ދޮނަކުޅި ރިސޯޓް މިހާރު ވަނީ އުތުރުގެ ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ހަމަޖައްސާފަ
ދޮނަކުޅި ރިސޯޓް މިހާރު ވަނީ އުތުރުގެ ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ހަމަޖައްސާފަ
ށ.ނަރުދޫއިން ޕޮޒިޓިވްވި މީހުން ހއ.ދޮނަކުޅި ރިސޯޓަށް ބަދަލުކޮށްފިއެވެ.

ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، ދޮނަކުޅި ރިސޯޓް މިހާރު ވަނީ އުތުރުގެ ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ހަމަޖައްސާފައެވެ.

މިމަހުގެ 15ވަނަ ދުވަހު މާލެއިން ފުރައިގެން އުތުރުގެ ރަށްތަކަށް ދަތުރުކުރި އަމާޒު ބޯޓުގެ ކެޕްޓަން ކޯވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެން އޭނާގެ ކޮންޓެކްޓް ޓްރޭސްކުރުމުގެ ތެރެއިން ވަނީ ނަރުދޫއިން 8 މީހުން ޕޮޒިޓިވްވެފައެވެ. އަދި އެއަތޮޅު މިލަންދޫއިންވެސް އެކަކު ވަނީ ޕޮޒިޓިވްވެފައެވެ. މި 9 މީހުން ދޮނަކުޅި ކަރަންޓީން ފެސިލިޓީއަށް ވަނީ ބަދަލުކޮށްފައެވެ.

މަބްރޫކް ވިދާޅުވީ އަމާޒު ބޯޓުުން ދަތުރުކުރި މީހުންގެ ކޮންޓެކްޓް ޓްރޭސްގެ ތެރެއިން 118 މީހުން ދެނެގަނެވިފައިވާކަމަށާއި، 13 މީހުގެ ފަރާތުން ބައްޔަށް ޝައްކުކުރެވޭ އަލާމާތްތައްވެސް ފެންނަން އެބަހުރިކަމަށެވެ. އަދި މިހާތަނަށް ނަތީޖާ ލިބުނު ދެމީހުންގެ ނަތީޖާ ނެގެޓިވްވެފައިވާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. އަދި އުތުރުން މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްތަކުގެ އިތުރުން ރ.އަތޮޅު އިނގުރައިދޫވެސް "އަމާޒު" ބޯޓުގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައިވާކަން މަބްރޫކް ފާހަގަކުރެއްވިއެވެ.

އާމަޒު ބޯޓުން ދަތުރުކުރި ބައެއް މީހުން ޕޮޒިޓިވްވުމާއި ގުޅިގެން މިވަގުތު މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައިވަނީ ށ.މާއުނގޫދޫ، ފީވަށް، މިލަންދޫ، ގޮއިދޫ، ނަރުދޫ އަދި ނ އަތޮޅުން ހޮޅުދޫ، މާފަރު، މިލަދޫ، ކެނދިކޮޅުދޫ އަދި ވެލިދުއާއި ހދ. ހިރިމަރަދޫ، ކުޅުދުއްފުށި، ހއ.އުތީމު، ދިއްދޫ އަދި ބ.ކެންދޫއެވެ.

އަމާޒު ބޯޓްގެ ކްލަސްޓާއަކީ ވަރަށްބޮޑު ކްލަސްޓަރ އަކަށްވުން އެކަށީގެންވާކަމަށާ މިބޯޓުގައި ދަތުރުކުރި އެންމެންނާ ސީދާ ދިމާވިމީހުން ހޯދުމުގެ މަސައްކަތްއަދިވެސް ކުރަމުން އަންނަކަމަށް އެންއީއޯސީން ބުނެފައިވެއެވެ.

މާލެ އަތޮޅު ފަރުކޮޅު ފުށި ކަރަންޓިން ފެސިލިޓީގައި ތިބި މީހުން ބަނޑޮހަށް ބަދަލުކުރުމަށް ނިންމާފައިވާކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ. ފަރުކޮޅު ފުށީގައި ތިބި މީހުން ބަނޑޮހަށް ބަދަލުކުރުމަށް ނިންމާފައިވަނީ އެރަށުގެ ފެސިލިޓީތަކުގައި ބައެއް މައްސަލަތައް ހުރުމުންނެވެ.

މަބްރޫކް ވަނީ މާލެއިން މީގެފަހުން ޕޮޒިޓިވްވާ އެންމެން ގެންދާނީ ބަނޑޮސް ކަރަންޓީން ފެސިލިޓީއަށްކަމަށްވެސް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން