ކޮވިޑުން ރައްކާތެރިވުމަށް އެސްޓްރަރޒެނެކާއިން ތައްޔާރުކޮށްފައިވާ ވެކްސިނުގެ 60 މިލިއަން ޑޯޒު މުޅިދުނިޔެއަށް ފޯރުކޮށްދިނުމަށް އެމެރިކާގެ ވައިޓްހައުސުން އިއުލާންކޮށްފިއެވެ.

ނަމަވެސް އެސްޓްރަރޒެނެކާގެ ކޮވިޑް ވެކްސިނަކީ އަދި އެމެރިކާގައި ބޭނުންކުރުމަށް ހުއްދަދީފައިވާ ވެކްސިނެއްނޫނެވެ. އެމެރިކާގައި ކޮވިޑުން ރައްކާތެރިވުމަށް ބޭނުންކުރަމުންދަނީ ފައިޒަރ، މޮޑަރނަރ އަދި ޖޮންސަން އެންޑް ޖޮންސަން ކުންފުނީގެ ކޮވިޑް ވެކްސިނެވެ.

އެމެރިކާއިން ކޮވިޑް ވެކްސިން މުޅިދުނިޔެއަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަން އިއުލާންކޮށްދެއްވަމުން ވައިޓްހައުސްގެ ކޮވިޑް-19 ރެސްޕޮންސް ކޯޑިނޭޓަރ ޖެފް ޒިއެންޓްސް ވިދާޅުވެފައިވަނީ އެސްޓްރަރޒެނެކާގެ ކޮވިޑް ވެކްސިނަކީ އަދި އެމެރިކާގައި ބޭނުންކުރުމަށް ހުއްދަދީފައިވާ ވެކްސިނެއް ނޫންކަމުގައިވިނަމަވެސް، އެސްޓްރަރޒެނެކާގެ ކޮވިޑް ވެކްސިން އެހެން ގައުމުތަކަށް ފޯރުކޮށްދެވޭނެ ގޮތްތަކެއް ހޯދަމުން ދާކަމަށެވެ.

"އެމެރިކާގައި މިހާރުވެސް ބޭނުންކުރެވެމުންދަނީ ވަރަށް ރަނގަޅު ވެކްސިންތަކެއް. އެސްޓްރަރޒެނެކާގެ ކޮވިޑް ވެކްސިނަކީ އެމެރިކާގައި ބޭނުންކުރުމަށް ހުއްދަދެވިފައިވާ ވެކްސިނެއްނޫން، އަދި އެމެރިކާއަށް އެސްޓްރަރޒެނެކާގެ ކޮވިޑް ވެކްސިނުގެ ބޭނުމެއްވެސް އަދި ނެތް. މިހެންކަމުން އެސްޓްރަރޒެނެކާގެ ކޮވިޑް ވެކްސިން އެހެން ގައުމުތަކަށް ފޯރުކޮށްދިނުމަށް ވަނީ ނިންމާފަ." ޖެފް ވިދާޅުވިއެވެ.

މިކަމާބެހޭގޮތުން ވައިޓްހައުސްގެ ޕްރެސް ސެކްރެޓަރީ ވިދާޅުވެފައިވަނީ ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ކޮވިޑް ވެކްސިނުގެ 10 މިލިއަން ޑޯޒު އެކްސްޕޯޓުކުރުމަށް މަސައްކަތްކުރަމުންދާނެކަމެވެ. އަދި މިއަހަރު މެއި އަދި ޖޫން ހިސާބުގައި ވެކްސިނުގެ ބާކީ 50 މިލިއަން ޑޯޒު އެކްސްޕޯޓުކުރުމަށް ނިންމަވާފައިވާކަމަށް ވިދާޅުވެފައިވެއެވެ.

އެމެރިކާއިން ކޮވިޑް ވެކްސިން ދުނިޔޭގެ އެހެންގައުމުތަކަށް ފޯރުކޮށްދިނުމަށް ނިންމާފައިވާއިރު، މިވެކްސިން ލިބޭނީ ކޮންގައުުމުތަކަކަށްކަމެއް އަދި ތަފްސީލުކޮށްފައެެއް ނުވެއެވެ.

އެމެރިކާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެމެރިކާގެ އާބާދީގެ 53 އިންސައްތަ މީހުންނަށް މިހާރުވަނީ ކޮވިޑް ވެކްސިން ޖަހާފައެވެ. އަދި އެމެރިކާގެ މުޅި އާބާދީއަށްވާވަރަށް ވެކްސިން ހަމަޖެހިފައިވާކަމަށް އެގައުމުގެ ސަރުކާރުން ވަނީ ޔަގީންކަން ދީފައެވެ.

ނަމަވެސް ކޮވިޑުގެ ކޭސްތައް އިތުރުވެފައިވާ އިންޑިޔާފަދަ ގައުމުތަކުގައި ވެކްސިންދިނުމަށް އެތައްގޮންޖެހުމެއް ވަނީ ކުރިމަތިވެފައެވެ. އަދި ދުނިޔޭގެ ފަގީރު ބައެއް ގައުމުތަކަށް އަދިވެސް ވެކްސިން ނުލިބޭކަން ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން