އިންޑިޔާގެ ކޮވިޑު ހާލަތާއި ގުޅިގެން ކުރެވެމުންދާ ބައެއް ޓްވީޓްތައް ސެންސަރު ކުރުމަށް އިންޑިޔާ ސަރުކާރުން ޓްވިޓަރގައި އެދެފިއެވެ.

އިންޑިޔާގައި ކޮވިޑުގެ ދެވަނަ ރާޅާއިއެކު ބަލިޖެހި ހާލު ބޮޑުވާ މީހުން ގިނަވެފައިވާއިރު، ހޮސްޕިޓަލްތައް ފުރި، އޮކްސިޖަނަށްޖެހި، ފަރުވާ ނުލިބި އެތައްބަޔަކު ދަނީ މަރުވަމުންނެވެ. އިންޑިޔާގައި މިދިޔަ ފަސްދުވަހުވެސް ދުވާލެއްގެ މައްޗަށް ކޮވިޑު ޖެހޭ މީހުންގެ އަދަދު ވަނީ ރިކޯޑް އަދަދަކަށް މައްޗަށް ޖެހިލާފައެވެ.

މީގެއިތުރުން އިންޑިޔާގައި ކޮވިޑުގެ ހާލަތު ގޯސްވެފައިވަނީ ސަރުކާރުގެ އިހުމާލުންކަމަށްބުނެ ގިނަބަޔަކު ދަނީ އިންޑިޔާ ސަރުކާރު ކުށްވެރި ކުރަމުންނެވެ. މިގޮތުން ސަރުކާރުގެ އިސްވެރިން ހިމެނޭގޮތަށް އެތައްހާސް ބަޔަކު އެއްކޮށްގެން މިފަހަކުން ކެމްޕޭނުގެ ހަރަކާތްތަކެއް ބޭއްވުމާއި ހިންދޫ ފެސްޓިވަލްތައް ބޭއްވުމަށް ދެވުނު ލުއިތައް ގިނަބަޔަކު ފާހަަގަކޮށްފައިވެއެވެ.

މިފަދަ ކަންކަން އިންޑިޔާގެ ގިނަ އާންމުން ދަނީ ޓްވިޓަރފަދަ މީސްމީޑިޔާގ ވަސީލަތްތައް ބޭނުންކޮށްގެން ހިއްސާ ކުރަމުންނެވެ. އިންޑިޔާ ސަރުކާރުން ވެފައިވާ މިފަދަ އިހުމާލުތައް ހިއްސާކޮށްފައިވާ ޓްވީޓްތައް ނުފެންނަގޮތަށް ސެންސަރ ކުރުމަށް އިންޑިޔާ ސަރުކާރުން މިހާރު ވަނީ ޓްވިޓަރގައި އެދިފައެވެ. އަދި މިކަން ޓްވިޓަރއިންވެސް ވަނީ ޔަގީންކޮށްދީފައެވެ. މިގޮތުން މިހާތަނަށް 50 އަށްވުރެއް ގިނަ ޓްވީޓް ވަނީ ޑިލީޓް ކޮށްލާފައެވެ.

އިންޑިޔާ ސަރުކާރުގެ މިފިޔަވަޅާއިއެކު، ގިނަބަޔަކު ދަނީ މިކަމާ ދެކޮޅަށް އަޑު އުފުލަމުންނެވެ. މިގޮތުން ގިނަބަޔަކު ދަނީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދަރް މޯދީ އަދި ސަރުކާރަށް ފާޑުކިޔައި، އިންޑިޔާގެ ހާލަތާ ގުޅުވައިގެން ސަރުކާރު ކުށްވެރިކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން