މަބްރޫކް އަޒީޒް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
މަބްރޫކް އަޒީޒް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ކޯވިޑް-19 އިން ރާއްކާތެރިވުމަށް ކުރާ މަސައްކަތްތަކަށް މިހިނގާ އެޕްރީލް 25 ގެ ނިޔަލަށް 560 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ ރާއްޖޭގެ ކަރަންޓީން ފެސިލިޓީތަކުގެ ގޮތުގައި ބޭނުންކުރާ ރިސޯޓް ތަކުގައި 2615 މީހުން މިހާތަނަށް ބައިތިއްބާފައިވާ ކަމަށާއި އެ ރިސޯޓުތަކުން ކޮޓަރިއަކަށް ދައްކަން އެއްބަސްވެފައިވަނީ ހުރިހާ ޚިދުމަތަކަށް ދުވާލަކަށް 750 ރުފިޔާ ކަމަށެވެ. ކޮންމެ މީހަކުވެސް އާންމުކޮށް ކަރަންޓީނުގައި ބަހައްޓަނީ 14 ދުވަހުގެ މުއްދަތަށެވެ.

މީގެ އިތުރުން ކޯވިޑް-19 އިން ރައްކާތެރިވުމަށް ކުރާ މަސައްކަތަށް މިހާތަނަށް 560 މިލިއަން ރުފިޔާ ހަރަދުވެފައި ވާއިރު މީގެތެރެއިން 84 މިލިއަން ރުފިޔާ ހަރަދުކޮށްފައިވަނީ ޑިޒާސްޓަރ ރިސަރޗް ފަންޑުން ކަމަށާއި، މިއީ 10 މަސް ދުވަހަށް ކާޑު ޔަގީންކުރަން އަނބުރާ ދައްކާގޮތަށް އެސްޓީއޯއަށް ދޫކުރެވިފައިވާ ފައިސާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މީގެއިރުން ޓޫރިޒަމް ޓްރަސްޓް ފަނޑުން 11 މިލިއަން ރުފިޔާ ޚަރަދު ކޮށްފައި ވާކަމަށާއި، އެންޑީއެމްއޭ އަދި ހެލްތް މިނިސްޓްރީން މެޑިކަލް އިކުއިޕްމަންޓާއި ބޭސްފަރުވާއާއި އެންއީއޯސީ ހިންގުމުގެ ޚަރަދާއި، އާރްއާރްޓީ ޓީމްތަކުގެ ލޮޖިސްޓިކްސް ފަދަ ޚަރަދުތަކަށް 386 މިިލިއަން ރުފިޔާ ޚަރަދުކޮށްފައި ވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީ ގާއިމްކުރުމަށް 36 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާއިރު، އޭގެ ތެރޭގައި މެޑިކަލް އިކުއިޕްމަންޓް ގަތުމަށް ހަރަދުކޮށްފައިވާ 19.5 މިލިއަން ރުފިޔާ ހިމެނެއެވެ.

ވެލިދޫގައި ގާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީ މަރާމާތުކުރުމަށް 469،000 ރުފިޔާ ޚަރަދުކޮށްފައިވާއިރު، ވިލިވަރުގައި ގާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީގެ މަސައްކަތަށް ޚަރަދުކޮށްފައިވަނީ 6.6 މިލިއަން ރުފިޔާ އެވެ. ފަރުކޮޅުފުށީގައި ހުންނަ ފެސިލިޓީ ގާއިމްކުރުމަށް 5.9 މިލިއަން ރުފިޔާ އާއި، ފަރުކޮޅުފުށީގައި ހުންނަ ފެސިލިޓީ މަރާމާތުކުރުމަށް 1.4 މިލިއަން ރުފިޔާ ވަނީ ޚަރަދު ކޮށްފައެވެ.

މީގެ އިތުރުން 5.3 މިލިއަން ރުފިޔާ ބޭރުގައި ތިބި ދިވެހިން ގެނައުމަށް ފޮރިން މިނިސްޓްރީން ޚަރަދު ކޮށްފައިވާ ކަމަށާއި، އެހެނިހެން ގޮތްގޮތުން 27 މިލިއަން ރުފިޔާ ޚަރަދުވެފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ކޯވިޑް-19 ގެ މަސައްކަތްތަކަށް 1.6 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ދަޢުލަތުގެ މާލީ ވަޒީރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން