ކޮވިޑާ ހަނގުރާމަ ކުރުމަށް އިންޑިއާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާއިން ވައުދުވެއްޖެއެވެ.

އިންޑިޔާގައި ކޮވިޑުގެ ދެވަނަ ރާޅާއިއެކު، މިބަލީގައި ހާލުބޮޑުވާ މީހުން ގިނަވެ، ހޮސްޕިޓަލްތައް ފުރި، އޮކްސިޖަނަށްޖެހި، ފަރުވާ ނުލިބި އެތައްބަޔަކު މަރުވަމުންދާ މިދަނޑިވަޅުގައި އެމެރިކާއިން އެހީތެރިވާނޭކަމަށް މިހާރު ވަނީ ހާމަކޮށްފައެވެ. މިކަން ހާމަކޮށްދެއްވައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އަދި ވައިޓް ހައުސްގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ވަނީ އިންޑިއާގެ ހާލަތާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

"އިންޑިއާގެ ކޮވިޑުގެ ނުރައްކާތެރި ހާލަތާއި މެދު އެމެރިކާއިން ކަންބޮޑުވޭ. އަހަރުމެން މިމަސައްކަތްކުރަނީ އިންޑިޔާއިން ކޮވިޑާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އެހީތެރިކަން ފޯރުކޮށްދިނުމަށް." ވައިޓް ހައުސްގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ޖޭކް ސުލިވަން ވިދާޅުވެފައިވެއެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތޮނީ ބްލިންކިންވެސް ވިދާޅުވެފައިވަނީ ވީހާވެސް އަވަހަކަށް އިންޑިއާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން ހަމަޖެހިދާނެކަމަށެވެ.

"އިންޑިއާގެ ސަރުކާރާއެކު ވަރަށް ގާތުން މަސައްކަތްކުރަމުން މިދަނީ އެހީގެ ތަކެތި ފޯރުކޮށްދިނުމަށް. ވީހާވެސް އަވަހަކަށް ކޮވިޑާ ހަނގުރާމަ ކުރަމުންދާ އިންޑިޔާގެ ސިއްހީ އެހީތެރިންނަށާއި އިންޑިއާގެ ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވޭނެ." އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތޮނީ ބްލިންކިން ވިދާޅުވިއެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އަދި ވައިޓް ހައުސްގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރގެ އިތުރުން ވައިޓްހައުސްގެ އިސްތަރުޖަމާނުވެސް ވަނީ އެމެރިކާއިން އިންޑިއާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާ ސަރުކާރުން މަސައްކަތްކުރަމުންދާކަމަށް ވިދާޅުވެ، އެޔަގީންކަން ދެއްވާފައެވެ. ނަމަވެސް އެމެރިކާއިން އިންޑިއާއަށް ފޯރުވައިދިނުމަށް ހަމަޖެހިފައިވާ އެހީތެރިކަމާއިބެހޭ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން