އިންޑިޔާގައި ކޮވިޑްޖެހިގެން ހާލު ބޮޑުވާމީހުން ގިނަވެ، އިންޑިޔާގެ ހޮސްޕިޓަލްތައް އޮކްސިޖަނަށްޖެހި ބަލިމީހުން މަރުވާން ދޫކޮށްލުމަށް މަޖުބޫރުވެެފައިވާއިރު، ދުނިޔޭގެ ބޮޑެތި ގައުމުތަކުން މިހާރު ވަނީ އިންޑިއާއަށް އޮކްސިޖަންގެ އެހީ ފޯރުކޮށްދޭން ފަށާފައެވެ.

މިގޮތުން ސައުދީ އަރަބިއްޔާއިން 80 މެޓްރިކް ޓަނުގެ އޮކްސިޖަން އިންޑިއާއަށް ފޮނުވައިދީފައިވާއިރު، ސިންގަޕޫރުން އެހީގެގޮތުގައި ހަދިޔާކުރި 4 ކޮންޓެއިނަރުގެ އޮކްސިޖަން، އިންޑިޔާގެ ސިފައިންް ވަނީ އިންޑިޔާއަށް ގެންގޮސްފައެވެ. މީގެއިތުރުން، އިންޑިޔާއަށް އެހީވުމުގެގޮތުން އެމެރިކާއިން 318 އޮކްސިޖަން ކޮންސެންޓްރޭޓަރގެ އިތުރުން، ކޮވިޑް ވެކްސިން ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި ފަސޭހައިން ލިބޭނެ ލުއިތަކެއް ހޯދައިދީފައިވެއެވެ.

އިނގިރޭސިވިލާތުން ވަނީ 495 އޮކްސިޖަން ކޮންސެންޓްރޭޓަރާއިއެކު، 20 މެނުއަލް ވެންޓިލޭޓަރާއި، 120 ނޮންއިންވޭސިވް ވެންޓިލޭޓަރު އިންޑިޔާއަށް ހަދިޔާކޮށްދީފައެވެ.

އިންޑިޔާއަށް އެހީވުމުގެ ގޮތުން، ފަނޑުވެފައިވާ ގުޅުމުގެ މަތިން ހަނދާންނައްތާލައި ޕާކިސްތާނުންވެސް ވަނީ އެހީވުމަށް އިސްނަގާފައެވެ. މިގޮތުން ވެންޓިލޭޓަރާއި، އޮކްސިޖަންގެ އިތުރުން ޕީޕީއީ، އިންޑިޔާއަށް ފޮނުވައިދޭނެކަމަށް ޕާކިސްތާނުން ވަނީ ހާމަކޮށްފައެވެ.

މީގެއިތުރުން، އޮސްޓްރޭލިއާ، ޔޫއޭއީ، ފްރާންސް، ޖަރުމަނު، ރަޝިޔާ، އަދި ޗައިނާއިންވެސް ވަނީ އިންޑިޔާއަށް އެހީތެރިވާނެކަމަށް ހާމަކޮށްފައެވެ. ނަމަވެސް މިގައުމުތަކުން އިންޑިއާއަށް ފޯރުވައިދިނުމަށް ހަމަޖެހިފައިވާ އެހީތެރިކަމާއިބެހޭ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން