މާލެސިިޓީގައި އިޢުލާން ކޮށްފައިވާ ލޮކްޑައުންގެ ހާލަތު 14 ދުވަހަށް ދަންމާލައިފި
މާލެސިިޓީގައި އިޢުލާން ކޮށްފައިވާ ލޮކްޑައުންގެ ހާލަތު 14 ދުވަހަށް ދަންމާލައިފި
މާލެ ސަރަޙައްދުގައި އިޢުލާން ކޮށްފައިވާ ލޮކްޑައުންގެ ހާލަތު 14 ދުވަހަށް އިތުރު ކުރަން ޕަބްލިކް ހެލްތު ޑިރެކްޓަރ ޖެނެރަލް މިއަދު ނިންމަވައިފިއެވެ.

މީގެ ކުރިން މާލެ ސިޓީ ހިމެނޭ ސަރަހައްދުގެ މާލެއާއި ހުޅުމާލެއާއި ވިލިމާލެ ފުރަތަމަ ފުރަބަންދުކޮށްފައި ވަނީ މިމަހުގެ 15ވަނަ ދުވަހު ދެ ދުވަހުގެ މުއްދަތަށެވެ. މާލެ ސިޓީ ލޮކްޑައުން ކުރީ މާލޭގައި ދިރިއުޅޭ ދިވެއްސަކު ކޯވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

ނަމަވެސް މާލޭގައި ބަލިފެތުރެން ފެށުމާއި ގުޅިގެން މިމަހުގެ 17ވަނަ ދުވަހު އިތުރު 14 ދުވަހުގެ މުއްދަތަށް މާލެ ސަރަޙައްދުވަނީ ލޮކްޑައުން ކޮށްފައެވެ. އަނެއްކާވެސް މިއަދު އިތުރު 14 ދުވަހަށް މާލެ ސަރަޙައްދު ލޮކްޑައުން ކޮށްފައި މިމިވަނީ މުޖުތަމައުގައި ކޯވިޑް-19ގެ ބަލިމަޑުކަން ފެތުރުމަށް އޮތް ފުރުސަތު ހަނިކުރުމަށެވެ. މިކަމަށް ރައްޔިތުން ފުރިހަމައަށް އެއްބާރުލުން ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ކޯވިޑް-19އާއި ގުޅިގެން ރާއްޖޭގައި ވަނީ ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައެވެ. އަދި ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު މިހާރު ވަނީ މިހިނގާ އޭޕްރީލް މަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.

މާލެ ލޮކްޑައުން ކުރުމުގެ އެންގުމާއިއެކު ވަކި ގޮތެއް އަންގަންދެން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި ޢާންމު ތަންތަނަށް ނުކުމެއުޅުން ވަނީ މަނާކޮށްފައެވެ. އަދި މާލެ، ހުޅުމާލެ، ވިލިމާލޭގައި ޕަބްލިކް ޓްރާންސްޕޯޓު (ބަހާއި ފެރީ)ގެ ޚިދުމަތް ހުއްޓައިލުމާއި، މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅިފަޅަށް މީހުން އަރައި ފޭބުން ހުއްޓައިލުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސަރވިސަސް ވަނީ އަންގަވާފައެވެ.

މާލެ ލޮކްޑައުން ކޮށްފައިވީ ނަމަވެސް މި ފިޔަވަޅުތަކުން ސިފައިންނާއި ފުލުހުންނާއި، ޞިއްޙީ ޚިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރާއި، އެމްބިއުލަންސްތަކާއި، ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެން.އީ.އޯސީ)ގެ ފާސް ލިބިފައިވާ ފަރާތްތަކާއި، ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެން.އީ.އޯސީ)ގެ ފާސް ލިބިފައިވާ މީޑިއާތައް އިސްތިސްނާ ވާނެއެވެ.

މިފިޔަވަޅުތައް ތަންފީޒުކުރުމުގައި ވަގުތަށާއި ޙާލަތަށް ރިޢާޔަތްކޮށް، އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމާއި ޒަރޫރީ ބޭނުންތަކަށް މަގުފަހިކޮށްދިނުމުގެ ކަންކަން ހަމަޖައްސާނީ މޯލްޑިވްސް ޕޮލިސް ސަރވިސްއިންކަމަށްވެސް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މާލެ ސަރައްޙަދު ފިޔަވައި ރާއްޖޭގެ ހުރިހާ ރަށެއްގައި ޚާއްޞަ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ނިންމައި އެކަން ވެސް ވަނީ މީގެ ކުރިން ޢިއުލާންކުރައްވާފައެވެ. އެގޮތުން ވަކި ގޮތެއް އަންގަންދެން ޒަރޫރީ ބޭނުމެއްގައި ނޫނީ މާލެ، ވިލިމާލެ، ހުޅުމާލެ ފިޔަވައި ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓައިލުމަށް ވަނީ އަމުރުކުރައްވާފައެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް-19 އަށް 250 މީހުން ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 99 ދިވެހިންނާއި، 151 ބިދޭސީންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން