ޓީވީިއެމުން ގެނައި ޕްރޮގްރާމެއްގައި ކުރީގެ ރައީސުންނަށް ހަޖޫޖެހުމުގެ ބަސްތަކެއް ހިމެނުނު މައްސަލައިގައި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން މައާފަށް އެދެފިއެވެ.

އެކަމަށް މައާފަށް އެދި، ޕީއެސްއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިއްޔެ ހަވީރު ޓީވީ މޯލްޑީްވސްއިން ގެނެސްދިން ކުޑަކުދިންގެ ޕްރޮގްރާމް "ކުޑަ މަސައްކަތެއް" ގައި ބައިވެރިޔަކާ ހަވާލުކުރި މަަސައްކަތުގެ ތެރޭގައި ހިމަނާފައިވާ ކޮންޓެންޓަކީ، ރާއްޖޭގެ ބްރޯޑްކާސްޓް ކުރުމުގެ ގާނޫނާއި އެކުންފުނީ ބްރޯޑްކާސްޓް ކުރުމުގެ ގަވާއިދުގެ އިތުރުން އާއްމު އިޖުތިމާއީ މިންގަޑާވެސް ހިލާފު ކޮންޓެންޓެއް ކަމަށް އެ ކުންފުނިން ގަބޫލު ކުރާ ކަމަށެވެ.

ޕީއެސްއެމްގެ ކުޑަކުދިންގެ ޕްރޮގްރާމުގައި ކުޑަކުއްޖަކު ލައްވައި ކިޔުއްވައިގެން މައްސަލަ ޖެހުނު ރައިވަރަކީ ކުރީގެ ރައީސުން ކަމަށްވާ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި ރައީސް އަބުދުﷲ ޔާމީން އަބްދުލްގައްޔޫމްއާ ގުޅޭ ސިޔާސީ ވާހަކަތަކެއް ހިމެނޭ ގޮތަށް ހަދާފައިވާ ރައިވަރެކެވެ.

އެކަމަށްޓަކައި ކަމާބެހޭ ފަރާތްތަކުންނާއި ދިވެހި ރައްޔިތުންގެ ކިބައިން ނިހާޔަތަށް މައާފަށް އެދޭ ކަމަށް ޕީއެސްއެމުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

"މިކަން މިގޮތަށް ހިިނގާފައިވަނީ ލޮކްޑައުންއާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުގެ ތެރެއިން ވީހާވެސް މަދު މުވައްޒަފުންނާއެކު ޓީވީ އާއި ރޭޑިއޯގެ ޓްރާންސްމިޝަން މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މިވަގުތައް ހަމަޖައްސާފައިވާ އިންތިޒާމުތަކާއި އުސޫލުތަކުގެ ބޭރުން ހިނގައިދިޔަ ކަންތައްތަކުގެ ސަބަބުން،" ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އިއްޔެގެ ޕްރޮގްރާމުގެ ތެރެއިން އެމައްސަލަ ސަމާލުކަމަށް އައި ހިސާބުން އެކަމުގައި އިހުމާލުވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކާ މެދު ގާނޫނާއި ގަވާއިދުތަކުގެ ތެރެއިިން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.

"މިކަން އަޅުގަނޑުމެންގެ ސަމާލުކަމަށް އައި ވަގުތުން ފެށިގެން މިކަމުގައި އިހުމާލުވާ ފަރާތްތައް ދެނެގަނެ އެ ފަރާތްތަކާމެދު ގާނޫނާއި ގަވާއިދުތަކުގެ ތެރެއިިން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާކަމުގެ ޔަގީންކަން ވެސް މި ފުރުސަތުގައި އަރުވަން،" ބަޔާނުގައި ބުނެފައިވެއެވެ.

ބަޔާނުގައި ބުނެފައިވަނީ، ޕަބްލިކް ސާވިސް މީޑީއާގެ ހިންގުމާއި މިހާރުގެ މެނޭޖްމަންޓުން ހަވާލުވުމަށްފަހު އެންމެ އިސްކަމެއް ދީފައިވަނީ ދައުލަތުގެ މީޑިއާގެ ގޮތުގައި ހަމަހަމަކަމާއެކު ހަބަރާއި މައުލޫމާތު ފޯރުކޮށްދިނުމަށް ކަމަށެވެ.

އިއްޔެ ޓީވީއެމުން ގެނެސްދިން ރައިވަރުގެ މައްސަލާގައި ގިނަ ބައެއްގެ ނުރުހުން ޓީވީއެމްއަށް އަމާޒުވެފައިވާއިރު، ރައީސް މައުމޫނުގެ ހަގު ދަރިކަލުން މުޙައްމަދު ޣައްސާން މައުމޫން ވެސް މިމައްސަލައިގައި ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން