ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ބަންގްލަދޭޝްއަށް ވަޑައިގެންފިއެވެ.

މިއީ ބަންގްލަދޭޝް ސަރުކާރުގެ ދައުވަތަކަށް ސްރީލަންކާގެ ބޮޑުވަޒީރު ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ޙަޒްރަތް ޝާޙްޖަލާލް އިންޓަރނޭޝަނަލް އެއަރޕޯޓުން މަހިންދަ ރާޖަޕަކްސައަށް މަރުޙަބާ ވިދާޅުވީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އެވެ. ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ޑާކާއަށް ވަޑައިގެންނެވުމުން، އެ މަނިކުފާނަށް ބަންގްލަދޭޝް ސަރުކާރުން ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ. އަދި އެމަނިކުފާނުގެ ޝަރަފުގައި ގާޑް އޮފް އޮނަރއެއް ވަނީ އަރުވާފައެވެ.

މަހިންދަ ރާޖަޕަކްސަ ބަންގްލަދޭޝްއަށް ކުރައްވާ ދެދުވަހުގެ ފުރަމާނަ ދަތުރުފުޅުގައި ބަންގްލަދޭޝްގެ މިނިވަންދުވަސް ފާހަގަކުރުމުގެ ހަރާކާތްތަކުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވެއެވެ. މީގެއިތުރުން ހަމަމިދަތުރުފުޅުގައި ދެގައުމުގެ ގުޅުން ބަދަހި ކުރުމަށް މަޝްވަރާތައް ކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

ސްރީލަންކާގެ ބޮޑުވަޒީރު ބަންގްލަދޭޝްއަށް ވަޑައިގަތުމުގެ ކުރިން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް ވަނީ ބަންގްލަދޭޝްއަށް ދެދުވަހުގެ ފުރަމާނަ ދަތުރުފުޅެއްކުރަށްވާފައެވެ. ރައީސް ސޯލިހުގެ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންގެ ވަފުދެއް ބައިވެރިވެ ވަޑައިގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން