ވެލިދޫ. ނ. ހެނބަދޫ، ނ. މިލަންދޫ، ނ. މާފަރު، ނ. ހޮޅުދޫ، ހއ. އުލިގަމު، ކ. ތުލުސްދޫ، ކުޑާގިރި އައިލެންޑް އަދި ގްރޭޓާ މާލޭ އޭރިއާ ވަނީ ލޮކްޑައުން ކޮށްފައެވެ. މީގެއިތުރުން "އަމާޒު" ބޯޓުގެ އިތުރުން "ކާވިޔާ" އާއި "ދުރުރާސްތާ" ބޯޓުވެސް އޮތީ މޮނިޓަރިންގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން