ކޮވިޑުގެ ދެވަނަ ރާޅާއެކު އިންޑިޔާގައި ބަލިޖެހިގެން ހާލު ބޮޑުވާމީހުން ގިނަވެ، އިންޑިޔާގެ ހޮސްޕިޓަލްތައް އޮކްސިޖަނަށްޖެހި ބަލިމީހުން މަރުވާން ދޫކޮށްލަން މަޖުބޫރުވެެފައިވާކަމަށް އިންޑިޔާގެ އެކި ސްޓޭޓްތަކުގެ ހޮސްޕިޓަލު ތަކުން ހާމަކޮށްފިއެވެ.

މިގޮތުން އިންޑިޔާގެ ކެޕިޓަލް ދިއްލީ ގެ ހަ ހޮސްޕިޓަލަކުން އޮކްސިޖަން ހުސްވެފައިވާއިރު، ދިއްލީގެ ހޮސްޕިޓަލްތަކުގައި މިހާރުހުރި އޮކްސިޖަނުން މާގިނައިރަކު ހިފަހައްޓާ ނުލެވޭނެކަމަށްް ރޭގެވަގުތެއްްގައި ހާމަކޮށްފައިވެއެވެ. މިގޮތުން 99 އިންސައްތަ އަށްވުރެ ގިނަ އައިސީޔޫ އެނދުތައް ފުރި، އޮކްސިޖަނަށް މަޑުކޮށްގެން ތިބި އެތައް ބަލިމީހަކު މިހާރު ވަނީ މަރުވެފައެވެ.

އިންޑިޔާގެ މީޑިޔާތަކުން އާންމު ކުރަމުންދާ ވީޑިޔޯ ތަކުން ފެންނަގޮތުގައި، އިންޑިޔާގެ ހޮސްޕިޓަލްތައް އޮކްސިޖަނަށްޖެހިފައިވާއިރު، ކޮވިޑް ބަލީގައި ހާލުބޮޑު ބަލިމީހުން ގޮވައިގެން އެމީހުންގެ އާއިލާތަކުން ދަނީ ހޮސްޕިޓަލްތަކުގައި އޮކްސިޖަނަށްއެދި ސަލާންޖަހައި އާދޭސް ކުރަމުންނެވެ.

ކޮވިޑުގެ ދެވަނަ ރާޅާއެކު އިންޑިޔާގައި ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހޭމީހުން މިހާރުވަނީ އަންދާޒާ ނުކުރެވޭވަރަށް ގިނަވެފައެވެ. މިގޮތުން 300،000 އަށްވުރެ ގިނަ ޕޮޒިޓިވް ކޭސް އާއެކު ދުވާލެއްގެ މައްޗަށް އެންމެ ގިނަބަޔަކު ޕޮޒިޓިވްވި މީހުންގެ ރިކޯޑަކީވެސް މިހާރު އިންޑިއާއެވެ.

މީގެއިތުރުން، ހާލުބޮޑުވެ ކޮވިޑް ބަލީގައި މަރުވާ މީހުން ގިނަވެފައިވާއިރު، މަރުވާމީހުންގެ ޖަނާޒާ ބޭއްވުމަށް މިހާރުވަނީ ކިއުހަދާފައެވެ.

އިންޑިޔާގެ ހާލަތު މިހާވަރަށް ގޯސްވާނެކަމަށް އަންދާޒާ ކުރެވިފައިނުވާއިރު، މިފަދަ ހާލަތަކަށް ތައްޔާރުވެފައިނުވާކަމަށްވެސް ސިއްހީވުޒާރާތަކުގައި މަސައްކަތްކުރާ މީހުން ދަނީ ބުނަމުންނެވެ.

މިއަހަރުގެ ޖެނުއަރީ މަހާއި އަޅާ ބަލާއިރު އިންޑިޔާގައި ކޮވިޑުގެ ހާލަތު ގޯސްވެފައިވަނީ ސަރުކާރުގެ އިހުމާލުންކަމަށްވެސް ގިނަބަޔަކު ވަނީ ފާހަގަކޮށްފައެވެ. މިގޮތުން އެތައްހާސް ބަޔަކު އެއްކޮށްގެން މިފަހަކުން ކެމްޕޭނުގެ ހަރަކާތްތަކެއް ބޭއްވުމާއި އެކި ހިންދޫ ފެސްޓިވަލްތައް ބޭއްވުމަށް ދެވުނު ލުއިތައް ފާހަަގަކޮށްފައިވެއެވެ. އަދި މިފަދަ އެއްވުންތަކުގައި ކޮވިޑުން ރައްކާތެރިވުމަށް އެޅިފައިވާ ފިޔަވަޅުތަކާ ހިލާފުވާ މީހުން ގިނަކަންވެސް ގިނަބަޔަކު ވަނީ ފާހަގަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން