ހެލްތް މިނިސްޓަރ ނަސީމް މ. އަތޮޅު ދިއްގަރުގައި
ހެލްތް މިނިސްޓަރ ނަސީމް މ. އަތޮޅު ދިއްގަރުގައި
މިނިސްޓަރ އޮފް ހެލްތު އަޙުމަދު ނަސީމް ރަސްމީ ދަތުރުފުޅެއްގައި މ. އަތޮޅަށް މިއަދު ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި މިނިސްޓަރގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަންގެ އިތުރުން، މިނިސްޓްރީ އޮފް ހެލްތުގެ ސީނިއަރ އެގްޒެކެޓިވް ޑައިރެކްޓަރ ޢަބްދުލް ހަންނާނު ހުޞައިނާއި ސީނިއަރ ޕްރޮޖެކްޓް އޮފިސަރ ޢަބްދުﷲ އާރިޒް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިނިސްޓަރގެ މިދަތުރުފުޅަކީ ، މ.އަތޮޅުގެ ބައެއް ރަށްތަކުގެ ޞިއްހީ މަރުކަޒުތަކާއި އަދި ރީޖަނަލް ހޮސްޕިޓަލްގެ ކަންކަން ބައްލަވާލައްވައި، މިހާރު ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގައި ކުރެވެމުންދާ އުމްރާނީ މަސައްކަތްތަކާއި އަދި މުވައްޒަފުންނަށް ހުރި ދަތިކަންކަމުގެ މަޢުލޫމާތު ހޯދުމަށް ކުރައްވާ ދަތުދުފުޅެކެވެ.

މިގޮތުން ދިއްގަރު، މަޑުއްވަރީގެ ހެލްތް ސެންޓަރ އަޕްގްރޭށްކުރުމަށް ކުރަންޖެހޭ ކަންކަން ބައްލަވާލައްވައި، މިވަގުތު އިސްކަމެއް ދެއްވައިގެން މުލަކުގައި އަލަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ އެކްސްޓެންޝަން އިމާރާތް ފެށުމަށް ކުރަންޖެހޭ ކަންކަން ބައްލަވާލައްވާފައިވެއެވެ. މި އިމާރާތް ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ޕަބްލިކް ހެލްތުގެ ކަންކަން އިތުރަށް ފުޅާކުރުމަށާއި އޮފީސް އިމާރާތުގައި މިހާރުހުރި ޖާގައިގެ ދަތިކަން ހައްލުކުރުމަށާއި ލޯންޑްރީ، ސްޓޮކްރޫމް އަދި ގަރާޖްއެއް ހެދުމަށެވެ.

ސަރުކާރުން ވަރަށް ޚާއްސަ އިސްކަމެއް ދެއްވައިގެން ދުނިޔޭގެ ޞިއްޙަތު ދުވަސްކަމުގައިވާ 7 އޭޕްރީލް 2021ގައި "ޕްރައިމަރީ ހެލްތް ކެއަރ އާދިރުމެއް" މިނަމުގައި މުޅި ރާއްޖޭގައި ޕްރައިމަރީ/ ޕަބްލިކް ހެލްތްގެ ކަންކަން ރީވައިޓަލައިޒްކުރުމަށް ޕްރޮގްރާމެއްވަނީ ފަށައިފައެވެ.

މިދަތުރުފުޅު ނިންމަވާލައްވާނީ ނާލާފުށި އަދި މުލީ ރީޖަނަލް ހޮސްޕިޓަލަށް ވަޑައިގެން އެތަންތަނުގައި ކުރެވެމުންދާ މަސައްކަތްތައް ބައްލަވާލެއްވުމަށް ފަހުއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން