އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ޖަމާކޮށްދޭން އެއްބަސްވި 28.9 މިލިއަން ޑޮލަރު މިހާރު ޖަމާކޮށްދީފައިވާ ކަމަށް މަރުކަޒީ ބޭންކު އެމްއެމްއޭއިން ބުނެފިއެވެ.

ކޯވިޑް-19 ގެ ސަބަބުން ރާއްޖެއަށް ކުރިމަތިވަމުންދާ މާލީ ގެއްލުންތަކުން އަރައިގަތުމަށް ހަރަދުކުރުމުގެ ގޮތުން އައިއެމްއެފްގެ ރެޕިޑް ކްރެޑިޓް ފެސިލިޓީގެ ދަށުން ރާއްޖެއަށް 28.9 މިލިއަން ޑޮލަރު ދިނުމަށް އެ ފަންޑުން ވަނީ ނިންމާފައެވެ.

އައިއެމްއެފް އިން ބުނީ ރާއްޖެއަށް ދޫކުރާ 28.9 މިލިއަން ޑޮލަރަކީ ސަރުކާރުން މި ވަގުތަށް ކުރަން ޖެހޭ ހަރަދުތައް ކުރުމަށާއި ބެލެންސް އޮފް ޕޭމަންޓް ހަމަޖެއްސުމަށް ދޭ ފައިސާ ކަމަށެވެ.

މިއީ ރާއްޖެއަށް ލިބިފައި އޮންނަ ސްޕެޝަލް ޑްރޯވިން ރައިޓްސް (އެސްޑީއާރު)ގެ ދަށުން ދޫކުރި ފައިސާ އެވެ. އެހެންކަމުން އައިއެމްއެފުން ލޯނު ދޫކުރުމުގައި ގެންގުޅޭ ހަރުކަށި ޝަރުތުތަކެއް މީގައި ނުހިމެނޭކަމަށް އެމްއެމްއޭ އިން ބުނެއެވެ. ކޯވިޑް-19 އާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ވަނީ މިކަމަށް އިޝާރާތް ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ އައިއެމްއެފްގެ ހަރުކަށި މާލީ ޕެކޭޖްގެ ތެރެއިން އެހީ ހޯއްދެވުމަށް ގަސްތު ނުކުރައްވާ ކަމަށެވެ.

އެމްއެމްއޭއިން ބުނީ ބޭރުގެ ފަރާތްތަކުން ލިބޭ ފައިސާގެ ސަބަބުން ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި ކޯވިޑް-19 އާ ގުޅިގެން ސިއްހީ ދާއިރާއަށް ބޭނުންވާ ތަކެތި އެތެރެކުރަން ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ލުއިފަސޭހަވެގެންދާނެ ކަމަށެވެ.

މިދިޔަ މާޗު މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވްގައި ހުރީ 741.4 މިލިއަން ޑޮލަރެވެ. ނަމަވެސް އިއްޔެގެ ނިޔަލަށް އެމްއެމްއޭގެ ރަސްމީ ރިޒާވް 882.6 މިލިއަން ޑޮލަރަށް ވަނީ އަރާފައެވެ.

ކޯވިޑް-19 އާ ގުޅިގެން އައިއެމްއެފުން ރާއްޖެއަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، އެމްއެމްއޭއާއި ރިޒާވް ބޭންކް އޮފް އިންޑިއާއާ ދެމެދު ވެފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން 150 މިލިއަން ޑޮލަރު ވެސް އެމްއެމްއޭއަށް ވަނީ މިހާރު ދީފައެވެ.

މީގެ އިތުރުން ވޯލްޑް ބޭންކުން މިހާރުވެސް ވަނީ ރާއްޖެއަށް 10 މިލިއަން ޑޮލަރު ދީފަ އެވެ. އަދި އިތުރު 20 މިލިއަން ޑޮލަރު ހޯދުމުގެ މަޝްވަރާތައް ދަނީ ކުރިއަށެވެ.

މީގެ އިތުރުން، އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އިން 50 މިލިއަން ޑޮލަރު އަދި އޯޕެކް ފަންޑު ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (އޮފިޑް) އިން ވަނީ 20 މިލިއަން ޑޮލަރުގެ ލޯނު އެހީ ވެސް ރާއްޖެއަށް ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން