ޑރ. އަަލީ ލަތީފް
ޑރ. އަަލީ ލަތީފް
ކޯވިޑް-19 ގައި ރާއްޖެއިން މަރުވި ފުރަތަމަ މީހާ މަރުވީ ދޭން ޖެހޭ ފަރުވާއެއް ނުދެވިގެން ނޫންކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް ގެ ޑޮކްޓަރ، ޑރ. އަލީ ލަތީފު ވިދާޅުވެއްޖެ އެވެ.

ރާއްޖެއިން މި ބަލީގައި މަރުވި 83 އަހަރގެ އަންހެންމީހާއަކީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހެއްގެ ޑައިރެކްޓް ކޮންޓެކްޓެކެވެ. އޭނާ މަރުވީ، ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައި ވޭތޯ ބެލުމަށް ސާމްޕަލް ނަގާފައިވަނިކޮށް، ޓެސްޓުގެ ނަތީޖާ ލިބުމުގެ ކުރިން ރޭ އިރާކޮޅުއެވެ. އޭނާ އައިޖީއެމްއެޗަށް ގެންދިޔައީ، އިއްޔެ ހަވީރު، ކުއްލިއަކަށް ނޭވާއަށް އުނދަގޫ ވާތީއެވެ. މި މީހާ ދިރިއުޅޭ ގެއިން ބަޔަކު ޕޮޒިޓިވްވުމުން އެގެ މޮނީޓަރިންގައި ހުންނަތާ ދުވަސްކޮޅެއްވެއްޖެއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އަލީ ލަތީފު ވިދާޅުވީ ކޯވިޑް-19 އަށް ދޭނެ ވަކި ހާއްސަ ފަރުވާއެއް ނޯންނަ ކަމަށެވެ. އެހެންވެ، ޓެސްޓްކޮށް ނަތީޖާ ލިބެންދެން ކޮންޓެކްޓުން އަބަދުވެސް ބަލަހައްޓަމުން ގެންދަނީ އެމީހަކު އުޅޭ ގޭގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ގިނަ ފަހަރު ބަލީގެ ކުރީކޮޅު ދިމާވާ އުނދަގޫތަކަކީ ނޭވާ ކުރުވުމާއި ކެއްސުމާއި ހުން އައުން. ބަލި ބޮޑުވެގެން ދާއިރު، ފުއްޕާމެޔަށް ބަލިގޮސް ނިޔުމޯނިޔާ ޖެހެނީ. ފަރުވާއަކަށް ދޭން މިއޮންނަނީ ހުން އަންނަ ނަމަ ޕެރެސެޓަމޯލް، ދެން އައިވީ ފްލުއިޑް. ވަކި ވަރަކަށްވުރެ ހާލު ބޮޑުވެ، އައިސީޔޫ އަށް ދިޔައީމާ ދޭނެ ހާއްސަ ބޭސް ހުރޭ. ޖުމްލަކޮށް ބުނަންޏާ ވަކި ހަާއްސަ ބޭހެއް ނެތް،" ޑރ. ވިދާޅުވި އެވެ.

ރޭ ނިޔާވި މީހާގެެ ސާމްޕަލް ނެގުމުގައި ލަސްތަކެއްވިކަމަށް ގަބޫލު ކުރައްވަންތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން ޑރ. ވިދާޅުވީ ނިޔާވި މީހާގެ ސާމްޕަލް ނެގިފައި ވަނީ މިމަހުގެ 27 ވަނަ ދުވަހުގެރޭ ފަތިހު ކަމަށާއި، އޭނާގެ ހާލު ސީރިޔަސްވީ އިއްޔެ ހެނދުނު ކަމަށެވެ.

"އިތުރަށް ގޯސްވެއްޖެއްޔާ ހޮސްޕިޓަލަށް ގެންގޮސް ދޭ ހާއްސަ ފަރުވާގެ ތެރޭގައި މިއޮންނަނީ އައިވީ ފްލުއިޑް ދިނުމާ އޮކްސިޖަންދިނުމާ އޭގެ އިތުރުން ބައެއް ފަހަރު އެންޓި ވައިރަލް ދިނުން. އަޅުގަނޑަކަށް ހިޔެއް ނުވޭ މި ޕާޓިކިޔުލާ ޕޭޝަންޓުގެ (މިބަލި މީހާގެ) އެކަހަލަ ހާއްސަ ފަރުވާއެއް ނުދެވިގެން ދިޔައީ ކަމަކަށް." ޑރ. ވިދާޅުވިއެވެ.

ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ ކްރިޓިކަލް ހާލަތުގައި މަރުވާމީހުންގެ ފަރާތުން ބަލީގެ އަލާމާތެއް ނުފެނުނު ނަމަވެސް، އެމީހުންގެ ސާމްޕަލް ނަގައި ކޯވިޑް-19 އަށް ޓެސްޓު ކުރާނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، މީހާ މަރުވުމުގައި މޮނީޓަރިންގެ މައްސަލައެއް އޮތް ކަމަކަށް ވެސް އަދި އިހުމާލެއް އޮތް ކަމަކަށް ވެސް ފާހަގަވެފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް، މިފަދަ އާ ބަލިމަޑުކަމެއްގައި އަބަދުވެސް ރަނގަޅުކުރަން ކަންކަން ހުންނާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ. އަދި މިފަހަރުގެ ތަޖުރިބާއަށް ބަލައި އެސްއޯޕީ ފަދަ ކަންކަން ރަނގަޅު ކުރަން ޖެހޭ ނަމަ ރަނގަޅު ކުރާނެ ކަމަށް ވެސް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

މިހާތަނަށް ރާއްޖެއިން 280 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު، 17 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ރާއްޖެއިން މިހާތަނަށް ބަލީގައި މަރުވެފައިވަނީ އެންމެ މީހެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން