ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ފޯރުކޮށްދިނުމުގައި ތަފާތުކުރުން ނައްތާލުމަށް 100 ގައުމަކުން ގޮވާލައިފިއެވެ.

ވެކްސިން ވުޖޫދަށް އައިސް ވިއްކަން ފެށި ހިސާބުން މުއްސަނދި ގައުމުތަކުން މިވެކްސިން ޖަހައިގަނެގެން ގެންގޮސްފައިވާ ކަމުގެ ތުހުމަތު ވަނީ ކުރަން ފަށާފައެވެ. މިއާއެކު މިދިޔަ އަހަރުން ފެށިގެން ގިނަ ގައުމަކުން ވަނީ ވެކްސިން ފޯރުކޮށްދިނުމުވައި ތަފާތުކުރުން ނައްތާލުމަށް، ވެކްސިން އުފައްދާ ކުންފުނި ތަކަށާއި، ގައުމު ތަކަށާއި، ޑަބްލިއުއެޗްއޯއަށް ގޮވާލައިފައެވެ.

މިފަދަ ތަފާތު ކުރުންތައް ނައްތާލަން ގޮވާލާ ގައުމުތަކުގެ ތެރޭގައި 100 ގައުމެއް މިހާރު ހިމެނޭއިރު، މިގައުމުތަކުން ވަނީ ދޭދޭ ގައުމުތަކުގެ މެދުގައި ހެދިފައިވާ ވިޔަފާރީގެ ގަވާއިދުތަކަށް ލުޔެއްދިނުމަށް، ވޯލްޑް ޓްރޭޑިން އޯގަނައިޒޭޝަން (ޑަބްލިއުޓީއޯ)ގައި އެދިފައެވެ. އެގައުމުތަކުން ބުނާގޮތުގައި މިފަދަ ވިޔަފާރި އެގްރީމެންޓް ތަކުގެ ސަބަބުން، ސިއްހީ އެހީތެރިކަން ހޯދުމާއި ފޯރުކޮށްދިނުމުގައިވެސް ތަރައްގީވަމުން އަންނަ ގައުމުތަކަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވެއެވެ.

ގައުމުތަކުގެ މެދުގައި ހެދިފައިވާ ވިޔަފާރީގެ ގަވާއިދުތަކަށް ލުޔެއްދިނުމަށް ގައުމުތަކުން ގޮވާލި ގޮވާލުން މިހާރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިންވެސް ވަނީ އެންޑޯޒްކޮށްފައެވެ. މިކަމާ ބެހޭގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް، ޑރ. ޓެޑްރޮސް އަދަނަމް ވަނީ، މިފަދަ ހާލަތެއްގައި ވިޔަފާރީގެ ގަވާއިދުތަކަށް ލުޔެއްނުދެވޭނަމަ، ކޮން ހާލަތެއްގައިތޯ މިފަދަ ލުއި ތަކެއްދެވޭނީ އައްސަވާ ސުވާލު ކުރައްވާފައެވެ.

މުއްސަނދި ގައުމުތަކުން ކޮވިޑް ވެކްސިންތައް ޖަހައިގަތް ކަމަށް ކުރެވޭ ތުހުމަތުތަކާއިއެކު، އެގައުމުތަކުން ބޭނުން ވާވަރަށްވުރެ ގިނައިން ވެކްސިން ހޯދަމުންދާކަމުގެ ޝަކުވާ ވެސް ވަނީ އުފުލާފައެވެ. އަދި މީގެ ސަބަބުން ފަގީރު ގައުމުތަކަށް ވެކްސިން ލިބުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ބައިނަލް އަގުވާމީ ޖަމިއްޔާތަކުން ވަނީ ފާހަގަކޮށްފައެވެ. މިގޮތުން އދ ގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ނުލިބޭ 130 ގައުމު އެބައޮތެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން