ސެންޓްރަލް އެފްރިކާގެ ޤައުމެއްކަމަށްވާ ޗާޑުގެ ރައީސް އިދްރީސް ދެބީ އަވަހަރާވެއްޖެއެވެ.

ޗާޑުގެ އަސްކަރިއްޔާއާ ހަވާލާދީ ޚަބަރުތައް ބުނާގޮތުން އުމުރުފުޅުން 68 އަހަރުގެ އިދްރީސް ދެބީ އަވަހަރާވީ އެޤައުމުގެ އުތުރުގައި ހަތިޔާރު އެޅި ހަނގުރާމަވެރިންގެ ގްރޫޕަކާ ދެމެދު ހިނގި ހަމަލާ ބަދަލުކުރުން ތަކެއްގައިކަމަށެވެ. އިދްރީސް ދެބީ އެސަރަޙައްދަށް ވަޑައިގަތީ އެޤައުމުގައި ބޭއްވި ރިޔާސީ އިންތިޚާބަށްފަހު، ޗާޑްގެ އުތުރުގެ ސާހިލް ސަރަހައްދުގައި ހަނގުރާމަ ކުރަމުންދާ ސިފައިންނަށް ކުރެއްވި ޒިޔާރަތެއްގައެވެ.

ޚަބަރުތައް ބުނާގޮތުން އިދްރީސް ދެބީ އެސަރަޙައްދުގައި ހުންނަވަނިކޮށް ހަނގުރާމަވެރިން ހަމަލާ ދިނުމުން، ސިފައިންނަށް އިރުޝާުދު ދިނުމުގައި އެމަނިކުފާނު ވަނީ ހަރަކާތްތެރިވެވަޑައިގެންފައެވެ. އަދި އަވަހާރަވީ ހަނގުރާމައިގެ މައިދާނުގައިކަމަށްވެސް އެޤައުމުގެ އަސްކަރިއްޔާއިން ބުނެއެވެ.

އިދްރީސް ދެބީ ޗާޑުގެ ވެރިކަން ކުރައްވާތާ 30 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އޭނާއަކީ އެފްރީކާ ބައްރުގައި އެންމެ ގިނަ ދުވަހު ޤައުމެއްގެ ވެރިކަންކުރެއްވި ލީޑަރުންގެ ތެރެއިން ލީޑަރެކެވެ.

1990 ވަނަ އަހަރު ޗާޑުގެ ވެރިކަމަށް އިދްރީސް ދެބީ ވަޑައިގަތީ ހަތިޔާރާއެކު ހިންގި ހަމަނުޖެހުންތަކެއްގެ ތެރެއިންނެވެ. އޭގެފަހުން 30 އަހަރަށްވުރެ ގިނަ ދުވަހު އެޤައުމުގައި ވެރިކަން ކުރެއްވިއިރު، އެންމެފަހުން މިމަހުގެ 11 ވަނަ ދުވަހު ބޭއްވި އިންތިހާބުވެސް އެމަނިކުފާނު ވަނީ 80 އިންސައްތަ ވޯޓާއެކު ކާމިޔާބުކުރައްވާފައެވެ.

އިދްރީސް ދެބީ އަވަހަރާވުމާއި ގުޅިގެން ގައުމުގެ ހިންގުމަށް މިލިޓަރީ ކައުންސިލެއް އެކުލަވާލާފައިވާއިރު އެކައުންސިލުގެ ރިޔާސަތުގައި އިންނަވާނީ އިދްރީސް ދެބީގެ ދަރިކަލުން އަދި 4 ތަރީގެ ޖެނެރަލެއްކަމަށްވާ އުމުރުން 37 އަހަރުގެ މަހަމަތު އިދްރީސް ދެބީއެވެ. އޭނާ ބުނީ ކުރިއަށް އޮތް 18 މަސްދުވަހުގެ ތެރޭގައި އެޤައުމުގައި މިނިވަން އިންތިހާބެއް ބާއްވާނެކަަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން