ފުލުހުން މީޑިއާއަށް މައުލޫމަތު ދެއްވަނީ
ފުލުހުން މީޑިއާއަށް މައުލޫމަތު ދެއްވަނީ
ހުޅުމާލޭގައި ފަތުރުވެރިންތަކަކަށް ޙަމަލާދިން މައްސަލައިގެ ތަހުގީގު ނިންމާ، މި މަހުގެ 19 ވަނަ ދުވަހު ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އެ ޙަމަލާއަކީ ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ގުޅިގެން ރ. މަޑުއްވަރީގައި ހަރުކަށި ފިކުރާ ދެކޮޅަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ބަދަލުހިފުމަށް ދިން ޙަމަލާއެއް ކަމަށް ތަހުގީގަށް ކަށަވަރުވެފައިވާ ކަމަށާއި، އެ ހަމަލާއަކީ މާލެ ސަރަހައްދުގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރުގެ ސެލް އެއްގެ މެމްބަރުން ތަކެއް ހިންގައިގެން އުޅޭ ކަމެއް ކަމަށް ތަހުގީގަށް ހޯދިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

"ހުޅުމާލޭގައި މި ދެވުނު ހަމަލާއަކީ މީގެ ކުރިން މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ފުލުހުންނާ ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރުމާ ދެކޮޅަށް ކުރަމުންދާ މަސައްކަތާ ގުޅުވައިގެން އެކަންކަމުގެ މައްޗަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް ބަދަލުހިފުމަށް ދެވުނު ހަމަލާއެއް ކަމަށް އަޅުގަނޑުމެންނަށް މިހާތަނަށް ތަހުގީގަށް ލިބުނު މައުލޫމާތުން ވަނީ ކަށަވަރު ކުރެވިފައި." ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަރ އަބްދުﷲ ރިޔާޒް ވިދާޅުވިއެވެ.

އެ ހަމަލާގައި އެއް ވަގުތެއްގައި ހުޅުމާލޭގެ ތިން ސަރަހައްދަކުން ތިން ބިދޭސީއަކަށް ވަނީ ވަޅިން ހަމަލާދީފައެވެ. ވަޅިން ހަމަލާ ދިނުމުގެ ސަބަބުން ޒަހަމްވެފަައި ވަނީ ޗައިނާގެ ދެ ރައްޔިތުންގެ އިތުރުން އޮސްޓްރޭލިއާގެ ފަތުރުވެރި އެކެވެ.

ރިޔާޒް ވިދާޅުވީ އަނިޔާ ލިބުނު މީހުންނާއި، އެމީހުން ހޮސްޕިޓަލަށް ގެންދަން އެހީތެރިވި މީހުންނާ ވާހަކަދައްކައިގެން ހަމަލާ ދިން ރޭ، ކަންހިނގިގޮތާއި، ހަމަލާ ދިން ތަންތަން ދެނެގަތް ކަމަށެވެ.

އަދި ހަމަލާ ދިން ސަރަހައްދުތަކުގައި ހުރި ސީސީޓީވީ ފުޓޭޖުތައް ނަގާ، އެ ފުޓޭޖުތައް ދިރާސާކޮށް ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ މީހުން ދެނެގަނެވުނު ކަމަށް ފުލުހުން ބުނެފައި ވެއެވެ. އެގޮތުން 75 ލޮކޭޝަނަކުން 300 އެއްހާ ގަޑިއިރުގެ ފުޓޭޖު ނަގައި އެނަލައިޒް ކުރެވިފައިިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. އެ ފުޓޭޖުތަކުގެ އަލީގައި ހަމަލާ ދިން މީހުން މާލެއިން ފެށިގެން ހުޅުމާލެއަށް ދިޔަ ރޫޓުތަކާއި އެމީހުން ހަމަލާ ދިން ތަންތަން ފުލުހުން ވަނީ ދެނެގަނެފައެވެ.

މިހާތަނަށް މައްސަލައިިގެ ތުހުމަތުގައި އަށް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަށް މީހުންގެ ތެރެއިން ހަތް މީހަކު ހައްޔަރުކޮށްފައި ވަނީ ފެބުރުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ. މައްސަލައިގައި ދެން ހިމެނޭ މީހާ ހައްޔަރުކޮށްފައި ވަނީ މާޗު މަހުގެ ދެވަނަ ދުވަހު ތ. ތިމަރަފުށިންނެވެ.

ރިޔާޒް ވިދާޅުވީ ތަހުގީގަށް އެނގުނު ގޮތުގައި، ހުޅުމާލޭގައި ބިދޭސީންނަށް ހަމަލާ ދިނުމުގައި އަމަލީގޮތުން ބައިވެރިވެފައި ވަނީ ހަތަރު މީހެކެވެ. އަދި އެމީހުން ހަމަލާދިނުމަށް ބޭނުންކުރި ސައިކަލުތަކާއި، ބަދަލުކޮށްފައި ހުރި ނަންބޯޑުތައް ވެސް ހޯދާފައިވާ ކަމަށް ރިޔާޒި ވިދާޅުވިއެވެ.

މީގެ އިތުރުން ހަމަލާ ދިނުމަށް ބޭނުންކުރި ވަޅިއާއި، އެވަގުތު އެމީހުން ލައިގެން ތިބި އަންނައުނުތައް ފޮރުވަން ހަވާލުކޮށްފައި ހުރި މީހުންގެ އަތުން ފުލުހުން އެތަކެތި ހޯދަފައިވާ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރެވުނު މީހުންގެ ގެތައް ވެސް ފުލުހުން ވަނީ ބަލައިފާސްކޮށްފައެވެ. އެމީހުން ދިރިއުޅޭ ތަންތަނުން ހޯދި ޑިޖިޓަލް މައުލޫމާތު ރައްކާކުރެވޭ ޑިވައިސްތަކުން މައްސަލައާ ގުޅުންހުރި އަދި ޓެރަރިޒަމަށް ހިތްވަރުދީ ޓެރަރިޒަމް ޕްރޮމޯޓް ކުރުމަށް ބޭނުންކޮށްފައި ހުރި ބައެއް ކަހަލަ މުއާމަލާތްތަކާއި، ޕޯސްޓްތަކާއި ލިޔުންތައް ވެސް ފުލުހުން ވަނީ ހޯދައިފައެވެ.

ހަރުކަށި ފިކުރު ގަބޫލުކޮށް، އެ ފިކުރު ރާއްޖޭގައި ކުރިއެރުވުމަށް މަސައްކަތްކޮށް، ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމަގައިގައި ބައިވެރިވުމަށް ދިވެހިން ފޮނުވުމަށް މަސައްކަތްކުރި މައްސަލައިގައި ރ. މަޑުއްވަރިން ފުލުހުން ވަނީ ހަ މީހަކު ހައްޔަރުކޮށްފައެވެ. އަދި އެމީހުންގެ މައްޗަށް މިހާރު ވަނީ ދައުވާވެސް ކޮށްފައެވެ.

މީގެ އިތުރުން ރ. މަޑުއްވަރީގައި ކޯޓުން ބޭރުން ކުޑަ އަންހެން ކުދިންނާ "ކައިވެނި" ކުރުމުގެ މައްސަލަތަކެއް ވެސް ފެންމަތިވެ، ދަރިންނަށް އިހުމާލުވި މައްސަލަތަކެއްގައި ވެސް ވަނީ ދައުވާ އުފުލާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން