ކޯވިޑް-19 ޖެހިގެން އިއްޔެ ނިޔާވި މީހާ ވަޅުލުމުގެ މަސައްކަތުގައި ސިފައިން
ކޯވިޑް-19 ޖެހިގެން އިއްޔެ ނިޔާވި މީހާ ވަޅުލުމުގެ މަސައްކަތުގައި ސިފައިން
ކޯވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތާ ސިފައިން ކުރިމަތިލާނީ ކެރިިގެން ކަމަށާއި ސިފައިންގެ އަޒުމު ނުގުޑާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

ޝަމާލް ކުރެއްވި ޓުވީޓެއްގައި، މި ހިތާމަވެރި ދަނޑިވަޅުގައި ވެސް، އަދި ބައްޔަށް ޕޮޒިޓިވްވާ ސިފައިން އިތުރުވަމުން އައި ނަމަވެސް، ރޯގާއާ ދެކޮޅަަށް ސިފައިން ކުރާ މަސައްކަތަށް އެއްވެސް ލޮޅުމެއް ނާރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައި ވެއެވެ.

ޤައުމީ ސަލާމަތީ ބާރުން ބުނެފައި ވަނީ ސިފައިންގެ ތެރެއިން ބަޔަކު ޕޮޒިޓިވްވެ، އިތުރު ސިފައިންތަކެއް އެކަހެރިކުރަން ޖެހޭނެ ހާލަތެއް އަތުވެދާނެ ކަމަށް ސިފައިންގެ ލީޑަޝިޕް ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން ސިފައިންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެސްއޯޕީތައް އެކުލަވާލައި އަމަލު ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

މިހާތަނަށް ސިފައިންގެ 20 އޮފިސަރަކު ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އަދި ގިނަ އަދަދެއްގެ ސިފައިން އެކަހެރިކޮށްފައި ވެސް އެބަތިއްބެވެ.

ސިފައިންނާއި ފުލުހުންގެ އިތުރުން ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުން ހިމެނޭ ގޮތުން 600 އަށްވުރެ ގިނަ މީހުން ގެއަށް ނުދެވޭގޮތަށް ވަނީ އެކަހެރިކޮށްފަ އެވެ.

ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން ދުވަސްވީ މީހަކު އިއްޔެ ވަނީ ނިޔާވެފަ އެވެ. ނިޔާވި މީހާ ބައްޔަށް ޕޮޒިޓިވްކަން އެނގުނީ އޭނާ ނިޔާވި ފަހުންނެވެ. އަދި އެކަން ސަރުކާރުން ހާމަކުރީ ރޭ ދަންވަރުއެވެ.

މައްޔިތާގެ ކަށުކަމާ ކެމީގެ ކަންތައްތައް ކޮށްފައި ވަނީ އެމްއެންޑީއެފްގެ އަންހެން ސިފައިންނެވެ. އަދި މައްޔިތާގެ ސަންދޯއް އުފުލީ ފިރިހެން ސިފައިންނެވެ.

ޗީފް އޮފް ޑިފެންސް ރޭ ކުރެއްވި ޓުވީޓެއްގައި ވަނީ، މައްޔިތާގެ ކަށުކަމާކެމީގެ މަސައްކަތުގައި ހަރަކާތްތެރިވި އެމްއެންޑީއެފްގެ ޖެހިލުންކުޑަ ޖަމާއަތްތެރިންނަށް ސެލިއުޓް ކުރައްވާފައެވެ. ސިފައިންގެ މި ހިތްވަރު ގަދަ މަސައްކަތަށް ސޯޝަލް މީޑިއާގައި އާންމު ރައްޔިތުންވެސް ދަނީ ތައުރީފުކޮށް ހިތްވަރު ދެމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން