މާފުށީ ޖަލުގައި ރާވަމުންދިޔަ ޓެރަރިސްޓް ޙަމަލާއެއް ނާކާމިޔާބު ކޮށްލައިފި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ ދީނީގޮތުން ހަރުކަށި ފިކުރު ގެންގުޅޭ މީހުން ނުރައްކާތެރި ހަމަލާތަކެއް ދޭން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މާފުށީ ޖަލުގައި ހިންގި އޮޕަރޭޝަނުގައި ބަލާ ފާސްކުރި ގޮޅިތަކުން ފަސް މޮބައިލް ފޯނާއި، މޮބައިލް ފޯނާ ގުޅުންހުރި އެހެން އާލާތްތަކާއި ޔޫއެސްބީ، އާއި ޗާޖަރު ތަކެއްވެސް ފެނިފައިވާ ކަމަށެވެ.

އެ އޮޕަރޭޝަނަކީ މިފަހުން ރާއްޖޭގައި ހިންގާފައިވާ ޓެރަރިސްޓު ހަމަލާތަކާ ގުޅިގެން މިފަދަ މައްސަލަތަކުގައި ބަންދުކޮށްފައި ތިބި ހަރުކަށި ފިކުރުގެ ބަޔަކު، ބޭރުގައި ތިބި އެފަދަ މީހުންނާ މުއާމަލާތްކޮށްގެން ހިންގަން އުޅުނު ހަމަނުޖެހުންތަކަކާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް ކަމަށް ރިޔާޒު ވިދާޅުވިއެވެ.

"އެފަދަ މުއާމަލާތް ކުރުމަށް ބޭނުންކުރާ ބައެއް ވަސީލަތްތައް އެބަހުރި އަޅުގަނޑުމެންގެ ބެލުމުގެ ދަށަށް ގެނެވިފައި. އެ އެއްޗެހި އެނަލައިޒް ކުރުމަށްފަހު އަޅުގަނޑުމެންނަށް މައްސަލައިގެ އިތުރު ތަފްސީލަށް ދެވޭނީ،" ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ ޖަލު ތެރޭގައި ތިބި ހަރުކަށި ފިކުރުގެ ބަޔަކު މަސައްކަތް ކުރަމުންދިޔައީ ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ކަމެއް ބޭރުގައި ތިބި ބަޔަކު ލައްވާ ކުރުވަން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން