ތަކަންދޫ
ތަކަންދޫ
ހއ. ތަކަންދޫން ތިން މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ތަކަންދޫ ކައުންސިލުން މިއަދު "ރަސް އޮންލައިން" އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ތަކަންދޫ ތިން މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމުގެ މައުލޫމާތު ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކައުންސިލަށް އަންގާފައިވާ ކަމަށެވެ.

ކައުންސިލްގެ ފަރާތުން މަޢުލޫމާތު ދެމުން ބުނީ އެރަށުން މުޅި ޖުމްލަ 36 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށާއި، އޭގެ ތެރެއިން 3 މީހަކު ޕޮޒިޓިވް ވެފައިވާއިރު އަދި ނަތީޖާ ނުލިބޭ ސާމްޕަލްތަކެއް ހުރި ކަމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޕޮޒިޓިވްވި މީހުންނަކީ މިދިޔަ މަހުގެ 15 ވަނަ ދުވަހު ކާވިޔާ ބޯޓުން އެ ރަށަށް ދަތުރު ކުރި ބައެކެވެ. ކާވިޔާ ބޯޓު މިވަގުތުވެސް މޮނިޓަރިންގެ ހާލަތުގައި އޮތްއިރު، އެ ބޯޓުން ދަތުރި ކުރި ގިނަ އަދަދެއްގެ ތަކަންދޫ މީހުން މިހާރުވެސް ތިބީ ހޯމް އައިސޮލޭޝަންގައެވެ.

ކާވިޔާ ބޯޓު ދަތުރު ކުރި ހަތް ރަށެއް މީގެ ކުރިން މޮނިޓަރިންއަށް ގެންދިޔައެވެ. އެއީ އެ ބޯޓުން ދަތުރު ކުރި އުލިގަމު މީހަކު އެ ބޯޓުގައި ރަށަށް ދިޔަަ ފަހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވުމުންނެވެ.

އުލިގަމުން ޕޮޒިޓިވްވި މީހާ އަކީ މާލެ ފިޔަވައި އެހެން ރަށަކުން ކޯވިޑް-19 އަށް ޕޮޒިޓިވްވި ފުރަތަމަ މީހާ އެވެ. އޭނާއާއި ބައްދަލުވު މީހުން ބައްޔަށް ނެގަޓިވްވުމުން މިހާރު އެ ރަށް ވަނީ މޮނިޓަރިންގެ ހާލަތުން ނަގައިފައެވެ.

އޭގެ އިތުރުން ށ. ނަރުދޫއިންނާއި، ށ. މިލަންދޫއާއި، ކ. ތުލުސްދޫއިންވެސް ޕޮޒިޓިވް މީހުން ފެނިފައިވެއެވެ. އެ ރަށްތަަށް މިހާރުވެސް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.

އުތުރުގެ އަތޮޅުތަކުން ޕޮޒިޓިވް ކޭސްތައް ފެންނަމުންދާއިރު، ސަރުކާރުން ބުނެފައި ވަނީ އުތުރުގައި ގާއިމްކޮށްފައިވާ ކަރަންޓީނު އަދި އައިސޮލޭޝަން ފެސިލިޓީތައް މިހާރު ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ.

އެގޮތުން ށ.ނަރުދޫއިން ޕޮޒިޓިވްވި މީހުން ވަނީ ހއ.ދޮނަކުޅި ރިސޯޓަށް ބަދަލުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން