ހެލްތު މިނިސްޓަރ އަބްދުﷲ އަމީން
ހެލްތު މިނިސްޓަރ އަބްދުﷲ އަމީން
މިނިސްޓަރުން ޤާނޫނުއަސާސީއާ ޚިލާފްވެއްޖެކަމަށް ކަނޑައެޅުމުގެ ބާރު ލިބިގެންވަނީ ސުޕްރީމް ކޯޓަށް ކަމަށާއި، އެއީ ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ބާރެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ، ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ގާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ ހިލާފުވެވަޑައިގެންފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެކެވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނުމާގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ވަނީ، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު ޢަހްމަދު ޚައިތަމް މިނިސްޓަރު އަމީންގެ އަރިހުން ލިޔުމުން ޖަވާބު ހޯއްދެވުމަށް ފޮނުއްވި ސުވާލަށް އަމީން ޖަވާބު ފޮނުއްވާފައި ނުވާކަމަށެވެ.

ޝަރީފް މިއަދު ވިދާޅުވެފައިވަނީ ހެލްތު މިނިސްޓަރ އަމީން މަޖިލީހަށް ޖަވާބުދެއްވާފައިވާކަމަށެވެ. އަދި ހެލްތް މިނިސްޓަރ މަޤާމުން ދުރުކުރަންޖެހޭ ސަބަބެއް އޮތްކަމަށް ޤަބޫލު ނުކުރައްވާ ކަމަށް ރައީސް ޞާލިޙާއި، ރައީސް ނަޝީދު ޓެގްކުރައްވައި ޝަރީފް ކުރައްވާފައިވާ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

މަޖިލީހުން ހެލްތު މިނިސްޓަރ އަމީނާ ސުވާލުކުރަނީ ކޯވިޑް-19 އާ ގުޅިގެން ގަތުމަށް ނިންމާފައިވާ ވެންޓިލޭޓަރުތަކާ ގުޅޭ ގޮތުންނެވެ. އެ ސުވާލަށް ޖަވާބު ހޯދަން މަޖިލީހުން ފޮނުވާފައިވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނީ އެ ސުވާލަށް ޖަވާބު ފޮނުވުމަށް މިނިސްޓަރ އަމީނަށް ދިން 14 ދުވަހުގެ ނޯޓިސްގެ މުހުލަތު އިއްޔެ ހަމަވެފައިވާ ކަމަށެވެ. އަދި މިއަދު މެންދުރު 2:00 ގެ ނިޔަލަށް މުއްދަތު އިތުރުކޮށްދިން ނަމަވެސް އެ ސުވާލަށް މިނިސްޓަރ އަމީން ޖަވާބު ފޮނުއްވާފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފައިވެއެވެ.

އެހެންކަމުން ގާނޫނު އަސާސީއާ އަދި މަޖިލީހުގެ ގަވާއިދާ ވެސް މިނިސްޓަރ އަމީން ހިލާފުވެ ވަޑައިގެންފައިވާ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެކެވަޑައިގަންނަވާ ކަމަށް މަޖިލީހުގެ އިދާރާ އިން ބުނެފައިވެއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް 155 ވެންޓިލޭޓަރ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެކި ތާރީޚުތައް ދެއްވާފައި ވީނަމަވެސް މިތަކެތި ރާއްޖެއާއި ހަމައަށް އައި ކަމެއް އެނގިފައެއް ނުވެއެވެ.

މީގެކުރިން ބޭއްވި ޖަލްސާއެއްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ ވެންޓިލޭޓަރ ތަކަށް އޭރު އަދި ފައިސާވެސް ދައްކާފައި ނުވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން