ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ރިޓަޔަރޑް އޮނަރަބަލް ޑޮމިނިކް ރާބް އާ ފޯނުން ގުޅުއްވައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފިއެވެ.

މިއަދު މެންދުރު ކުރެއްވެވި މި ފޯނުކޯލުގައި ދެ ބޭފުޅުންވެސް ވަނީ ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ކޯވިޑް-19 ގެ ބަލިމަޑުކަމުގެ މިހާރުގެ ހާލަތުގައި ދެ ޤައުމުގައިވެސް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި އަޅަމުންދާ ފިޔަވަޅުތަކާއި ޢަމަލުކުރަމުން ގެންދާގޮތުގެ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

މިގޮތުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މާރިޗު 4 ވަނަ ދުވަހު ރާއްޖޭގައި ކޯވިޑް-19 ގެ ބަލިމަޑުކަން އަލަށް ފެނުނުފަހުން، ޢާންމުންގެ ތެރޭގައި ބަލިމަޑުކަން ފެތުރުނަ ނުދީ މަހަކަށްވުރެ ގިނަ ދުވަހު، ހިފަހައްޓާލެވިފައިވާކަން ފާހަގަ ކުރެއްވިއެވެ. ނަމަވެސް ފާއިތުވި ދިހަ ދުވަހުގެ ތެރޭގައި ގްރޭޓަރ މާލެ ސަރަޙައްދުގައި ހަލުއި ހަލުއިކަމާއެކު މި ވައިރަސް ފެތުރެން ފަށާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިކަމުގައި ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގައި ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު ޢިއުލާނު ކުރައްވާފައިވާކަމަށާއި ގްރޭޓަރ މާލެ ސަރަޙައްދު ލޮކްޑައުންކޮށް މުޅި ރާއްޖޭގައި އިޖްތިމާޢީ ގައިދުރުކަމުގެ ރައްކާތެރިކަމުގެ އެކި ފިޔަވަޅުތައް އަޅުއްވަމުންގެންދަވާކަމުގައެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގައި ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ދުއިސައްތައަށް ވުރެ މަތިވެފައިވީ ނަމަވެސް ކަމާގުޅޭ މާހިރުންގެ ލަފަޔާއި އިރުޝާދާއެކީ ސަރުކާރުން އަޅުއްވަމުންދާ ހަރުދަނާ ފިޔަވަޅުތަކުން މި ބަލިމަޑުކަން ރާއްޖޭގައި ކޮންޓްރޯލް ކުރެވޭނެކަމާމެދު ޔަޤީންކުރައްވާކަމުގައި ވިދާޅުވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، މިކަމުގެ ސަބަބުން އަޅަންޖެހިފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ އަސަރު ރާއްޖޭގެ އިޤްތިޞާދަށް ނުހަނު ބޮޑަށް ކުރަމުންދާކަން ފާހަގަކުރައްވައި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް މިކަމުން ކުރިމަތިވެދާނެ ގޮންޖެހުންތަކުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން އިނގިރޭސި ވިލާތަށް ކުރަމުންދާ އަސަރުތައް އެމަނިކުރާނަށް އެނގިވަޑައިގަންނަވާކަން ވެސް ފާހަގަކުރައްވާފައެވެ. އަދި ކައިރި މުސްތަޤްބަލެއްގައި ރަސްމީގޮތުން އޮފީހާ ހަވާލުވެވަޑައިގަތުމަށް ހަމަޖެހިފައިވާ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންއަށް ކާމިޔާބީއަށް އެދިވަޑައިގެންނެވިއެވެ.

މި ފޯނު ކޯލް ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާއި އިނގިރޭސިވިލާތާއި ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރާއްޖެ އަލުން ކޮމަންވެލްތްގެ މެންބަރަކަށްވުމަށް އިނގިރޭސިވިލާތުން ދެއްވެވި އެއްބާރުލެއްވުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން