ކުރެއްދޫ ރިިސޯޓް- ރާއްޖެއިން ކޯވިޑް-19 ގެ ކޭހެއް ފުރަތަމަ ފެނުނީ ކުރެއްދޫއިން
ކުރެއްދޫ ރިިސޯޓް- ރާއްޖެއިން ކޯވިޑް-19 ގެ ކޭހެއް ފުރަތަމަ ފެނުނީ ކުރެއްދޫއިން
ޅ. ކުރެއްދޫ ރިސޯޓަށް އަރާ ފޭބުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އެޖެންސީން ދީފި އެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޯވިޑް-19 ގެ ބަލިމީހަކު ފެނުނީ މިދިޔަ މާޗް މަހުގެ ހަތް ވަނަ ދުވަހު އެވެ. އެއީ ކުރެއްދޫ ރިސޯޓުން ޕޮޒިޓިވްވި ދެ މީހެކެވެ. އެ މީހުންގެ ގަޔަށް ވައިރަސް އެރި ކަމަށް ބެލެވުނީ، ކުރެއްދޫގައި މަޑުކޮށްފައި ފުރި ފަހުން ވައިރަހަށް ޕޮޒިޓިވްވި އިޓަލީ މީހެއްގެ ފަރާތުންނެވެ.

ކުރެއްދޫގައި ހުރެފައި ދިޔަ އިޓަލީ މީހާ ޕޮޒިޓިވްވިކަން އެންގުމުން ހައެއް މާޗްގައި އެ ރަށަށް އަރައި ފޭބުން ކަމާބެހޭ ފަރާތްތަކުން މަނާކުރިއެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް އެ ރިސޯޓުގެ 650 ވަރަކަށް މުވައްޒަފުން ތިބީ ރަށުބަންދުގައެވެ.

އެހެންނަމަވެސް، އެ ރިސޯޓަށް އަރައި ފައިބަން އަލުން އެޗްޕީއޭއިން ހުއްދަ ދީފައިވާކަން އެ ރިސޯޓުގެ ވަކީލް، ކުރީގެ ޕީޖީ މުހުތާޒް މުހުސިން ވަނީ ޓްވިޓަރ ގައި އިޢުލާން ކުރަށްވާފައެވެ. ނަމަވެސް މިކަން އަދި އެޗްޕިއޭއަކުން އާންމުކޮށްފައެއް ނުވެއެވެ.

މި މަހުގެ 12 ވަނަ ދުވަހު ސަރުކާރުން ވަނީ ކުރެއްދޫގައި ތިބި ހުރިހާ އެންމެން ކޯވިޑް-19 އަށް ޓެސްޓު ކުރަން ނިންމައިފަ އެވެ. މި ޓެސްޓުތަކުން މީހަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ.

ކުރެއްދޫ ރިސޯޓުން ޕޮޒިޓިވްވީ ޖުމްލަ ހަ މީހުންނެވެ. އޭގެ ތެރޭގައި އެ ރިސޯޓުގެ ބިދޭސީ މުވައްޒަފުންނާއި ފަތުރުވެރިން ހިމެނެއެވެ.

ކޯވިޑް-19ގެ އަލާމްތައް ފެންނަމުން ދިޔައިރުވެސް ކަމާބެހޭ ފަރާތްތަކަށް އެކަން ނާންގައި ކުރެއްދޫއިން އިޓަލީގެ ފަތުރުވެރިއާ އަނބުރާ ގައުމަށް ފުރުވާލި މައްސަލައިގައި ފުލުހުން ދަނީ ޖިނާއީ ތަހުގީގެއް ހިންގަމުންނެވެ. އެކަމާ ގުޅިގެން ފުލުހުންގެ ޓީމުތައް މީގެ ކުރިން އެ ރިސޯޓަށް ގޮސްފައިވެސް ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން