އެމެރިކާގެ ރައީސް ޖޯ ބައިޑެން.
އެމެރިކާގެ ރައީސް ޖޯ ބައިޑެން.
ކޮވިޑުން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތުގެ އަމާޒަކީ އެމެރިކާގެ މިނިވަންދުވަސް ފާހަގަ ކުރާއިރު ކޮރޯނާވައިރަހުން މިނިވަންވުންވެސް ފާހަގަ ކުރުން ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.

ބައިޑެން މިހެން ވިދާޅުވެފައިވަނީ ބުރާސްފަތި ދުވަހު އާންމުންނާ މުޚާތަބު ކުރައްވައި އެގައުމުގައި ކޮވިޑުން ރައްކާތެރިވުމަށް ކުރެވެމުންދާ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރައްވައި މިބަލިން ރައްކާތެރިވުމަށް ގިނަބަޔަކު ވެކްސިން ޖެހުމަށް އިލްތިމާސް ކުރައްވަމުންނެވެ.

މިގޮތުން ބައިޑެންގެ ވާހަކަފުޅުގައި ގިނަ ބަޔަކު ވެކްސިން ޖަހައިފިނަމަ މިބަލި ކޮންޓްރޯލްކޮށް، ޖުލައި މަހު ގެ ހަތަރު ވަނަ ދުވަހާއި ހަމައަށް ދެވެންވާއިރަށް، އެމެރިކާގައި މިބަލި ކޮންޓްރޯލް ކުރެވި، އެދުވަސް ފާހަގަ ކުރުމަށް ލުއިތަކެއް ދެވޭނެކަމަށް ފާހަގަކުރެއްވިއެވެ. އަދި މިފަދައިން ލުއި ދެވުނަސް، ބޮޑެތި ހަފްލާތަކެއް އަދި ނުބޭއްވޭނެކަމަށްވެސް ވިދާޅުވެފައިވެއެވެ.

"އެންމެންގެ އެއްބާރުލުން ލިބިއްޖެނަމަ، އެކުވެރިންނާއި އާއިލާއާއެކު ޖުލައި ހަތަރުވަަނަ ދުވަސް ފާހަގަ ކުރުމަށް ލުއިތަކެއްް ލިބޭނެ. ބޮޑެތި ހަފްލާތަކެއް ނުބޭއްވުނަސް އަވަށްޓެރިންނާއެކު މިނިވަން ދުވަސް ފާހަގަކުރަން، ބާބެކިއު ހަދާލާ ކަންތައްކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް." ބައިޑެން ވިދާޅުވިއެވެ.

އެމެރިކާގައި މިނިވަން ދުވަސް ފާހަގަ ކުރަނީ ވަރަށް ކުލަގަދަކޮށެވެ. ނަމަވެސް ކޮވިޑާއި ގުޅިގެން އެމެރިކާގައި މިދިޔަ އަހަރު މިނިވަން ދުވަސް ކުލަގަދަކޮށް ފާހަގަ ކޮށްފައެއް ނުވެއެވެ. އަދި މިއަހަރުގެ މިދުވަސް ފާހަގަ ކުރަން ފުރުސަތު ހޯދޭނީ ގިނަ ބަޔަކު ވެކްސިން ޖަހައި ކޮވިޑުން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތުގައި އެއްބާރުލުންދީގެންް ކަމަށް އެގައުމުގެ ރައީސް ވަނީ ވިދާޅުވެފައެވެ.

ކޮވިޑު ބަލި އެންމެ ގިނަ ބަޔަކަށް ޖެހުނު ގައުމަކީ އެމެރިކާއެވެ. މިގޮތުން މިބަލި ޖެހިގެން 29 މިލިއަނަށް ވުރެ ގިނަ މީހުން ރިޕޯޓު ކޮށްފައިވެއެވެ. އަދި މިބަލީގައި 500،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް އެގައުމުން ރިޕޯޓުކޮށްފައިވެއެވެ.

އެމެރިކާގައި މިބަލި ކޮންޓްރޯލްކުރުމަށް މާސްކްއެޅުމާއި، ގައިދުރުކަން ބެހެއްޓުމާއި އަތްދޮވުމަށް، އެމެރިކާގެ މިހާރުގެ ރައީސް ތަކުރާރުކޮށް އާންމުންނަށް އިލްތިމާސް ކުރައްވަމުންދެއެވެ. މީގެއިތުރުން، ބައިޑެންގެ ރިޔާސަތުގެ ފުރަތަމަ 100 ދުވަސް ތެރޭގައި، އެމެރިކާގައި 100 މިލިއަން މީހުންނަށް ވެކްސިން ދިނުމަކީ އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ރިޔާސީ ވައުދެކެވެ. އަދި މިވައުދު ފުއްދުމަށް 100 ދުވަސް ނުނަންގަވާނޭކަމަށް ބައިޑެން ވަނީ އިއްޔެ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން