ސްރީލަންކާގައި މޫނު ބުރުގާ އެޅުން މަނާކޮށް 1000 އިސްލާމިކް ސްކޫލެއް ބަންދުކުރާނެކަމަށް އެގައުމުގެ ސަރުކާރުން ބުނެފިއެވެ.

މިކަމާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން، ސްރީލަންކާގެ މިނިސްޓަރ ފޯ ޕަބްލިކް ސެކިއުރިޓީ، ސަރަތު ވީރަސެކަރަ ވިދާޅުވީ، ސްރީލަންކާގައި މޫނު ބުރުގާ އެޅުން މަނާކުރުމުގެ ގަވާއިދެއް އެކުލަވާލާ ސޮއިކޮށް ކެބިނެޓަށް ހުށައަޅައިފައިވާ ކަމަށެވެ. އަދި މިއީ ބުރުގާގެ ހުރިހާ ވައްތަރެއް މަނާ ކުރާ ގަވާއިދެއް ނޫން ކަމަށާއި، މިގަވާއިދުގައި މަނާކުރަނީ ހަމައެކަނި މީހާ އަކީ ކާކުކަން ނޭނގޭވަރަށް ހަށިގަނޑާއި މޫނު ނިވާކޮށްފައި ހުންނަ ބުރުގާކަމަށްވެސް ސަރަތު ވިދާޅުވެފައިވެއެވެ.

"މީގެ ކުރިން މުސްލިމު ކުދިންނެއް މޫނުބުރުގައެއް ނާޅާ. މިއީ ދީނުގެ ނަމުގައި ހަރުކަށިވިސްނުން ފަތުރާ ބަޔަކު މިފަހަކުން ކުރުވަންފެށިކަމެއް. ޔަގީނުންވެސް މިކަން ހުއްޓުވާނަން." ސްރީލަންކާގެ މިނިސްޓަރ ފޯ ޕަބްލިކް ސެކިއުރިޓީ، ސަރަތު ވީރަސެކަރަ ވިދާޅުވިއެވެ.

ނަމަވެސް މިގަވާއިދު ވުޖޫދަށް އައިސް އަމަލުކުރެވެން ފަށާނީ އެގައުމުގެ ކެބިނެޓުގެ މިނިސްޓަރުންނާއި، މަޖިލީހުގެ ރުހުން ލިބިގެންކަމަށް ސަރަތު ވަނީ ވިދާޅުވެފައެވެ. އަދި 1000 ސްކޫލެއް ބަންދުކުރުމަށް ހުށައަޅާފައިވާނީ، ސްކޫލެއް ހުޅުވައި ހިންގުމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމަކަށް ނުވާތީކަމަށް ސަރަތު ފާހަގަކޮށްފައިވެއެވެ. މިގޮތުން ބަންދު ކުރުމަށް ހުށައަޅާފައިވާ ސްކޫލް ތަކަކީ އެގައުމުގެ އެޑިޔުކޭޝަން ޕޮލިސީތަކާއި ހިލާފަށް ކިޔަވައިދެމުންދާ ސްކޫލްތައްކަމަށް ފާހަގަކޮށްފައިވެއެވެ.

މިކަމާއި ގުޅިގެން ސްރީލަންކާގެ މުސްލިމުންނާއި، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުންނާއި، ބައިނަލްއަގުވާމީ އެކި ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ. އަދި މިއީ އެގައުމުގައި މުސްލިމު ކޮމިއުނިޓީތަކަށް އެކިފިއްތުންތައް ކުރިމަތިކުރުމުގެ ގޮތުން ހިންގާ ޖަރީމާ އެއްކަމަށް ގިނަބަޔަކު ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން، ސްރީލަންކާގައި ކޮވިޑާއެކު މީހުން ވަޅުލުން މަނާކުރި ގަވާއިދަށް ބައިނަލްއަގުވާމީ ބޮޑެތި ޖަމިއްޔާތަކުން ފާޑު ކިޔުމާއެކު، މުސްލިމުންގެ ހައްގުތައް ނިގުޅައިގަތް އެގަވާއިދު ބަދަލު ކުރަންޖެހުމުން، ބުރުގާ އެޅުން މަނާ ކުރާ ގަވާއިދެއްގެ ނަމުގައި މުސްލިމުންގެ ހައްގުތަކަށް އަރައިގަންނާނެ އިތުރުގޮތަކަށް މަސައްކަތް ކުރަމުންދާކަމަށް ބުނެ ގިނަ ބަޔަކު ވަނީ ސްރީލަންކާގެ ސަރުކާރަށް ފާޑުކިޔާފައެވެ.

މިފަދަ އަމަލު ތަކަކީ ސްރީލަންކާގެ ސަރުކާރުން އިސްލާމޮފޯބިއާގެ ނަމުގައި ސްރީލަންކާގައި ދިރިއުޅޭ މުސްލިމުންނަށް ކުރާ އަނިޔާއެއްކަމަށް ސްރީލަންކާގައި، ސުލްޙައަށް އަދި އިންސާނީހައްގުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓުން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން