ޓަންޒާނިޔާގެ ފުރަތަމަ އަންހެން ރައީސާ، ސާމިއާ ސުލުހު ހަސަން، މަގާމުގެ ހުވާކުރަށްވައިފިއެވެ.

އުމުރުން 61 އަހަރުގެ ސާމިޔާ ރައީސް ކަމުގެ ހުވާކުރަށްވާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ސާމިޔާ ރައީސް ކަމާއި ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ހުންނެވީ ނާއިބު ރައީސް ކަމުގެ މަގާމުގައެވެ. ނަމަވެސް ރައީސް ޖޯން މަހުފުލި އަވަހާރަވެވަޑައިގަތުމުން، އެގައުމުގެ ގާނޫނުތަކުގައި ބުނާގޮތުން ނާއިބް ރައީސާގެ މަގާމުގައި ހުންނެވި ސާމިޔާއަށް ރައީސް ކަމުގެ މަގާމާއި ހަވާލުވެ ވަޑައިގަންނަވަން ޖެހިވަޑައިގަތީ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ސާމިޔާއަށް ރައީސް ކަމުގައި އެންމެ ބޮޑު ގޮންޖެހުމެއް އަންނާނީ ކުރީގެ ރައީސް ޖޯން މަހުފުލި ގެ ސިޔާސަތުތައް ދެމެހެއްޓުމަށެވެ. ޖޯންގެ ސިޔާސަތުތައް ވެގެން ދިޔައީ އެގައުމުގައި ގިނަބަޔަކު ކަންބޮޑުވާ ސިޔާސަތުތަކަކަށެވެ. ހާއްސަގޮތެއްގައި ކޮވިޑުގެ ބަލިމަޑުކަން ގަބޫލު ނުކުރައްވާ، ކޮވިޑުން ރައްކާތެރިވުމަށް އެއްވެސް ފިޔަވަޅެއް އަޅާފައިނެތުމުންނެވެ. މީގެ އިތުރުން ވެކްސިން ހޯދުމަށްވެސް ޓަންޒާނިޔާއިން މީގެ ކުރިން އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ.

މިކަމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ޓަންޒާނިޔާގައި ކޮވިޑާ މެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް އަލަށް ހުވާ ކުރެއްވި ރައީސާ ސާމިއާ ސުލުހު ހަސަން އަށް ވަނީ ގޮވާލާފައެވެ.

ޓަންޒާނިޔާގެ ކުރީގެ ރައީސް ޖޯން މަހުފުލި ވަނީ ކޮވިޑްގެ ބަލިމަޑުކަން ގަބޫލު ނުކުރެއްވުމުގެ އިތުރުން އެގައުމުގައި ކޮވިޑުން ރައްކާތެރިވުމަށް ކުރެވުނު ދުއާ އާއިއެކު އެގައުމުން ކޮވިޑް ބަލި ފިލާ ހިނގައްޖެ ކަމަށްވެސް ވިދާޅުވެފައެވެ. ޖޯން ނިޔާވުމުގެ ކުރިން ދެހަފްތާ ވަންދެން އާންމުކޮށް ފެނިފައިނުވި ނަމަވެސް، ކޮވިޑު ބަލި ޖައްސާ ވައިރަހަކީ ނުރައްކާތެރި ވައިރަހެއް ކަމަށް އެއްބަސްވެ ވަޑައިގެންފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން