މޫސުމީ ކާރިސާ ތަކުން އަރައިގަތުމަށް ދުނިޔޭގެ އެހެން ގައުމުތަކާއެކު މަސައްކަތްކުރުމަށް އެމެރިކާ އަދި ޗައިނާއިން އެއްބަސްވެއްޖެއެވެ.

މިފަދަ ނިންމުމެއް ދެގައުމުން ނިންމާފައި މިވަނީ ޗައިނާގެ ކްލައިމެޓް އެންވޯއީ ޒީ ޝެންހުއާ އަދި ޔޫއެސްގެ ކްލައިމެޓް އެންވޯއީ ޖޯން ކެރީ އާއެކު ދެދުވަހުގެ ބައްދަލު ވުމަކަށްފަހުއެވެ. މިބައްދަލުވުމަށްފަހު ދެގައުމުންވެސް އެއްބަސްވެފައިވާ ކަންކަން އާންމުކޮށްފައިވަނީ މިއަދު ނެރެފައިވާ ލިޔުމެއްގައެވެ.

މިލިޔުމުގައި ދެގައުމުންވެސް ވަނީ މޫސުމީ ކާރިސާ ތަކުން އަރައިގަތުމަށް ދުނިޔޭގެ އެހެން ގައުމުތަކާއެކު މަސައްކަތްކުރުމަށް އެއްބާރުލުން ދޭނެކަމަށް އެއްބަސްވެފައެވެ. މިގޮތުން ވީހާވެސް އަވަހަކަށް ފިޔަވަޅުއެޅުމަށް މުހިންމުކަމަށް ދެގައުމުންވެސް ވަނީ ފާހަގަކޮށްފައެވެ.

މީގެއިތުރުން މޫސުމީ ކާރިސާ ތަކުން އަރައިގަތުމަށް މަސައްކަތްކުރުމަށް ބާރުއަޅާ ޕެރިސް އެގްރީމެންޓްގައި ފާހަގަކޮށްފައިވާ ފިނިހޫނުމިން ދަމަހައްޓަން މަސައްކަތްކުރުމަށްވެސް އެމެރިކާ އަދި ޗައިނާއިން ވަނީ އެއްބަސްވެފައެވެ.

އެމެރިކާ އަދި ޗައިނާ އަކީ، ވައި ތަޣައްޔަރުކުރާ ކާބޮން ފަދަ ނުރައްކާތެރި މާއްދާތައް ޖައްވަަށް ބޭރުކުރާ ދުނިޔޭގެ އެންމެ ބޮޑު ދެގައުމެވެ. މިގޮތުން ދުނިޔޭގެ ވައިގެ ފަށަލަ ހޫނު ކުރާ މާއްދާތަކުގެ 50 އިންސައްތަ ދޫކުރަނީވެސް އެމެރިކާ އަދި ޗައިނާއިންނެވެ. މިއާއެކު މޫސުމީ ކާރިސާ ތަކުން އަރައިގަތުމަށް މިދެގައުމުން އިސްރޯލެއް އަދާ ކުރަން ޖެހޭނެކަމަށް މިކަމާގުޅޭ މާހިރުން މީގެކުރިންވެސް ވަނީ ފާހަގަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން