ޚާރިޖީ ވަޒީރު މެވްލުޓް ކަވުސްލޫ
ޚާރިޖީ ވަޒީރު މެވްލުޓް ކަވުސްލޫ
ކޯވިޑް-19 އާ ގުޅިގެން ކުރިމަތިިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ތުރުކީވިލާތުގެ އެހީތެރިކަމަށްވެސް ރާއްޖެއިން އެދިއްޖެ އެވެ.

ޚާރިޖީ ވުޒާރާއިން ބުނީ ތުރުކީގެ ޚާރިޖީ ވަޒީރު މެވްލުޓް ކަވުސްލޫ އަށް ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އިއްޔެ ގުޅުއްވައި، ކުރެއްވި މަޝްވަރާތަކުގައި ކޯވިޑް-19 އާ ގުޅިގެން ރާއްޖެ އިން މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކާއި އިގްތިސާދީ ގޮތުންނާއި މާލީ ގޮތުން ކުރިމަތިވަމުންދާ ގޮންޖެހުންތަކާ ބެހޭ މައުލޫމާތު ދެއްވި ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ދިމާވާނެ ގޮންޖެހުންތަކުން އަރައިގަތުމަށް ތުރުކީގެ އެހީއަށް ޝާހިދު އެދިވަޑައިގަތް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން ކޯވިޑް-19 އާ ގުޅިގެން ރާއްޖެއިން މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކަށް މެވްލުޓް ތައުރީފް ކުރެއްވި ކަމަށާއި އޭގެ ސަބަބުން ދުނިޔެ އަށް ކުރިމަތިވެފައިވާ ހާލަތުން އަރައިގަނެވޭނީ ހުރިހާ ގައުމުތަކުން ވެސް ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް އެ ދެ ބޭފުޅުން ފާހަގަ ކުރެއްވި ކަމަށް ވެސް ޚާރިޖީ ވުޒާރާއިން ބުންޏެވެ.

ކޯވިޑް-19 އާ ގުޅިގެން މިހާތަނަށް ރާއްޖެއަށް އެހީ ފޯރުކޮށް ދިނީ ޗައިނާ އާއި އިންޑިއާގެ އިތުރުން ބަންގްލަދޭޝް އިންނެވެ. އެގޮތުން މެޑިކަލް ސާމާނާއި ބައެއް ބޭހާއި ކާބޯތަކެތި ވެސް އެ ގައުމުތަކުން ހަދިޔާ ކޮށްފައިވެ އެވެ. މީގެއިތުރުން ބޭރުގެ ބައެއް މާލީ އިދާރާތަކުން ވެސް ރާއްޖެއަށް ފައިސާގެ އެހީ ދޭނެ ކަމަށް ވަނީ ބުނެފައެވެ.

ތުރުކީވިލާތަކީ ފަލަސްތީނަށް ވަރަށް ދީލަތި އެހީތަކެއް ވަމުންދާ ގައުމެކެވެ.

ރާއްޖެ އަށް ކޯވިޑް-19 ފެތުރި އިޤްތިޞާދަށް ވަރަށް ބޮޑަށް ގެއްލުންވަމުންދާތީ ޚާރިޖީ ވަޒީރު ގެންދަވަނީ ބައެއް ޤައުމުތަކަށް ގުޅުއްވާ އެހީތެރިކަމަށް އެދިވަޑައިގަންނަވަމުންނެވެ. މިގޮތުން ޚާރިޖީ ވަޒީރު އެންމެ ފަހުން އެހީތެރިކަމަށް އެދިވަޑައިގެންފާ ގައުމު ތަކުގެ ތެރޭގައި ދެކުނު ކޮރެއާ އާއި ކޯވިޑް-19 ގެ ނުރައްކާ އެންމެ ބޮޑު އެއް ގައުމުގެ ގޮތުގައި ފާހަގަ ކުރެވޭ ރަޝިއާ ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން