މާލެސިޓީ ލޮކްޑައުންގައި
މާލެސިޓީ ލޮކްޑައުންގައި
ކޯވިޑް-19 އާ ގުޅިގެން ރައްޔިތުންގެ އަސާސީ ހައްގުތަކުގެ ހާލަތު ދެނެގަތުމުގެ މަސައްކަތް ހިއުމަން ރައިޓްސް ކޮމިޝަނުން ފަށައިފިއެވެ.

އެ ކޮމިޝަނުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ކޯވިޑް-19 އާ ގުޅިގެން މައުލޫމާތު ދިނުމަށް އޮންލައިންކޮށް ފުރޭ ފޯމެއް އެކޮމިޝަނުން ތައާރަފް ކޮށްފައިވާ ކަމަށެވެ. އަދި ވީހާވެސް ގިނަ ފަރާތްތަކަކުން އެފަރާތްތަކުގެ މައުލޫމާތު ޙިއްސާކުރުމަށް އެކޮމިޝަނުން ވަނީ އެދިފައެވެ.

އެޗްއާރުސީއެމުން މައުލޫމާތު އެއްކުރުމަށް އެކުލަވާލާފައިވާ އޮންލައިން ފޯމުގައި އެ މީހަކު ހުރި ތަނަކާއި، ވަޒީފާ އަދާކުރާ ދާއިރާގެ އިތުރުން، މުސާރައިގެ މައުލޫމާތު ހިމެނިފައިވެއެވެ. އަދި ރޯދަ މަހުގެ އިނާޔަތާއި މަހު މުސާރަ ލިބުނުތޯއާއި ކޯވިޑް-19 އާ ގުޅިގެން މުސާރަ އަށް ބަދަލެއް އައިސްފައިވާނަމަ އެ ބަދަލެއްވެސް ހިމަނަން ޖެހެއެވެ.

ކޯވިޑް-19 އާ ގުޅިގެން އިގްތިސާދަށް ކުރިމަތިވަމުންދާ ގެއްލުންތަކުގެ ސަބަބުން ގިނަ ބައެއްގެ ވަޒީފާ ގެއްލި އަދި މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް ގިނަ ބަޔަކަށް ވަނީ ދިގު މުއްދަތަކަށް ޗުއްޓީއަށް ދާންވެސް ޖެހިފައެވެ.

ވަޒީފާ ގެއްލުނު މީހުންނާއި މުސާރަ ނުލިބޭގޮތަށް ޗުއްޓީއަށް ފޮނުވާލާފައިވާ މީހުންނަށް ތިން މަސް ދުވަސް ވަންދެން މަހަކު 5،000 ރުފިޔާގެ އިނާޔަތެއް ދޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މީގެތެރޭގައި މުސާރައަށް ބަދަލު އައިސްފައިވާ ފަރާތްތައް ވެސް ހިމެނޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން