ދުނިޔޭގެ އެންމެ ބޮޑު ރެފިއުޖީ ކޭމްޕު ކަމަށްވާ ބަންގްލަދޭޝްގެ ކޮކްސް ބާޒާރުގައި އަލިފާނުގެ ހާދިސާއެއްހިނގައި 50،000 މީހުން މަގުމަތިވެއްޖެއެވެ.

މިއީ މިޔަންމާގެ ރޮހިންޔާގެ މިލިއަނެއްހާ މީހުން ދިރިއުޅެމުންދާ މިރެފިއުޖީ ކޭމްޕުގައި މިހާތަނަށް ހިނގާދިޔަ އެންމެ ބޮޑު، އެންމެ ނުރައްކާތެރި ހާދިސާކަމަށްވެއެވެ. މިހާދިސާ ބޮޑުވަރުވީ، ކޮކްސް ބާޒާރުގައި ހުރި 34 ރެފިއުޖީ ކޭމްޕުގެ ތެރެއިން އެއްކޭމްޕުގައި އަލިފާން ރޯވުމުން، އެ އަލިފާން ކޮންޓްރޯލް ނުވެ އެހެން ކޭމްޕުތަކަށް އަލިފާންގަނޑު ފެތުރިގެންދިއުމުންކަމަށް ލަފާކޮށްފައިވެއެވެ.

މިގޮތުން މި އަލިފާންގަނޑު ކޮންޓްރޯލްނުވެ 8 ގަޑިއެއްހާއިރު އެނދި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މިހާދިސާގައި 7 މީހަކު މަރުވެފައިވާކަމަށް ލަފާކޮށްފައިވާއިރު، މިއަދަދު އިތުރުވުމަކީ އެކަށީގެން ވާކަމެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މީގެއިތުރުން މިދިޔަ ހުކުރު ދުވަހުވެސް މިރެފިޔުޖީ ކޭމްޕު ސަރަހައްދުގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. މީގެއިތުރުން މިދިޔަ ޖެނުއަރީމަހު މިރެފިއުޖީ ކޭމްޕުގައި ހިނގާދިޔަ އަލިފާނުގެ ހާދިސާގައި 3000 މީހުން މަގުމަތިވެ ޔުނިސެފުގެ އެހީތެރިކަމާއިއެކު އަޅާފައިވާ 4 ސްކޫލެއް ހަލާކުވެގެން ދިޔައެވެ.

ބަންގްލަދޭޝްގެ ރޮހިންޔާ ރެފިއުޖީ ކޭމްޕުގައި ދިރިއުޅޭ ރެފިއުޖީންނަކީ މިޔަންމާގެ ރަޚީން ސްޓޭޓަށް ނިސްބަތްވާ މީހުންނެވެ. މިޔަންމާގެ ރަޚީން ސްޓޭޓްގައި މުސްލިމުންނާ ދެކޮޅަށް ހިންގަމުންދިޔަ އަނިޔާވެެރިކަމުން ސަލާމަތްވުމަށް ސަރަހައްދީ ގައުމުތަކުގެ އެހީތެރިކަން ގިނަ ބަޔަކު ހޯދާފައިވާއިރު 700،000 އަށް ވުރެއް ގިނަ ރޮހިންޔާ މުސްލިމުން ވަނީ ބަންގްލަދޭޝްއަށް ރެފިއުޖީންގެ ގޮތުގައި ހިޖުރަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން